މާލެ އިން 1،612 ސާމްޕަލް، ކޮވިޑަށް ޕޮޒިޓިވްވީ 21 މީހެއް
މާލެ އިން 1،612 ސާމްޕަލް، ކޮވިޑަށް ޕޮޒިޓިވްވީ 21 މީހެއް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑަށް ޓެސްޓުކުރި 1،612 މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 21 މީހަކު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން މިރޭ ބުނީ އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ޓެސްޓުކުރީ 5،024 ސާމްޕަލް ކަމަށާއި އޭގެ ތެރެއިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ނެގީ 1،612 ސާމްޕަލް ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓުކުރި 5،024 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ އެޗްޕީއޭ އިން ބުނިގޮތުގައި 123 މީހެކެވެ. އެއީ މާލެ ސަރަަހައްދުން ކޮވިޑް ޖެހުނު 21 މީހުންގެ އިތުރުން އެހެނިހެން ރަށްރަށުން 82 އަދި ރިސޯޓުތަކުން 20 މީހެކެވެ.

ރާއްޖެ އިން މިހާތަނަށް 77،432 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލިން ރަނގަޅުވީ 74،598 މީހެކެވެ. ހޮސްޕިޓަލްގައި މިވަގުތު 16 މީހަކަށް ފަރުވާ އެބަދެ އެވެ. ކޮވިޑް ބަލި ތަހައްމަލު ކުރާ 2،601 މީހަކު މިހާރު ތިބިއިރު ރާއްޖެ އިން މިހާތަނަށް 221 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

މިދިޔަ 24 ގަޑިއިރު ރާއްޖެ އިން 123 މީހަކަށް ކޮވިޑް ޖެހުނުއިރު މިއީ އެ ބަލީގެ ކޭސްތައް 100 އިން ދަށުގައި ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު 100 އަށް ވުރެ މަތިވި ފަސްވަނަ ދުވަހެވެ. މިދިޔަ ފަސް ދުވަހު ވެސް ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.

އެންމެ ގިނަ ބަޔަކު ދިރިއުޅޭ މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ދަށްވެފައިވީ ނަމަވެސް ވަކިވަކި ރަށްރަށުގައި އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.

ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި ދަށްވާން ފެށުމުން ސަރުކާރުން ވަނީ މިދިޔަ ބޮޑު އީދުގެ ޗުއްޓީއާ ދިމާކޮށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިން ފުރިހަމަ ކޮށްގެން ކަރަންޓީނު ވުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ.