01 އޯގަސްޓް 2021 - 15:44

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު، ސްކޫލުތަކަށް ދަރިވަރުން ދާ ގަޑި އާއި ކިޔަވައިދޭނެ ގޮތް ކަނޑައެޅުމުގެ މަޝްވަރާ އަދިވެސް ނުނިމޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު "މިހާރު" އަށް ވިދާޅުވީ އެ މަޝްވަރާ މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ގޮތް ނިންމޭހާ އަވަހަކަށް [މީޑިއާއާ] ހިއްސާކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރު ފަށާ މަހަށް ބަދަލު ގެނައުމުގެ މަޝްވަރާ ކުރަމުން އަންނަނިކޮށް، ކޮވިޑްގެ ހާލަތާ އެކު 2019 ވަނަ އަހަރުގެ ކިޔެވުން ދޮޅު އަހަރަށް ދިގު ދަންމާލަން ޖެހުމުން މިހާރު ވަނީ ދިރާސީ އާ އަހަރު ފެށޭ މަސް ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފަ އެވެ.
ކުރިން ދިރާސީ އާ އަހަރު ފަށަނީ ކޮންމެ އަހަރެއްގެ ޖެނުއަރީގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެވެނީ ބަލިން ދިފާއުވާން ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ކަމަށެވެ. އޭގެ ތެރޭގައި ސްކޫލުތަކުގައި ކިޔަވާ ކުދިން ނުހިމެނެ އެވެ.