ސާފް ޗެމްޕިއަންޝިޕަށް އިންޓަނޭޝަނަލް އަދި ލޯކަލް ސްޕޮންސަރުން ހޯދަނީ
ސާފް ޗެމްޕިއަންޝިޕަށް އިންޓަނޭޝަނަލް އަދި ލޯކަލް ސްޕޮންސަރުން ހޯދަނީ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އިން ބިޑުކޮށްފައިވާ އިރު، އިންޓަނޭޝަނަލް އަދި ލޯކަލް ސްޕޮންސަރުންނާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއިން ވަނީ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑުކޮށްފަ އެވެ. ރާއްޖޭގެ އިތުރުން ނޭޕާލުން ވެސް ބިޑު ހުށަހެޅި އެވެ. ބިޑު ހުށަހަޅަން އިންޑިއާއިން ޝައުގުވެރިކަން ފާޅު ކުރި އެވެ. ނަމަވެސް ބިޑު ހުށަހަޅައިފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ސްޕޮންސަރުން ހޯދަން ޖެހޭނީ، މުބާރާތް ހޯސްޓުކޮށް އިންތިޒާމުކުރާ ގައުމުންނެވެ. އިންޑިއާ އާއި ބަންގުލަދޭޝްގައި ބޭއްވި އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް މައި ސްޕޮންސަރަކީ މޮޓޯ ވެހިކަލް އުފައްދާ ކުންފުނި، ޖަޕާންގެ ސުޒުކީ" އެވެ. އެހެންވެ އެ ދެ މުބާރާތުގައި ވެސް ޓައިޓަލް ނަމަކަށް ކިޔައިފައި ވަނީ "ސާފް ސުޒުކީ ކަޕް" އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެރެޓްރީ ހުސައިން ޖަވާޒު، ވިދާޅުވީ ސްޕޮންސަރުންނާ އެކު ވާހަކަތައް ކުރިއަށްގެންދާ ކަމަށެވެ.

"ދެ އޮޕްޝަން [އިންޓަނޭޝަނަލް ނުވަތަ ލޯކަލް ސްޕޮންސަރުން] ވެސް އެބައޮތް،" ޖަވާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. ނުނިންމަން ސީދާ ކޮން އޮޕްޝަނަކަށްތޯ ދާނީ. ލޯކަލް ސްޕޮންސަރުންނާއެކު ވެސް މިދަނީ ވާހަކަ ދައްކަމުން."

ރާއްޖެ އާއި ނޭޕާލުން ހުށަހަޅައިފައިވާ ބިޑު ދިރާސާ ކުރުމުގެ މަސައްކަތް ފަށާނީ އަންނަ ބުރާސްފަތި ދުވަހަށް ފަހު ކަމަށް ސާފުގެ ސެެކެރެޓެރީ ޖެނަރަލް އަންވާރުލް ހައްގު ވިދާޅުވި އެވެ.

ރާއްޖެއިން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބޭއްވީ ލަންކާ އާ ދެ ގައުމު ގުޅިގެން 2008 ގަ އެވެ. އޭރު ގުރޫޕް އޭގެ މެޗުތަކާއި ސެމީ ފައިނަލު އެއް މެޗު ކުޅުނީ ރާއްޖޭގަ އެވެ. ކޮލަމްބޯގެ ސުގަތަދާތަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗު ރާއްޖެއިން ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.

މި އަހަރު ބާއްވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕަށް ވެސް ރާއްޖެއިން އެންމެ ފުރަތަމަ ވިސްނުން ގެންގުޅުނީ ލަންކާ އާ ގުޅިގެން މުބާރާތަށް ބިޑު ކުރުމަށެވެ.

އެހެންނަމަވެސް ސާފުގެ ހަތް ގައުމުގެ ތެރެއިން ދެ ގައުމަކުން މުބާރާތުގައި ބައިވެރި ނުވާތީ، ދެ ގުރޫޕަކަށް ބަހައިގެން މެޗުތަކެއް ނުކުޅެ އެވެ. އަދި ސެމީ ފައިނަލު މެޗުތަކެއް ނުކުޅޭނެ އެވެ. ބޫޓާން އާއި ޕާކިސްތާން މުބާރާތުގައި ވާދަ ނުކުރާނެ އެވެ. ބޫޓާން ވާދަ ނުކުރަން ނިންމީ، ކޮވިޑުގެ ހާލަތު އޮތް ގޮތުން އެ ޓީމު ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެޝަނެއްގަ އެވެ. ފަސް ގައުމު ގެ މެދުގައި ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ.

ރާއްޖެ އާއި ނާޕާލްގެ ތެރެއިން ކޮންމެ ގައުމަކުން ބިޑު ކާމިޔާބު ކުރިއަސް އެކަން ވެގެންދާނީ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑް އެވޯޑް ކުރާ ތިން ވަނަ ގައުމަށެވެ. އެންމެ ފުރަތަމަ ޕާކިސްތާންގައި ބާއްވަން އިއުލާން ކުރި މުބާރާތް ބަންގްލަދޭޝް އަށް ބަދަލުކުރީ އެ ގައުމުން އެދުމުން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއީ އެ ގައުމުގެ ބާނީ، ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގެންނެވިތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ވެސް ބޭއްވި ބަންގްލަދޭޝްގަ އެވެ. އެ ފަހަރުގެ މުބާރާތް ރާއްޖެ އިން ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން އޮތް މުބާރާތް މި އަހަރަށް ފަސް ކުރީ ކޮވިޑާ ގުޅިގެންނެވެ. ސާފުގެ މިހާރުގެ ވިސްނުމަކީ އޮކްޓޫބަރު މަހު ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މުބާރާތް ބޭއްވުމެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި ނިންމައިފައެއް ނުވެ އެވެ.