02 އޯގަސްޓް 2021 - 23:35

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގައި ދައުވާ އުފުލުނު މީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ނެތްތޯ ސުވާލު ކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަނިކުފާނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބެހޭ ގޮތުން "ރާއްޖެ އެމްވީ" ގައި ޖެހި ރިޕޯޓެއް ޓްވިޓާގައި ހިއްސާކުރައްވަމުން، ރައީސަށް ނިސްބަތްކުރައްވައި ޖަމީލް ތިން ސުވާލެއް ކުރެއްވި އެވެ. އެގޮތުން ފުރަތަމަ ސުވާލުކުރެއްވީ "ސިޔާސީ ތަހުގީގު" ހިންގުމާއި ޕްރޮޕަގެންޑާ ލިޔުންތަކުން ރިލްވާންގެ އާއިލާ އަށް ތަސައްލީ ލިބޭތޯ އެވެ. ދެން އޭނާ ސުވާލު ކުރެއްވީ ރިލްވާން މައްސަލައިގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ދައުވާ އުފުލުނު މީހުން ރައީސް އަރިހުގައި ނެތްތޯ އެވެ. ސައްވީސް ގަޑިއިރުން ކުރަން ވައުުދުވި ކަންތަކަށް ތިން އަހަރާ ކައިރިނުވޭތޯ" ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.
"ނާގާބިިލުކަމުގެ ރަން ވަނަ ރައީސް ސޯލިހަށް ލިބިއްޖެ" ޖަމީލް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ރިލްވާން ގެއްލުވައިލި މައްސަލައާ ގުޅުވައިގެން ޖަމީލް ފާޑުވިދާޅުވާން ފެއްޓެވީ އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސުވާލުކުރަން މަރު ކޮމިޝަނުން ނިންމުމުންނެވެ. ގޮތްނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެ ކޮމިޝަނަށް ޔާމީނު މާދަމާ ހާޒިރުވެވަޑައިގަންނަވަން އެކޮމިޝަނުން ވަނީ އަންގައިފަ އެވެ.
ޖަމީލް މީގެ ކުރިން ތުހުމަތުކުރައްވާފައިވާ ގޮތުވައި ކޮމިޝަނުން ޔާމީންއާ ސުވާލު ކުރަނީ އެކޮމިޝަން ފެއިލްވުމުންނެވެ.
މަރު ކޮމިޝަން "ކުއްލިއަކަށް ހޭލައިފި" ކަމަށް ވިދާޅުވެ، އިއްޔެ ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ނިޔަތަކީ އެކި ގޮތްގޮތުން ޔާމީނަށް އަނިޔާވެރިވުން ކަމަށެވެ. އަދި ކޮމިޝަން ފެއިލްވެ ރައްޔިތުން އެކަމާ ގުޅިގެން ސުވާލުކުރަން ފެށުމުން އައްޑަނައަކަށް ހެދީ ޔާމީން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކޮމިޝަނަށް ޔާމީން ހާޒިރުކުރަނީ ނޫސްވެރިޔާ، ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.
ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސް އެޅި ކަމަށް ވެސް ވާހަކަ ދެއްކެވުނެވެ. އެކަމަކު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ތަހުގީގަށް ޔާމީން ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ.
ރިލްވާންގެ މައްސަލައިގައި މީގެ ކުރިން ކޮމިޝަނުން ހާމަކޮށްފައި ވަނީ ރިލްވާން ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.