އިންސާނީ ހައްގުތަކަށް އަރައިގަތްކަމުގެ ތުހުމަތުން ސަލާމަތްވާން ޓްރަމްޕުގެ އެހީ ލަންކާ އިން ހޯދަނީ
އިންސާނީ ހައްގުތަކަށް އަރައިގަތްކަމުގެ ތުހުމަތުން ސަލާމަތްވާން ޓްރަމްޕުގެ އެހީ ލަންކާ އިން ހޯދަނީ

ކޮލަމްބޯ (ނޮވެމްބަރު 27) - ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުން ސްރީ ލަންކާ ސަލާމަތްކޮށް ދިނުމުގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ޕްރެޝަރު ކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާގެ އޮފީހުން މިއަދު ބުނީ ލަންކާގެ މައްޗަށް ތުހުމަތުކޮށްފައިވާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށުން ސަލާމަތްކޮށް، އާ ފެށުމަކުން ފެށުމަށް ޓްރަމްޕުގެ އެހީ އަށް އެދި ޚާއްސަ މެސެޖެއް ފޮނުވާފައިވާ ކަމަށެވެ. ސިރިސޭނާ ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވާ އެންޓޯނިއޯ ގުޓަރެސް އަށް ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވާނެ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން މިދިޔަ މަހު ސްރީ ލަންކާ އަށް ކުރެއްވި ދަތުރުގައި ސިރިސޭނާ ވަނީ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި މަދަނީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައި އިރު އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެކަން ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

ލަންކާ އިން ބުނީ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ޚާއްސަ ކޯޓުތަކެއް އުފައްދާނެ ކަމަށެވެ. ނަމަވެސް އަދިވެސް އެކަން ކޮށްފައެއް ނުވެ އެވެ.

ލަންކާގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކައުންސިލުން ވަނީ 2012-2014 އިން ތިން ގަރާރެއް ފާސްކޮށްފަ އެވެ. މި ގަރާރުތައް ފާސް ކުރުމުގައި އެމެރިކާ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ބަރަކް އޮބާމާ ސަރުކާރުން ވަނީ ލަންކާއާ މެދު ލުއި ގޮތަކަށް ބަލަން ފަށައިފަ އެވެ.