05 އޯގަސްޓް 2021 - 22:48

ކޮވިޑް-19 އަށް މިއަދު ޕޮޒިޓީވްވި 104 މީހުންނާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު 2،512 އަށް އަރައިފި އެވެ.
ފާއިތުވި 24 ގަޑިއިރު ޓެސްޓުކުރި 6،237 ސާމްޕަލުން މާލެ ސަރަހައްދުން 35 މީހުންނާއި ރަށްރަށުން 56 މީހަކު މި ބައްޔަށް ޕޮޒިޓީވްވެފައި ވެ އެވެ. އަދި ރިސޯޓުތަކުން 13 މީހަކަށް ބަލި ޖެހިފައި ވެ އެވެ. އަދި މިހާރު ހޮސްޕިޓަލުގައި މި ބަޔަށް 20 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މި ބަލީގައި މިހާތަނަށް ރާއްޖެ އިން 222 މީހަކު މަރުވެފައި ވެ އެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ރަށްރަށުގައި ކޭސްތައް ވަނީ ފާއިތުވި ދުވަސްތަކުގައި އިތުރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިދިޔަ މަހުން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ.
އެޗްޕީއޭ އިން މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ޕާޓީތަކާއި ހަފުލާތަކުގައި ގިނަ މީހުންނަށް ބައިވެރިވޭ ގޮތް ހެދުމާއި ފިހާރަތާކައި ކެފޭ/ރެސްޓޯރެންޓްތައް އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ އާއި އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަ އަދި ސްކޫލްތަކާއި ކޮލެޖް/ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހިމެނެ އެވެ.
ޕީސީއާރު ޓެސްޓާ ނުލައި ރަށްރަށަށް ދެވޭނެ އުސޫލެއް ވެސް މިއަދު އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ، އެ ރަށަކަށް ދަތުރުކުރާ އިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ.
މިހާތަނަށް ދިން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ފަހުން ކަރަންޓީނުނުވެ، މޮނީޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުން ވެސް ހިމެނެ އެވެ.