07 އޯގަސްޓް 2021 - 17:56

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުލުހުންގެ ބޮޑު މަޝްރޫއަށް އެ ގައުމުގެ 600 އެއްހާ މީހުން ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކުންފުންޏާ ހަވާލުކޮށްގެން ދިވެހި ސަރުކާރުން ކުރިއަށް ގެންދަނީ ފުލުހުންގެ ގިނަ އިމާރާތްތަކެއް އެޅުމުގެ ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ފުލުހުންގެ 61 އިމާރާތް އަޅަން ވަނީ ހަމަޖެހިފަ އެވެ.
އިންދިރާ ޕްރޮޮޖެކްޓްސްގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ. މީހުން ހޮވުމުގައި އިސްކަން ދެނީ ކުރިން މެދުއިރުމަތީގެ ގައުމުތަކުގައި މަސައްކަތްކުރި މީހުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންނަށް ކަމަށް ނޫސްތަކުގައިވެ އެވެ.
އިންޑިއާގެ މީޑިއާގައިވާ ގޮތުން އެ މީހުން ރާއްޖެ ގެންނަން ޚާއްސަ ފްލައިޓްތަކެއް ބާއްވާނެ އެވެ. އަދި އެ މީހުން ރާއްޖެ އެތެރެވާން ވިސާ ލިބޭނެ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ރާއްޖެ ގެންނަން ނިންމިއިރު، ގިނަ މަޝްރޫއުތަކެއް ހިންގަން ސަރުކާރުން އޮތީ އެ ގައުމުގެ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ތިލަފުއްޓާއި ގުޅީފަޅާއި މާލެ ގުޅުވާލަން އަޅާ ބްރިޖްގެ މަޝްރޫއު ވެސް ހިމެނެ އެވެ.