08 އޯގަސްޓް 2021 - 10:38

ކާބުލް (އޮގަސްޓް 8) - އަފްގާނިސްތާނުގެ މުހިންމު ރަށްތަކެއް ތާލިބާންގެ ހަނގުރާމަވެރިން ހިފައިފި ކަމަށް، އެ ޖަމާއަތުން މިއަދު ބުނެފި އެވެ.

ތާލިބާނުން އެންމެ ފަހުން ހިފި އެންމެ މުހިންމު އެއް ރަށަކީ، އަފްގާނިސްތާނުގެ އުތުރުގައި އޮންނަ ޖައުޒްޖާން ޕްރޮވިންސްގެ ވެރިރަށް ޝެބެރްޣާން އެވެ. ތާލިބާނުން އެ ރަށް ހިފީ، ސަރުކާރު ސިފައިންނާ ދެކޮޅަށް ދެ ދުވަސް ވަންދެން ކުރި ވަރުގަދަ ހަނގުރާމަ އަށް ފަހު، އިއްޔެގެ ވަގުތެއްގަ އެވެ.
އަފްގާނިސްތާނުގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުގައި، ސަރުކާރު ސިފައިން އަދިވެސް ތިބީ ޝެބެރްޣާންގަ އެވެ. އަދި ތާލިބާންގެ ހަނގުރާމަވެރިން ވަރަށް އަވަހަށް އެ ރަށުން ބޭރުކުރާނެ ކަމަށް ވެސް ދިފާއީ ވުޒާރާ އިން ބުނެ އެވެ.
ޝެބެރްޣާން އަކީ ދެ ދުވަސް ތެރޭގައި ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ، ސަރަހައްދީ ދެ ވަނަ ވެރިރަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ދެމުން ދިޔަ ހަމަލާތަކުގައި، ސަރުކާރު ސިފައިން ބަލި ކުރުމަށް ފަހު ތާލިބާނުން ވަނީ، ހުޅަނގު ދެކުނުގައި އޮންނަ ނިމްރޯޒް ޕްރޮވިންސްގެ ވެރިރަށް ޒަރަންޖް، މިދިޔަ ހުކުރު ދުވަހު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
ބައެއް މީޑިއާތައް ބުނާ ގޮތުގައި، ދެ ޕްރޮވިންސެއްގެ ދެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔުމަކީ ސަރުކާރު ސިފައިންނަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ. އެ ދެ ރަށް ހިފުމުގެ އިތުރުން، ދެކުނުގައި އޮންނަ ލަޝްކަރުގާހް އާއި އުތުރުގައި އޮންނަ ކުންދޫޒްގައި ތާލިބާންގެ ހަނގުރާމަވެރިން މިހާރު އަންނަނީ، ސަރުކާރު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ވިހި އަހަރަށް ފަހު، އެމެރިކާ އާއި ނޭޓޯގެ ސިފައިން، މިދިޔަ މެއި މަހުގެ ތެރޭގައި އަފްގާނިސްތާނުން ފައިބަން ފެށުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އަދި މިދިޔަ ޖޫން މަސް ނިމުމާ އެކު، މަދު ބަޔަކު ފިޔަވައި އެމެރިކާ ސިފައިންގެ އެންމެން އަފްގާނިސްތާނުން ފޭބުމާ އެކު، ސަރުކާރު ސިފައިންނަށް ވަނީ ތާލިބާން ހަނގުރާމަވެރިން މައިތިރި ކުރުމުގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
މިދިޔަ ޖުލައި މަހުގެ މެދަކާ ހަމައަށް ދިޔަ އިރު، ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ރަށްފުށު ސަރަހައްދުގެ ގިނަ ރަށްތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އެއަށް ފަހު މިހާރު ތާލިބާނުންގެ ހަމަލާތައް އަމާޒުކުރަމުން ދަނީ، ބޮޑެތި ސަހަރުތަކަށާއި މައި ރަށްތަކަށެވެ.
ތާލިބާނުންގެ ބާރުގެ ދަށަށް އިއްޔެ ގެންދިޔަ ޝެބެރްޣާން އަކީ، ކުރީގެ ނައިބު ރައީސް އަބްދުއްރަޝީދު ދުސްތުމްގެ މަދަދުގާރުން ގިނަ އަދި އޭނާގެ އުފަން ރަށެވެ. އެ ރަށުގައި ތާލިބާނުންނާ ދެކޮޅަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަނީ، އަބްދުއްރަޝީދު ދުސްތުމް އަށް ވަފާތެރި، ކުރީގެ ހަނގުރާމަވެރިންނެވެ.
ޝެބެރްޣާން ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ޖަމާއަތުން ބުނި ނަމަވެސް، އަފްގާނިސްތާނުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެ ރަށުގެ މައި ތަންތަން އަދިވެސް އޮތީ ސަރުކާރު ސިފައިންގެ ބާރުގެ ދަށުގަ އެވެ. އޭގެ ތެރޭގައި ވައިގެ ބަނދަރާއި ގަވަރުނަރުގެ އޮފީސް ވެސް ހިމެނެ އެވެ.
ނަމަވެސް އެ ރަށުގެ ކައުންސިލްގެ ވެރިޔާ ބާބޫރް އެޝީ ބީބީސީ އަށް ކިޔައިދިން ގޮތުގައި، އެ ރަށުގައި ތިބި ސަރުކާރު ސިފައިންގެ މަރުކަޒު ފިޔަވައި ހުރިހާ ސަރަހައްދެއް މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. ތާލިބާނުން އެ ރަށް ހިފުމަށް ފަހު އެ ރަށުގައި ހުރި ޖަލު ހުޅުވާލައި ހުރިހާ ކުށްވެރިން ވަނީ މިނިވަންކޮށް ދޫކޮށްލައިފަ އެވެ.