08 އޯގަސްޓް 2021 - 13:59

ޓޯކިޔޯ (އޯގަސްޓް 8) - ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޯންގްގެ ބެޖު ޗައިނާގެ އެތުލީޓުން ބޭނުން ކުރި މައްސަލައިގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން އިންޒާރު ދިނުމުން އެ ބެޖު ބޭނުން ނުކުރަން ޗައިނާ އިން ނިންމައިފި އެވެ.

އޮލިމްޕިކްސްގައި ވާދަކުރާ ޗައިނާގެ ދެ އެތުލީޓުން ކަމަށްވާ ބާއޯ ޝަންޖޫ އާއި ޒޯންގް ޓީއާންޝީ މެޑަލް ހޯދުމަށް ފަހު، މެޑަލްއާ ހަވާލުވާން ދިޔައީ މާއޯގެ ބެޖު މޭ މަތީގައި ޖަހައިގެންނެވެ.
އޮލިމްޕިކްސްގައި ސީޔާސީ އެއްވެސް ރަމްޒެއް ބޭނުން ކުރުމަކީ މަނާކަމެކެވެ. އޮލިމްޕިކް ޗާޓާރާ އެ ދެ އެތުލީޓުން ހިލާފުވުމުން އައިއޯސީން ދިނީ އިންޒާރެވެ.
އައިއޯސީން ބުނީ އަލުން އެ ބެޖު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފައިވާ ކަމަށެވެ.
ޝޮޓް ޕުޓް އިން ރިހި މެޑަލް ހޯދި އެމެރިކާގެ އެތުލީޓް ރާވެން ސައުންޑާސް ވަނީ މެޑަލް ޕޯޑިއަމް އަށް ގޮސް އޭނާގެ ދެ އަތް ހުރަސްކޮށް އިޝާރާތުން ޝުއޫރު ފާޅުކޮށްފަ އެވެ. އައިއޯސީން ދަނީ އެ މައްސަލަ ތަހްގީގު ކުރަމުންނެވެ. ރާވެން ބުނީ އޭނާގެ އެ އަމަލަކީ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކަމާ ދެކޮޅު ހެދުމުގެ ގޮތުން ހާމަކުރި އިޝާރާތެއް ކަމަށެވެ.
މާއޯއޯ އަކީ ޗައިނާގެ ފައުންޑަރެވެ. އަދި ކޮމިޔުނިސްޓް ފިކުރުގެ މައްޗަށް ޗައިނާގެ ވެރިކަމުގެ ނިޒާމް ބައްޓަން ކުރެއްވީ އޭނާ އެވެ. ޗައިނާގެ ރައީސްކަން 1949 އިން ފެށިގެން 1976 ވަނަ އަހަރު އޭނާ އަވަހާރަވުމާ ހަމައަށް ކުރެއްވި އެވެ.