08 އޯގަސްޓް 2021 - 13:36

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބެން ޖެހޭ ކަމަށައި އެ ކަމަށް ގޮތްތަކެއް ރާވަމުން އަންނަ ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން މި ސަރުކާރުން އެކުލަވައިލި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޮގަސްޓް 8، 2014 ގައި ރިލްވާން ގެއްލުވާލިތާ މިއަދަށް ހަތް އަހަރު ފުރުމާ ގުޅިގެން މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ އަމާޒަކީ އެ ޖަރީމާ ހިންގުމުގައި ކުޑަ ނަމަވެސް ބައިވެރިވުމެއް އޮތް ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.
ތަހުގީގު ހިންގުމުގައި ގިނަ ހުރަސްތަކެއް ހުރި ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ މައުލޫމާތު އެނގޭ މީހުން ހެކިބަސް ދިނުމަށް ޖެހިލުންވާ މައްސަލަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުން ބުންޏެވެ.
"...މީގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެ، މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމުގައި ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަރު ކޮމިޝަނުން ބުނިގޮތުގައި، ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މިހާރު ވެސް އަންނަނީ އެކުލަވައިލަމުންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ރާއްޖޭގެ އިޖުތިމާއީ، ސިޔާސީ، ދީނީ އަދި އާބާދީގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ރިލްވާންއަށް ވީގޮތުގެ ހަގީގަތް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އާއި އޭނާއަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ ސުވާލު އުފައްދަމުންނެވެ.