09 އޯގަސްޓް 2021 - 12:54

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހު ދިން ބޮޑެތި ލުއިތަކަށް މަސް ދުވަސްވީ އިރު 177،628 ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށާއި އެކަމަކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނިސްބަތުން ދިޔައީ ދަށަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ މައުލޫމާތަށް ބަލާއިރު މިދިޔަ މަހުގެ 8 ވަނަ ދުވަހު ލުއި ދިނުމާ ހަމައަށް ހިނގި މަސް ދުވަހުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ 141،609 ސާމްޕަލެވެ. އެއީ މިދިޔަ ޖޫން 8 އިން ފެށިގެން ޖުލައި 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 6،222 މީހެކެވެ. ޕޮޒިޓިވިޓީ ރޭޓަށް ބަލާ ނަމަ އެއީ 4.39 ޕަސެންޓެވެ.
ބޮޑު އީދާއި ސްކޫލު ޗުއްޓީ އަދި މިނިވަން ދުވަހުގެ ބަންދު ގާތްވެފައި ވަނިކޮށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެޗްޕީއޭ އިން ލުއި ދީ، ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ވުމުން ކަރަންޓީނު ނުވެ ރަށަށް ދެވޭ ގޮތް ހެދި އެވެ. މި ބަދަލާ އެކު ގިނަ ބަޔަކު ރަށްރަށަށް ދާން ޓެސްޓްކުރި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ ޖުލައި އަށަކުން އިއްޔެގެ ނިޔަލަށް 177،628 ސާމްޕަލް ނަގާފައިވާ ކަމަށެވެ. މިއީ ލުއި ދިނުމުގެ އެއް މަސް މަސް ދުވަސް ކުރިން 36،019 ސާމްޕަލްގެ އިތުރު އަދަދެކެވެ.
ލުއިދިން ފަހުން ގިނަ ބަަޔަކު ކޮވިޑަށް ޓެސްޓްކުރި އަދަދު އިތުރު ވިޔަސް ކޮވިޑަަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނިސްބަތުން ދިޔައީ ދަށަށެވެ. މިދިޔަ މަސް ދުވަހު ޕޮޒިޓިވްވެފައި ވަނީ 3،519 މީހެކެވެ. މިއީ 1.98 ޕަސެންޓެވެ.
ރާއްޖެއިން މިހާތަނަށް 284،329 މީހަކު ވެކްސިން ފުރިހަމަކޮށްފައިވެ އެވެ. އަދި 330،504 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އެއްވެސް ޑޯޒެއް ނުޖައި މިހާރު ތިބީ އެންމެ 21 އަކަށް ޕަސެންޓް މީހުން ކަމަށް މިދިޔަ ހަފްތާގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމެވެ. ވެކްސިން ޖެހުމަށް މަޖުބޫރު ނޫން ނަމަވެސް ވެކްސިން ޖަހައި މީހުންނާއި ނުޖަހާ މީހުންގެ މެދުގައި ހިދުމަތް ހޯދުމުގައި ތަފާތު ކުރުންތައް ގެންގުޅުމަށް ނިންމާފައިވެ އެވެ.
އެޗްޕީއޭ އިން ކުރިން ބުނެފައި ވަނީ ދިން ލުއިތަކާ އެކު ކޮވިޑްގެ ކޭސްތައް އިތުރުވާކަން އެނގޭނީ މާލެއިން ރަށްރަށަށް ދިޔަ މީހުން އަނބުރާ އައުމުން ކަމަށެވެ. ސްކޫލް ޗުއްޓީ ނިމޭތީ މިހާރު ގިނަ ބަޔަކު އެނބުރި މާލެ އަންނަމުން ދިޔަ ނަމަވެސް އަދި ޕޮޒިޓިވިޓީ ރޭޓަށް ބަދަލެއް އަންނަކަން ފާހަގައެއް ނުވެ އެވެ. މިގޮތަށް އަންނަ ބަދަލުތައް ނަންބަރުތަކުން އެނގެން އާންމު ގޮތެއްގައި ދެ ހަފުތާއެއްހާ ދުވަސް ނަގަ އެވެ.