16 އޯގަސްޓް 2021 - 09:46

މަނީ ލޯންޑަރިންގެ ކުށުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުކުމް ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެ މައްސަލައިގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެހެންވެ، ޔާމީންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށެވެ. އަދި ދެވަނަ އަޑުއެހުން 13 ވަނަ ދުވަހުގެ އެ ވަގުތަށެވެ. މިކަން ޕީޖީ އޮފީހުން ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވާއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގުރި ދޫކުރި މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ ވެސް ޔާމިންގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ދަށު ކޯޓުގައި ކުރިއަށް ދެ އެވެ.
އޭގެ އިތުރުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ފުލުހުން ޔާމީނަށް ކުރެ އެވެ. އެ މައްސަލައިގެ ތަހުގީގު ވެސް ކުރިއަށް ދެ އެވެ.
ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ވޮޑަމުލާގެ ފައިސާ ޖަމާކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޔާމީން ޖަމާކުރެއްވި އެވެ. އަދި އެސްއޯއެފުން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި މަންފާވާ ގޮތަށް އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލެއްވި ކަމަށް ބުނެ އެވެ.
ވޮޑަމުލާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އެންމެ ފަރަތަމަ ބެއްލެވީ އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމެވެ. ނަމަވެސް، ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުއްވި ސިޔާސީ ކުރެހުމަކާ ގުޅިގެން އޭނާ ސަސްޕެންޑުކޮށް މަގާމުން ވަކި ކުރަން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވުމުން ދެން މައްސަލަ ބެލީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ އެ ހުކުމް ގޯސް ކަމަށެވެ.
މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް، ޔާމީން ހުންނެވީ ބަންދަށް ބަދަލުކޮށްފަ އެވެ. ކަރެކްޝަންސް އިން ބުނާ ގޮތުގައި އެ މަނިކުފާނު ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.