ހަށިވިއްކާ މައްސަލާގައި ދާންދޫން ހަތް މީހަކު ހައްޔަރުކޮށްފި
ހަށިވިއްކާ މައްސަލާގައި ދާންދޫން ހަތް މީހަކު ހައްޔަރުކޮށްފި

ގއ. ދާންދޫގައި ހަށި ވިއްކާ ކަމުގެ ތުހުމަތަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ އަންހެނަކާއި ދިވެހި ދެ ފިރިހެނުންގެ އިތުރުން ބިދޭސީ ތިން ފިރިހެނެކެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރާ ކަމަށް ބުނި ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެކަމަކު ދާންދޫން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހައްޔަރުކުރި ދެ އަންހެނުންނަކީ ފުވައްމުލަކުން މީގެ ދެތިން ދުވަހެއް ކުރިން އެ ރަށު ބޯޓެއްގައި އައި ބައެކެވެ.

"އެ ބޯޓު މި ރަށަށް ޖެއްސީމަ އެމީހުން ރޭގަނޑު މި ރަށަށް ފޭބީ. މިކޮޅުން ވެސް ބަޔަކާ ގުޅިގެން ކަމަށް ވަނީ އެކަމެއް އެ ކުރީ. އެކި ރަށްރަށަށް ދާ ދެ ކުދިން ކަމަށް މައުލޫމާތު ލިބެނީ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ހަށި ވިއްކިކަމުގެ ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރީ ފުލުހުން އެ މީހުންނަށް ފާރަލަމުންދާތާ ދުވަސްކޮޅެއް ފަހުންނެވެ. ދާންދޫން ވާހަކަ ދެއްކި މީހާ ބުނީ ހައްޔަރުކުރީ ހަށި ވިއްކަން ތިއްބާ ކަމަށެވެ.

ހައްޔަރުކުރި މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ވިލިނގިއްޔަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހަށި ވިއްކަން ތިބި ގޭގެ މީހަކު ވެސް ހިމެނެ އެވެ.