"އިންޑިއަން އައިޑޮލް" އަކީ ޕަވަންދީޕް
"އިންޑިއަން އައިޑޮލް" އަކީ ޕަވަންދީޕް

ސޮނީ ޓީވީގެ "އިންޑިން އައިޑޮލް" ސީޒަން 12 ޕަވަންދީޕް ޕަވަން ކާމިޔާބުކޮށްގެން އާދީއްތަ ދުވަހުގެ ރޭ ނިންމާލައިފި އެވެ.

އޭނާ ޝޯގެ ޓްރޮފީ އުފުލާލި އިރު، ކުރިން ވެސް ވަރަށް ގިނަ ބަޔަކު ބުނަމުން އައީ އައިޑޮލް ކާމިޔާބުކުރާނީ ޕަންވަތީޕް ކަމަށެވެ. ހުންނަ މަޑުމައިތިރި ސިފައާ ހިލާފަށް ޕަވަންދީޕަކީ ހުރިހާ ވައްތަރެއްގެ ލަވައެއް ވެސް ވަރަށް މޮޅަށް ކިޔައި، ވަރުގަދަ ހިތްގައިމު އަޑެއްގެ ވެރިއެކެވެ.

"އިންޑިއަން އައިޑޮލް 12" ގެ ޓްރޮފީއާ އެކު ޕަވަންދީޕަށް 25 ލައްކަ ރުޕީސް ވެސް ލިބުނެވެ. އުތުރާކަންދަށް އުފަން 25 އަހަރުގެ ޕަވަންދީޕް ބުނީ ޝޯ ކާމިޔާބުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާ ކުރިއަށް އޮތް ތަނުގައި ވެސް ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެންނާނެ ކަމަށެވެ.

އައިޑޮލްގެ ތެރޭގައި ވެސް ޕަވަންދީޕަށް ލަވަ ރެކޯޑްކުރަން އެތައް ފުރުސަތެއް ލިބިފައިވެ އެވެ.

ޕަވަންދީޕާ އެކު މި ފަހަރުގެ ސީޒަންގައި ޖުމްލަ ހަ ބައިވެރިޔަކު ފިނާލޭގައި ވާދަކުރި އެވެ. އެއީ ދެވަނަ ލިބުނު އަރުނީތާ ކަންޖީލާލް އާއި ސަޔާލީ ކަމްބްލޭގެ އިތުރުން މުހައްމަދު ދާނިޝްގެ އިތުރުން ޝަންމުކަޕްރިޔާ އާއި ނިހާލް ތުރާއޯ އެވެ.

"އިންޑިން އައިޑޮލް 12" ގެ ފިނާލޭ އަކީ މި ޝޯގެ މިހާތަނަށް ބޭއްވި އެންމެ ފޯރި ގަދަ އަދި އެންމެ ދިގު ފިނާލޭ ޝޯ އެވެ. ޝޯގައި ވަރަށް ގިނަ މަޝްހޫރު ފަންނާނުން ވެސް ޕަފޯމްކުރި އެވެ. އޭގެ ތެރޭގައި ކުމާރު ސާނޫ، އަލްކާ ޔަގްނިކް، ސުކްވިންދަރު ސިންގް، މިކާ ސިންގް، ޖާވިދު އަލީ އަދި ޝޯގެ ހޯސްޓް އަދިތިޔާ ނާރަޔަންގެ ބައްޕަ އުދިތު ނާރަޔަން ހިމެނެ އެވެ.

"އިންޑިއަން އައިޑޮލް 12" އާދީއްތަ ދުވަހުގެ ރޭ ނިންމައިލީ ޝޯ ފެށިތާ ގާތްގަނޑަކަށް 10 ވަރަކަށް މަސް ފަހުންނެވެ. އެހެންވެ މިއީ 2004 ގައި "އިންޑިއަން އައިޑޮލް" ގެނެސްދޭން ފެށި ފަހުން، މިހާތަނަށް އެންމެ ދިގުލައިގެން ދިޔަ އައިޑޮލް ޝޯ އެވެ.