16 އޯގަސްޓް 2021 - 20:24

ރާއްޖެއަށް 98 ކިލޯ މަސްތުވާތަކެތި އެތެރެ ކުރި މައްސަލާގައި ސ. ހިތަދޫ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މައްސަލަ ބަލަން އެ ކޯޓުން ނިންމުމާ ގުޅިގެން އެ ކޮމިޝަނުން މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އައްޑު އަށް ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 98 ކިލޯގެ ޑްރަގްގެ މައްސަލައިގައި 10 މީހަކަށް ހިތަދޫ ކޯޓުގައި ދައުލަތުން ދައުވާ ކުރާއިރު، އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާ ދެމުންދާ ކަން ކަށަވަރު ކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ކުރިން އަމުރެއް ނެރުނެވެ. އަދި އޭނާ އާއި އެ މައްސަލައިގައި ދައުވާ ލިބޭ އިތުރު މީހަކު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުން އެކަން ބެލުމަށް ވެސް އެޗްއާރުސީއެމްގެ މައްޗަށް އެ ކޯޓުން އަމުރު ކުރި އެވެ.
އެ ދެ މީހުންގެ ބަންދު މުރާޖައާ ކުރުމަށް ފަހު، ހިތަދޫ ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮޮތްތޯ ބެލުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ.
އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި އެ ކޮމިޝަނުން މަސައްކަތްކުރީ އަމުރު މުރާޖައާ ކުރަން ހުށަހަޅައި، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށާއި ހިތަދޫ ކޯޓުގެ އެންގުމަކަށް އަމަލު ކޮށްފައި ނުވާތީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހިތަދޫ މެޖިސްޓްރޭޓުން އެ މައްސަލާގައި އަމަލު ކޮށްފައި ވަނީ އެ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭ ގޮތަށް ކަމަށެވެ.
ހިތަދޫ ކޯޓުން އެ މައްސަލަ ބަލަން އަމުރު ކޮށްފައި ވަނީ 10 ދުވަސް ތެރޭގައި ކަމަށާއި އެއީ އެ ކޮމިޝަނަށް ގާނޫނީ ގޮތުން ލިބޭ ބާރުތައް ހަނިވެ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ އެ އަމުރުތަކާ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި އެ ކޯޓުން ބުނެފައި ވަނީ އަމުރު ނެރެން ޖެހުނީ އެ ކޯޓުގައި ސިޓީ ފޯމެޓެއް ނެތުމުން ކަމަށާއި އެ ކޯޓުގައި އޮތީ ހަމައެކަނި އަމުރު ފޯމެޓު ކަމަށެވެ. އަދި މައުލޫމާތު ހޯދުމަށް އެހެން އިދާރާތަކަށް ވެސް ފޮނުވަނީ ކޯޓު އަމުރު ކަމަށް އެ ކޯޓުން ބުނި ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"..އަމުރުތަކުން ހޯދަން އެދިފައިވާ މައުލޫމާތުތަކަކީ ކޯޓުތަކުން މި ކޮމިޝަނަށް ލިޔުމުން އެދުމުން ފޯރުކޮށްދެމުން ގެންދާ މައުލޫމާތުތަކެއް. ހިނގަމުންދާ ޝާރީއަތެއްގައި މި މައުލޫމާތުތަކަށް އެދުމުން ވެސް އެ މައުލޫމާތު ހޯދުނު އެންމެ އަވަސް މުއްދަތެއްގައި ހޯދައި މި ކޮމިޝަނުން ވާނީ އެފަދަ މައުލޫމާތުތައް ކޯޓުތަކަށް ފޯރުކޮށްދީފައި،" އެ ކޮމިޝަނުން ބުންޏެވެ.
އެހެން ނަމަވެސް ކޯޓުގެ އަމުރަކަށް ނުކިޔަމަންތެރިވި މައްސަލައެއް ބަލަން ނިންމާފައިވާތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އަދި ހިތަދޫ މެޖިސްޓްރޭޓުން ނިންމާފައިވާ ނިންމުންތަކާ، އަމަލުކޮށްފައިވާ ގޮތާ މެދު ކޮމިޝަންގެ ކަންބޮޑުވުންތައް ހުރުމުން އެ މައްސަލަތައް ބަލައި ދިނުމަށް އެދި ޖޭއެސްސީ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.