17 އޯގަސްޓް 2021 - 13:27

މާލޭގެ ބޮޑެތި ހުރިހާ މަގެއް ތާރުއަޅައިގެން ހެދުމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ބޮޑެތިމަގުތަކުގައި ތާރު އެޅުމުގެ ހުއްދަ އަވަހަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި ހުއްދަ އަށް ކައުންސިލުން އެދުނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.
މުއިއްޒުގެ ޓްވީޓްގައި ހެންވޭރުގެ މަގުތައް ހަދަން ސިޓީ ކައުންސިލް ރާވާފައިވާ ގޮތުގެ މައުލޫމާތު ހާމަކުރައްވާފައިވެ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ހެންވޭރުގެ މަގުތައް ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ކައުންސިލުން މިއަދު ފެށި މަސައްކަތުގައި ހެންވޭރުގެ 12 މަގެއް ހަދާނެ އެވެ. މުއިއްޒުގެ ޓުވީޓާ އެކު ހިއްސާކުރެއްވި ލިއުމުގައި ވާގޮތުން މި 12 މަގުގެ މަސައްކަތް ނިންމަން 217 ދުވަސް ނަގާނެ އެވެ. އަދި މި ކަމަށް 36.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މިއީ 1.97 ކިލޯމީޓަރުގެ މަގު ހެދުމަށެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ތާރުއަޅައިގެން ހެދުމުގެ މަސައްކަތަށް ރައްޔިތުންނާ ބައްދަލުވުންތަކުގައި ކައުންސިލުން ވަނީ އާންމުންގެ ހިޔާލު ވެސް ހޯދައިފަ އެވެ.