18 އޯގަސްޓް 2021 - 13:16

އެޕޯލޯ ހޯލްޑިންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަން ފަށާފައިވާ 1،000 ހައުސިން ޔުނިޓުގެ މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަގުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާންމުކޮށްފި އެވެ.
އެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އަދި މިޑް ރޭންޖުގެ ހައުސިން ޔުނިޓްތަކެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރުގައި 1،000 ފްލެޓް އެޅުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 އަދި މިޑްރޭންޖް ހައުސިންގެ 660 ޔުނިޓެވެ.
އެޗްޑީސީން ބުނި ގޮތުގައި ކައުންސިލް ހައުސިންގެ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 60 ޔުނިޓަކަށް ސަރުކާރުން ޓާގެޓް ކުރާ މަހު ކުއްޔަކީ 5،500ރ. އެވެ. އަދި ހައުސިން ހައުސިންގެ ތިން ކޮޓަރީގެ 800 އަކަފޫޓުގެ 60 ޔުނިޓެއްގެ ކުލި 7،000ރ. އަށް ޓާގެޓް ކުރާއިރު އެފޯޑަބަލް ހައުސިންގެ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 50 ޔުނިޓެއް އުޅެނީ 8،600ރ. ގަ އެވެ. އެފޯޑަބަލް ހައުސިންގެ ތިން ކޮޓަރީގެ 900 އަކަފޫޓުގެ 170 ޔުނިޓެއްގެ ކުއްޔަކީ 13،000ރ. އެވެ.
އެޗްޑީސީން އާންމުކުރި އަގުތަކުގެ ތެރޭގައި މިޑް ލެވެލް ހައުސިންގެ 750 އަކަފޫޓުގެ 160 ޔުނިޓާއި މިޑް ލެވެލް ހައުސިންގެ ތިން ކޮޓަރީގެ 1،000 އަކަފޫޓުގެ 500 ޔުނިޓަށް ސަރުކާރުން ޓާގެޓް ކުރާ ކުއްޔެއް އަދި ނެތެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންއަކީ ކައުންސިލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ލީސް ކުރާ ނުވަތަ ލީސް މޮޑޮލް އަށް ދެވޭ ޔުނިޓުތަކެކެވެ.
"މިގޮތުން ހިޔާ 7000 ހައުސިން ޔުނިޓުތަކާއި އަޅާބަލާނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައެޅިފައިވާ ޔުނިޓުތަކުގެ އަގު ވަނީ 27 ޕަސެންޓް ކުޑަކުރެވިފައެވެ."
އެފޯޑަބަލް ހައުސިންގެ ދަށުން ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކަކީ މަހު ކުލި ދައްކާ ޔުނިޓަށް ވާ ޖުމްލަ ފައިސާ ދައްކާ ހަލާސް ކުރުމުން އެފަރާތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެން ދާނެ ޔުނިޓުތަކެކެވެ.
މި ޔުނިޓުތަކުގެ އަގު ކޮންޓްރޯލުކޮށް ވީހާ ވެސް ކުޑަ އަގެއްގައި މި ފަރާތްތަކަށް ޔުނިޓުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
މިޑް ލެވެލް ހައުސިންއަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ. އެޗްޑީސީން ބުނި ގޮތުގައި ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިން ޔުނިޓުތަކުގެެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400ރ. އަށް ވުރެ ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއު ކުރިއަށް ދަނީ ދެ ސްޓޭޖަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފޭސް ދޭއްގައި އިމާރާތް ކުރާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ކެޓަގަރީގެ ޔުނިޓްތަކުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ތާވަލާ އެއްގޮތަށް 2023 ގެ ކުރީކޮޅު އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ބުނެ އެވެ.
އެ ފްލެޓްތަކުގެ ކޮންސެޕްޓް ޑިޒައިންކޮށް އިމާރާތްކުރުމާއި ފައިނޭންސިން ކުރިއަށް ގެންދާނީ ވެސް އެޕޯލޯ ކުންފުނިންނެވެ.