ޑައިވް ޝޮޕަކުން ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން 171،000ރ. ސާމާނު ގަނެފި
ޑައިވް ޝޮޕަކުން ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން 171،000ރ. ސާމާނު ގަނެފި

މާލޭގެ ޑައިވް ޝޮޕަކުން ދެ ދުވަހެއްގެ މަތިން، ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ކޮށްފައިވާ ވިޔަފާރީގެ އަގު 171،292 އަށް އަރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ޑައިވް ޝޮޕަކަށް ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމާ އެކު އެ ތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން އެ ތަކެތި ފެނިފައި ވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު ސައްހަ ނޫން ސްްލިޕް ފޮނުވައިގެން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެކަނި ވެސް 171،292ރ. ގެ ސާމާނު، ވަނީ ފިހާރައަކުން ގަނެފަ އެވެ. އެ މުދާތައް އަނބުރާ ލިބުންކަމެއް ސާފެއް ނުވެ އެވެ.

ސައްހަ ނޫން ޓްރާންސްފާ ސްލިޕްތައް ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވި އެވެ. އެހެންވެ، އެ ކަމަށް ސަމާލުވެ، ފައިސާ ލިބުނުކަން ޔަގީން ކުރުމަށް ބޭންކުން ކުރިން ވެސް އެދިފައިވެ އެވެ.