21 އޯގަސްޓް 2021 - 12:50

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ހައި ކޯޓުން ނިންމައިފި އެވެ.
ޝުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ދައުވާކުރީ، މާލޭގެ ޕްލޭނިން ގަވާއިދާ އެއްގޮތަށް 250 އަކަފޫޓުގެ ބިމުގައި އިމާރަތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަމަށް ވިޔަސް، 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި އޭނާ ސޮއިކުރައްވައި، އިމާރާތުގެ ކުރެހުން ފާސްކުރި ކަމުގެ ލިޔުމާއި އިމާރާތް ކުރުމުގެ ހުއްދަ މީހަކަށް ދިނުމުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ، ޝުޖާއު ކުށް ކުރި ކަމަށް ބުނާ ތާރީހުގެ ކުރިން މާލޭ ޕްލޭނިން ގަވައިދު އާންމުކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންވެ، އޭނާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ޝަރީއަތް ފެށުމުގެ ކުރިން މައްސަލަ ބޭރުކޮށްލީ އެވެ. ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން މީހަކަށް އަދަބެއް ދެވޭނީ އެ ގަވައިދެއް އާންމުކޮށް ޝާއިއުކޮށްފައިވާ ނަމަ ކަމަށް ގާނޫނު އަސާސީގެ 61 ވަނަ މާއްދާގައިވެ އެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ޝުޖާއުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ، ޕްލޭނިން ގަވައިދާ ހިލާފުވެ އޭނާ ކުށް ކުރި ކަމަށް ބުނާ އިރު، ޕްލޭނިން ގަވައިދަކީ އޭނާ ކުށް ކުރި ކަމަށް ބުނާ ތާރީހުގެ މާ ފަހުން ޖޫން 11، 2014 ގައި ގެޒެޓު ކުރި ގަވައިދެއް ކަމަށެވެ.
ނަމަވެސް، ދައުލަތުން ބުނި ގޮތުގައި ޝުޖާއު ހިލާފުވެފައި ވަނީ 2008 ވަނަ އަހަރު އެކުލަވައިލި މާލޭ ޕްލޭނިން ގަވައިދާ އެވެ. ޕީޖީ އޮފީހާއި އޭޖީ އޮފީހުގެ ސިޓީއަކާ ހަވާލާދީ ދައުލަތުން ބުނީ އެ ގަވައިދު އާންމު ކުރީ ޝުޖާއު ކުށް ކުރި ކަމަށް ބުނާ ތާރީހުގެ ކުރިން ޑިސެމްބަރު 5، 2011 ގައި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ހަސްމުން ހަވާލާދޭ ގާނޫނާއި ގަވާއިދުތަކުގައި އެ ހާދިސާއެއް ހިނގި އިރު ގާނޫނީ ބާރުވެރިކަން ދެމިއޮތްތޯ ސުވާލު އުފެދިއްޖެ ނަމަ ފަނޑިޔާރު އެކަން ކަށަވަރު ކުރުމުގައި އެ ގާނޫނު ނުވަތަ އެ ގަވާއިދުގެ ބެލެނިވެރި ފަރާތާ ސުވާލުކޮށްގެން އެ ތާރީހެއް ހޯދިދާނެ ކަމަށެވެ.
ނަމަވެސް ދަށު ކޯޓުން ނިންމިއިރު އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާއި އެ ތާރީހު ހޯދަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ހުކުމުގައިވެ އެވެ.
ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަޣުލަބިއްޔަތުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށެވެ. އެހެންވެ، މައްސަލަ އަލުން ބަލަން އެ ކޯޓަށް ފޮނުވަން ނިންމި އެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު ހުސައިން ޝަހީދުގެ އެވެ. އޭނާ ނިންމެވީ ދަށު ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށެވެ.