21 އޯގަސްޓް 2021 - 20:45

އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި މިހާރު ރާއްޖެ އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ގައުމަށް ކަނޑައަޅާފައި ހުރި ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮތީ ހަދަން ޖެހޭ ޓެސްޓުތަކެއްގެ ނަތީޖާ ފޮނުވުމުގައި ދިމާވި މައްސައެއްގެ ސަބަބުން ކަމަށެވެ.
ފަރަހަނާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ގައުމުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖިނޯމިކް ސީކުއަންސިން ޑޭޓާ ވެބްސައިޓުގައި އަޕްޑޭޓް ކޮށްފައިވާ ކަމަށާއި އެހެންކަމުން ރެޑް ލިސްޓުގައި ރާއްޖެ އޮންނަން ޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ގިނަ ގައުމުތަކާ އަޅާބަލާއިރު ވެކްސިން ޖަހާ މީހުން ނިސްބަތުން ރާއްޖޭގައި ގިނަ ކަމަށާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ވެސް ވަރަށް މަދު ކަން ސަފީރު ފާހަގަ ކުރެއްވި އެވެ.
ރެޑް ލިސްޓާ ގުޅިގެން "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ ރާއްޖެ އެ ލިސްޓުން އުނި ނުކޮށް އޮތް އެއް ސަބަބަކީ ގައުމެއްގައި ފެތުރޭ ކޮވިޑްގެ ވޭރިއެންޓު ދެނެގަތުމަށް ހަދާ ޖިނޯމިކް ސީކުއަންސިން ޓެސްޓުތަކުގެ ފަސް ޕަސަންޓް ޕޮޒިޓިވިޓީ އަޕްޑޭޓް ނުކުރާތީ ކަމަށެވެ.
އެ ލިސްޓުން ނަން ނަގަން ހަފްތާއަކު އެއް ފަހަރު ޑޭޓާތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އެއީ އުނދަގޫ އަދި ވަރަށް މަދު ގައުމެއްގައި ކުރެވޭ ކަމެއް ކަމަށް ތަސްލީމާ ވިދާޅުވި އެވެ. ނަމަވެސް ރާއްޖެއިން އެންމެ ފަހުން އިނގިރޭސި ވިލާތުން އެދޭ ގޮތަށް ޓެސްޓުތަކުގެ ހަތަރު ވަނަ ބެޗްގެ ޑޭޓާތައް ފޮނުވައި، އަޕްލޯޑް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން ގޮތެއް ނިންމަވާނީ އެ ބޭފުޅުން އަޅުގަނޑުމެން އެންމެ ފަހުން މިވަނީ ހަތަރު ވަނަ ބެޗް ފޮނުވާފައި،" ތަސްލީމާ ވިދާޅުވި އެވެ.
ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެކެވެ. ކޮވިޑްގެ ހާލަތުގެ ކުރިން އެންމެ ޕީކް ސީޒަންގައި މަހެއްގެ މައްޗަށް ރާއްޖެ އަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.
މިދިޔަ މޭ މަހުން ފެށިގެން ރާއްޖެ ރެޑް ލިސްޓުގައި އޮތް އިރު، ޔޫރަޕްގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންޓު، "ޓުއިން" މެދުވެރިކޮށް މި މަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަން ހަދާފައިވާ ގިނަ ބުކިންތަކެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އިނގިރޭސިވިލާތުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރު ކުރުމާއެކު ކުރިން އެވަރޭޖްކޮށް 2،500 ޓޫރިސްޓުން އައި އިނގިރޭސިވިލާތުން ޓޫރިސްޓުން އަންނަ މިންވަރު މިދިޔަ ޖޫން މަހު 500 އަށް ތިރި ވެފަ އެވެ.