ސްޓެޓިސްޓިކަލް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ސްޓެޓިސްޓިކަލް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް ކުރުމަށާއި ތަފާސްހިސާބާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް އަދި ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭން އުފައްދަން ޖެހޭ، ސްޓެޓިސްޓިކަލް ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިިފި އެވެ.

މިދިޔަ މަހު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން، މި ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އަންނަ މަހުގެ 18ގެ ކުރިން، ސްޓެޓިސްޓިކަލް ކައުންސިލަށް ޕްރައިވެޓް ސެކްޓާ އަދި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ ހަތަރު މެމްބަރެއް އައްޔަންކުރަން ޖެހެ އެވެ.

ތަފާސްހިސާބުގެ ގާނޫނުގައި ބުނާ ގޮތުން މި ކައުންސިލަށް އައްޔަންކުރާ މެމްބަރުންގެ ހުންނަން ޖެހޭ ޝަރުތަތަކުގެ ތެރޭގައި މުސްލިމަކަށް ވުމާއި ދިވެއްސަކަށް ވުމާއި ބުއްދި ސަލާމަތުން ހުރުމާއި އުމުރުން 25 އަހަރު ފުރިފައިވުމާއި އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް، ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮވެ، އެ ނުދައްކާ މީހަކަށް ނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރާ މީހަކަށް ނުވުމާއި އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުންނަ މީހަކަށް ނުވުމާއި ސިޔާސީ މަގާމެއް ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅޭ މީހަކަށް ވެސް ވެގެން ނުވާނެ އެވެ.

ތަފާސްހިސާބުގެ ގާނޫނުގައި ބުނާ ގޮތުން ސްޓެޓިސްޓިކަލް ކައުންސިލަށް މެންބަރުން އައްޔަންކުރަން ވާނީ ތަފާސްހިސާބު، އިކޮނޮމިކްސް، ޑެމޮގްރަފީ، ސޯޝަލް ސައިންސް، އެންވަޔަރަމަންޓަލް ސްޓަޑީސް، ޑޭޓާ ސައިންސް އަދި އެކައުންޓިން ފަދަ ރޮނގަކުން ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށް، ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ. އަދި އެ ބިއުރޯއިން އެކުލަވާލައި އާންމުކުރާ
ތަފާސްހިސާބު ބޭނުންކުރާ މީހަކަށް ވެސް ވާން ޖެހެ އެވެ.

މި ކައުންސިލްގެ މެމްބަރު ކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހު 9 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ގާނޫނުގައިވާ ގޮތަށް އެ ބިއުރޯ އަށް ޗީފް ސްޓެޓިސްޓީޝަނަކު ވެސް މިހާރު ވަނީ އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިދިޔަ އަހަރު ހުށަހެޅުއްވި ތަފާސްހިސާބާ ބެހޭ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހު އަށެއްގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބިލު ތަސްދީގުކުރެއްވީ މިދިޔަ މަހު 20 ގަ އެވެ.

ތަފާސްހިސާބުގެ ގާނޫނުގައި ރާއްޖޭގައި ތަފާސްހިސާބާ ބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި އަދި ބޭނުންކުރުމުގެ އިތުރުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިން ކަމަށް ބުނެފައިވެ އެވެ.