އައްޑޫގެ ތާއީދު އިދިކޮޅަށް އަންނަނީ ބޮޑުވަމުން، އެމްޑީޕީ ދެކެ އައްޑޫ މީހުން ފޫހިވެއްޖެ: އަބްދުއްރަހީމް
އައްޑޫގެ ތާއީދު އިދިކޮޅަށް އަންނަނީ ބޮޑުވަމުން، އެމްޑީޕީ ދެކެ އައްޑޫ މީހުން ފޫހިވެއްޖެ: އަބްދުއްރަހީމް

މީގެ ކުރިން އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮތް އައްޑޫގެ މީހުންގެ ވިސްނުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޮޅަށް ބުރަވާ މަންޒަރު އެ ކޯލިޝަނުން މިހާރު އެ ސިޓީ އަށް ކުރާ ދަތުރުން ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތާއީދު އިދިކޮޅަށް އަންނަނީ ބޮޑުވަމުން، އެމްޑީޕީ ދެކެ އައްޑޫ މީހުން ފޫހިވެއްޖެ: އަބްދުއްރަހީމް
އައްޑޫގެ ތާއީދު އިދިކޮޅަށް އަންނަނީ ބޮޑުވަމުން، އެމްޑީޕީ ދެކެ އައްޑޫ މީހުން ފޫހިވެއްޖެ: އަބްދުއްރަހީމް

ޕީޕީއެމް ކޯލިޝަނަށް އައްޑޫން މެމްބަރުން އިތުރުކުރުމަށާއި އެ ސިޓީގެ މީހުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ކުރާ ދަތުރާ ގުޅޭ ގޮތުން އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވީ، މަރަދޫ އާއި މަރަދޫފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްރަށުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ޕީޕީއެމާ އަލަށް ގުޅިފައިވާ ކަމަށެވެ.

އައްޑޫގެ ތާއީދު އިދިކޮޅަށް އަންނަނީ ބޮޑުވަމުން، އެމްޑީޕީ ދެކެ އައްޑޫ މީހުން ފޫހިވެއްޖެ: އަބްދުއްރަހީމް
އައްޑޫގެ ތާއީދު އިދިކޮޅަށް އަންނަނީ ބޮޑުވަމުން، އެމްޑީޕީ ދެކެ އައްޑޫ މީހުން ފޫހިވެއްޖެ: އަބްދުއްރަހީމް

"ކޮވިޑްގެ ކޭސްތަކާ ގުޅިގެން އަޅުގަނޑުމެންނަށް މަރަދޫ އާއި މަރަދޫފޭދޫގައި މަސައްކަތް ކުރެވޭ ހާލަތުގައި ނެތުމުން އެ ދެ ރަށުން ސޮއި ހޯދާކަށް ނޫޅެވޭ. އެކަމަކު އެހެން ރަރްރަށުން ވަރަށް ބޮޑު ތާއީދެއް ވަނީ ލިބިފައި. މިއަދާ ހަމައަށް 1،000 އަށް ވުރެ މަތިން ވަނީ އަޅުގަނޑުމެންނަށް އެހެން ރަށްރަށުން ސޮއި ލިބިފައި،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އައްޑޫގެ މީހުން ތިބީ މި ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެ، ފޫހިވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަަށް ގެނައީ އައްޑޫގެ މީހުންގެ ވަރަށް ބޮޑު އެހީތެރިކަމާއި އުންމީދުތަކަކާއެކު ކަމަށް ވިޔަސް އުންމީދުކުރި ވަރާ ގާތަށް ވެސް އެ ސިޓީ އަށް ތަރައްގީއެއް ނުގެނެވުނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހާއްސަކޮށް އައްޑޫގައި ވިޔަފާރިވެރިން އުޅެނީ ވަރަށް ހާލުގައި. ކުރިން 20،000-25،000 ޑެއިލީ ސޭލްސް ހުރި ތަންތަނުގެ ސޭލްސް މިހާރު 2،000-3،000 އަށް ވެއްޓިއްޖެ. އެއީ ހާޑްވެއާގެ ސާމާނު ވިއްކާ ތަންތަން ނުލައި. ރައީސް ޔާމީންގެ ވެރިކަމުގައި މި ދެންނެވި ތަންތަނުގެ ސޭލްސް ހުރީ 20،000 އިން މަތީގައި. މިއިން މި އެނގެނީ މި ސަރުކާރުގައި އިގްތިސާދީ ހާލަތު ދަށަށް ދިޔަ ވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މުއްސަނދިވެ، ވިޔަފާރިތައް ކުރިއެރި. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ފަދަ އެއްވެސް ކަމެއް ރައީސް ޔާމީން ނުކުރައްވާނެ ކަމުގެ ޔަގީންކަން އައްޑޫގެ ރައްޔިތުންނަށް މިހާރު ޔަގީންވޭ. އެ މީހުން އެ ކަމަށް މިހާރު އެއްބަސްވޭ."

އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ދަތުރުގައި އައްޑޫން ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ހިމެނޭ ކަމަަށެވެ. އެކަމަކު، އެމްޑީޕީގެ މަތިން މިހާރު އެ މީހުން ފޫހިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ބޭނުންވާކަން ހާމަކުރަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ބައްދަލުވި އެމްޑީޕީގެ ގިނަ މީހުން ބުނީ ތިމަންނަމެން މިހާރު އެމްޑީޕީގައި ތިބޭކަށް ބޭނުމެއް ނުވެއޭ. އެމްޑީޕީގައި ތިބެގެން އައްޑު އަށް ލިބުނު ކުރިއެރުމެއް ނެތޭ. ރައީސް ޔާމީންގެ ތަރައްގީއޭ ބޭނުމީ. އެހެންވެ، ރައީސް ޔާމީން މިނިވަންކުރުމުގެ ޕެޓިޝަންގައި ވެސް އައްޑޫން ގިނަ ބަޔަކު ސޮއިކުރި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވިއްޖެ ނަމަ ތަފާތު ބޮޑު ނަތީޖާއެއް އައްޑޫން އިދިކޮޅަށް ލިބޭނެ އެވެ. އޭގެ ހެކި އެންމެ ފަހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އިން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އައްޑޫން ތިން ގޮނޑި އަޅުގަނޑުމެންނަށް މި ފަހަރު އެ ލިބުނީ. އެއީ މީގެ ކުރިން މުޅިން ވެސް އެމްޑީޕީން ނަގަމުން އައި ގޮނޑިތައް. އެހެންވީމާ އައްޑޫއާ ދޭތެރޭގައި ޔަގީންކަން މި ދަތުރުން ވަރަށް ބޮޑުވެއްޖެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އައްޑު އަށް ކުރާ ދަތުރުގައި އުޅުއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވެފައި ވަނީ މި ސަރުކާރުން ވައުދުވި ތަރައްގީއެއް އެ ސިޓީން ފެނިވަޑައިނުގެންނެވި ކަމަށެވެ.

އޭނާ އެހެން ވިދާޅުވުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ތަރައްގީގެ ކަންކަމާ ގުޅޭ މައުލޫމާތު ހޯއްދަވަން ސައީދު އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

"މަނިކުފާނު އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ދައުވަތު އަރުވަން. އައްޑޫގައި ހިންގޭ ޕްރޮޖެކްޓުތަކުގެ ތަފްސީލް ލިސްޓެއް ހިއްސާ ކުރާނަން. އަދި ޑީޓެއިލް ޕްރެޒެންޓޭޝަނެއް އަރުވާނަން،" ނިޒާރު ވިދާޅުވި އެވެ.