ބްރެޒިލްގެ ފުޓުބޯޅަ ޓީމެއް ގޮވައިގެންދިޔަ ބޯޓެއް ވެއްޓިއްޖެ
ބްރެޒިލްގެ ފުޓުބޯޅަ ޓީމެއް ގޮވައިގެންދިޔަ ބޯޓެއް ވެއްޓިއްޖެ

ސައޮ ޕޯލޯ (ނޮވެމްބަރު 29) - ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށް ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރު ކުރި ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސް ރިއަލްގެ ކުޅުންތެރިން ތިބި މަތިންދާ ބޯޓެއް މިއަދު ވެއްޓިއްޖެ އެވެ.

ބޯޓުން ދަތުރުކުރި 72 ފަސިންކަރުންނާއި ނުވަ ފަޅުވެރިންގެ ތެރޭން އެއްވެސް މީހަކު ސަލާމަތްވިކަން ޔަގީން ނުވާ ކަމަށް މެޑަޔިން އެއާޕޯޓުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. ބްރެޒިލް އިން ފުރައިގެން ދަތުރުކުރި ޗާޓަރު މަތިންދާ ބޯޓު ކޮލަމްބިއާ އަށް ދާން އޮތީ ބޮލީވިއާގައި މަޑު ކުރުމަށް ފަހު އެވެ. ވޯޓު ވެއްޓުނީ ބޮލީވިއާ އިން ނައްޓާލި ފަހުން ކަމަށް ޚަބަރުތައް ބުނެ އެވެ. ބޯޓު ވެއްޓުނު ހިސާބަށް ވޭތުވެދިޔަ 12 ގަޑިއިރު މޫސުން ވަރަށް ގޯސް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ކަމަށެވެ. ބޯޓުން އިލެކްޓްރިކަލް މައްސަލަތަކެއް ޓަވަރަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ދެކުނު އެމެރިކާގެ ކްލަބު މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ލެގު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ އެވެ. ބްރެޒިލް ޓީމާ ދެކޮޅަށް ފައިނަލުގައި އުޅެން އޮތީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް އެވެ. ދެ ވަނަ ލެގު ކުޅެން އޮތީ އަންނަ މަހު 2 ވަނަ ދުވަހު ބްރެޒިލްގަ އެވެ. ސައުތު އެމެރިކަން ފުޓުބޯޅަ ކޮންފެޑަރޭޝަނުން މިހާރު ވަނީ ފައިނަލް މެޗު ސަސްޕެންޑް ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުނީ މެޑަޔިންގެ ފަރުބަދަ މަތީގެ ހިސާބަކަށެވެ. ބޯޓު ވެއްޓުނީ ކޮލަމްބިއާ ގަޑިން ރޭ ދަންވަރު އެވެ. ބްރިޓިޝް އެއަރޯސްޕޭސްގެ ބޯޓު އޮޕަރޭޓް ކުރަނީ ބޮލީވިއާގެ ޗާޓާ އެއާލައިން ލަމިއާ އިންނެވެ.

މެޑަޔިންގެ މޭޔަރު ފެޑެރިކޯ ގުޓިއަރޭޒް ވަނީ މިއީ ލިބުނު "ވަރަށް ބޮޑު ދެރައެއް" ކަމަށް ސިފަ ކުރައްވައިފަ އެވެ.