26 އޯގަސްޓް 2021 - 16:20

ވިލާ ކޮލެޖުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

އެ ކޮލެޖުގައި މަތީ ތައުލީމު ހާސިލްކުރުމަށް މީގެ ފަސް އަހަރުކުރިން ތައާރަފްކޮށް، ކޮންމެ އަހަރަކު އެއްފަހަރު ހުޅުވާލާ ސްކޮލަޝިޕް ފުރުސަތަށް އަންނަ އޮކްޓޯބަރު 14 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެކަމަށް އެދޭ ފޯމު ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަސް އަދި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ސްކޮލަޝިޕް ދޭ ދާއިރާތަކަކީ؛ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް، ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް، ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް އަދި ވިލާ ކޮލެޖު ހެލްތު ޕްރޮފެޝަނަލްސް ސްކޮލަޝިޕް ސްކީމެވެ. އޭގެ ތެރެއިން ހެލްތު ޕްރޮފެޝަނަލްސް ސްކޮލަޝިޕަކީ ކޮވިޑުގެ ހާލަތާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް މި އަހަރު އަލަށް ތައާރަފްކުރި ސްކޮލަޝިޕެކެވެ.
މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ ތިން ސްކޮލަޝިޕެވެ. އެއީ ފައުންޑޭޝަން ފެންވަރާއި ޑިގްރީ އަދި މާސްޓަސް ލެވެލް އިން، ކޮންމެ ލެވެލްއަކުން ސްކޮލަޝިޕެކެވެ. އޯޕަން ސްކޮލަޝިޕަށް ހޮވުމުގައި ބަލާނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ.
ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީ ހެދުމުގެ ދެ ފުރުސަތު ދޭނެ އެވެ. މި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭ ލެވެލްގައި އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. އެ ކެޓަގަރީން ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވީއެޗްއައިއެސް އިން އޭ ލެވެލް ނިންމިތާ ގިނަ ވެގެން ދެ އަހަރުވެފައިވާ ދަރިވަރުންނެވެ.
ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްފައިވާ މި ސްކޮލަޝިޕްގައި މާސްޓާސް ފެންވަރަށް އަދި ޑިގްރީ ފެންވަރަށް ކިޔެވުމަށް ޖުމްލަ ދެ ފުރުސަތު ދޭނެ އެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްފައިވާ މި ސްކޮލަޝިޕްގައި ޑިގްރީ އަދި މާސްޓާސް އަށް ކިޔެވުމަށް ދެ ފުރުސަތު ދޭނެ އެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ އެންމެ މަތީ ފާސް ހޯދާފައިވާ އަދި ކޮވިޑުން އަރައިގަތުމަށް ކުރި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިން މިންވަރަށް ބެލުމަށް ފަހުގަ އެވެ.
އެ ސްކީމްގައި ހިމެނޭ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕަކީ ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ދާއިރާއެކެވެ. ފައުންޑޭޝަން، ޑިގްރީ އަދި މާސްޓާސް ކިޔަވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ.
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލަން ހަވާލުކުރެވޭނީ ލޯކަލް ކައުންސިލްތަކާ އެވެ. އެގޮތުން އެ ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު މި އަހަރުގެ ކުރީކޮޅު ވަނީ ދެ ކެމްފަހެއްގައި ހުޅުވާލައިފަ އެވެ. ކުރިއަށް އޮތްތަނުގައި އިތުރު ކެމްޕަސްތަކުގައި ވެސް އެ ސްކޮލަޝިޕަށް އިއުލާން ކުރާނެ އެވެ.