26 އޯގަސްޓް 2021 - 18:27

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 25 ގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ އިންތިހާބަށް ތައްޔާރުވަމުންދަނިކޮށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންތިހާބު ފަސް ކުރަން ޖެހުނު ނަމަވެސް މިހާރު ޕާޓީން ނިންމާފައި ވަނީ އަންނަ މަހުގެ 25 ގައި އެ އިންތިހާބު ބޭއްވުމަށް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މި އިންތިހާބު ބޭއްވުމަށް ޕާޓީގެ ނުވަ މެމްބަރުން އެކުލެވޭ އިންތިހާބު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ކޮމިޓީއެއް އެކުލަވާލަން ޖެހުނީ އެ ޕާޓީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް ވެސް އެކި ދާއިރާތަކަށް ވާދަ ކުރައްވާތީ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް 735 މެމްބަރަކު ކުރިމަތިލާފައިވެ އެވެ.
"އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ އެމްޑީޕީގެ ވޯޓާސް ލިސްޓަށް ވޯޓުލުން. އެހެންކަމުން މި އިންތިހާބުގައި ވެސް ވޯޓުލާން ހަމަޖެހިފައި ވަނީ ޕާޓީގެ މެމްބާޝިޕް ދަފްތަރަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ޕާޓީގެ އެންމެ ބޮޑު އިންތިހާބު ކަމަށާއި ކޮންމެ ދާއިރާއަކަށް ވެސް ގިނަ މެމްބަރުންތަކެއް ކުރިމަތިލައްވާފައިވާ ކަމަށެވެ.
މި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ކުރިއަށްދާނެތީ އޮފިޝަލުންގެ ގޮތުގައި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 900 އެއްހާ މީހުން އޮފިޝަލުންގެ ގޮތުގައި ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެތެރޭގެ އިންތިހާބުގެ ވޯޓުލުމަށް 300 އެއްހާ ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް ވަރަށް އަވަހަށް އާންމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.