ﷲ އާއި ކައުނު ދެކެވާ ލޯބި ވަރުގަދަކުރުން
ﷲ އާއި ކައުނު ދެކެވާ ލޯބި ވަރުގަދަކުރުން

ލޯތްބަކީ އިންސާނާގެ ނަފްސުގައިވާ ވަރަށް ވަރުގަދަ އިހުސާސެކެވެ. ލޯތްބަކީ ހަމައެކަނި ރުހުމެއް ނޫނެވެ. އެހެން ނަމަވެސް އެއީ ރުހުމާ އެކު އެ މީހެއްގެ ހިތް އެ ލޯބިވާ ކަމަކާ ނުވަތަ ފަރާތަކާ ވަރުގަދަ ގުޅުމަކުން ގުޅުވައިދޭ އިހުސާސެކެވެ. އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމަކު އެންމެ ލޯބިވާން ޖެހެނީ ﷲ ދެކެ އެވެ. އަދި މި ލޯބީގެ ދަށުން ކައުނާއި ކައުނުގައިވާ އެންމެހާ ރަނގަޅު ތަކެއްޗާއި ކަންކަމަށް ލޯބިވާން ޖެހެ އެވެ. މި ލޯބީގެ އިހުސާސް ވަރުގަދަކުރުމުގައި އިންސާނާގެ ޢަޤީދާ ނުވަތަ އީމާންކަން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. މިގޮތުން އީމާންކަމުގެ ސަބަބުން ﷲ އާއި ކައުނުގެ ޠަބީއަތާއި ދިރިހުރުމާއި މަރުވުމާއި އިންސާނުންނާއި އެ ނޫން ވެސް މަޚްލޫގުން ދެކެ ލޯބިވެ އެ ލޯބި އާލާކޮށް ތަރައްގީކޮށްދެ އެވެ.

މުއުމިނު އިންސާނާ ﷲ ދެކެ ލޯބި ވަނީ އެތައް ސަބަބަކާ ހުރެ އެވެ. އެންމެ ފުރަތަމަ އެކަލާނގެ އުފެއްދެވުންތަކުގެ ރީތިކަމާއި ނަލަކަމާއި ފުރިހަމަ ކަމުގެ ސަބަބުންނެވެ. މި ގޮތުން، މަތިމައްޗަށް ހަތް އުޑު ހެއްދެވި ރަޙުމާންވަންތަ ﷲ ގެ ހެއްދެވުމުގައި އެއްވެސް ކަހަލަ އުނިކަމެއް ޚަލަލެއް (ތަކުރާރުކޮށް ނަޒަރު ހިންގިއަސް) ނުފެންނާނެކަން ފުރިހަމަ މުއުމިނަކު ނަމަ ޤަބޫލު ކުރާނެ އެވެ. (އަލްމުލްކު 3). އެކަލާނގެ އުފައްދަވާ ހަމަ ކޮންމެ އުފެއްދެވުމަކީ ވެސް ފުރިހަމަކަން ލިބިގެންވާ އުފެއްދެވުމެއްކަން ގަބޫލުކުރާނެ އެވެ.

ދެ ވަނަ އަށް، އެކަލާނގެ އުފެއްދެވުންތަކުގައި އަޅުތަކުންނަށް އިހުސާންތެރިވެ ވޮޑިގެންވުން ހިމެނޭތީ އެވެ. މުއުމިނު އިންސާނާ ގަބޫލުކުރާ ގޮތުގައި ﷲގެ އިހުސާންތެރި ކަމަކީ ފުރިހަމަ އިހުސާން ތެރިކަމެކެވެ. ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވުމާއި އެ އުފެއްދެވުން ރިވެތި ކުރެއްވުމާއި ބިމުގެ ޚަލީފާކަން ދެއްވުމާއި ކައުނުގައިވާ ހުރިހާ އެއްޗެއް ކިޔަމަންތެރި ކޮށްދެއްވުމާއި މި ހުރިހާ ކަމަކީ އެކަލާނގެ އިހުސާންތެރިކަމުގެ ދަށުން ހިމެނޭ ކަންކަން ކަމުގައި މުއުމިނު އިންސާނާ ގަބޫލުކުރެ އެވެ. (އަލްބަޤަރާ 29، ލުޤުމާން 20)
ތިމާ އަށް ހެޔޮކަމެއް ކޮށްދޭ ކޮންމެ މީހަކު ދެކެ ލޯބިވުމަކީ އިންސާނީ ތަބީއަތެއް ކަމަށްވާ އިރު އިހުސާންތެރިކަމުގެ އެންމެ މަތިވެރި ފަރާތުގެ އިހުސާންތެރިކަމަށްޓަކައި އެ ފަރާތް ދެކެ ވާ ލޯބި މާ ވަރުގަދަވާނެކަން ކަށަވަރެވެ. މުއުމިނު އިންސާނާ ﷲ ދެކެ ލޯބިވަނީ އޭނާގެ މައިންބަފައިންނާއި ދަރިންނާއި އަދި ކިއެއްތަ ޚުދު އަމިއްލަ ނަފްސު ދެކެ ވާ ލޯތްބަށް ވުރެވެސް ބޮޑަށެވެ.

އީމާންތެރިކަމުގެ ސަބަބުން ތަރައްގީވާ ލޯބީގެ އަނެއް ބާވަތަކީ ކައުނު ދެކެ ލޯބިވުމެވެ. މިގޮތުން ކައުނުގައި މިވާ އެންމެހާ ތަކެއްޗާއި އެތަކެތީގައި ﷲ ލައްވަވާފައިވާ ޠަބީޢީ ގާނޫނުތައް ދެކެ މުއުމިނު އިންސާނާ ލޯބިވެ އެވެ. މިލޯބީގެ ހަގީގީ މަސްދަރަކީ ﷲ ދެކެ މުއުމިނު އިންސާނާވާ ލޯތްބެވެ. އެހެނީ ޠަބީއަތަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. މުއުމިނު އިންސާނާ ގަބޫލުކުރާ ގޮތުގައި ހުރިހާ އެއްޗެއް އުފައްދަވައި ފުރިހަމަ ކުރައްވައި މިންވަރު ކުރައްވައި ތެދުމަގު ދެއްކެވީ އެކަލާނގެ އެވެ. އެހުރިހާ އެއްޗެއް އުފައްދަވާފައިވަނީ ވަކި މަގުސަދުތަކެއްގައި ވަކި ހިކުމަތްތަކަކަށްޓަކަ އެވެ. މީގެ އިތުރުން ޠަބީއަތަކީ އިންސާނާގެ އަދުއްވެއް ނޫންކަމާއި އެހެން ނަމަވެސް އެއީ އިންސާނާއަށްޓަކައި ނުހަނު ބޭނުން އެއްޗެއްކަން މުއުމިނު އިންސާނާ ގަބޫލުކުރެ އެވެ. ހަމައެފަދައިން މުސްލިމް އިންސާނާ ގަބޫލުކުރާ ގޮތުގައި ޠަބީއަތުގައިވާ އެއްވެސް އެއްޗެއް ނުވަތަ ކަމެއް އުފެއްދިފައިވަނީ ބޭކާރު ގޮތުގައި ކުޅިވަރަކަށް ނޫނެވެ. އިދިކޮޅު ސިފަތައް އެކުލެވޭ ގޮތަށް ޖޯޑު ހަމަވާ ތަކެއްޗާއި ކަންކަމުގެ ތެރެއިންވެސް ކޮންމެ އެއްޗަކާއި ކަމެއްގައި ވެސް ބޭނުމެއްވާނެކަން ގަބޫލުކުރާނެ އެވެ. މިސާލަކަށް އަނދިރިކަމަކީ ބިރުވެރިކަމާއި ނުރުހުންތެރިކަމުގެ ނަޒަރަކުން ބަލަންޖެހޭ ކަމެއް ނޫންކަމާއި ރޭގަނޑަކީ ހަމައެކަނި ނާމާންކަމަށް އޮތް ވަގުތެއް ނޫންކަމާއި އެކަމަކު އަނދިރިކަމާއި އަލިކަމަކީ އަދި ރޭނގަޑާއި ދުވާލަކީ އެއިން އިންސާނާ އަށް މަންފާކުރާ ނުހަނު ބޭނުންތެރި ކަންކަން ނުވަތަ ތަކެތި ކަމުގައި މުއުމިނު އިންސާނާ ގަބޫލުކުރާނެ އެވެ.

މުއުމިނު އިންސާނާ ޠަބީއަތަށް ލޯބިކުރާނެ ކަމުގެ ރީތި މިސާލެއް ކީރިތި ރަސޫލާ ﷺ ވަނީ ދައްކަވައިދެއްވައިފަ އެވެ. އުޙުދު ފަރުބަދައަކީ މުސްލިމުންނަށް ނާކާމިޔާބު ލިބުނު ހަނގުރާމައެއް އެ ތަނުގައި ހިނގައިދިޔަ ތަނަކަށްވުމުން އެ ތަނަށް ބަލައިލުމަކީ ވެސް ނުބައި ފާލެއް ކަމަށް ފަހަރެއްގައި މީހަކު ގަބޫލުކޮށްފާނެ އެވެ. އެހެން ނަމަވެސް ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "މިއީ ތިމަންމެން ދެކެ ލޯބިވާ އަދި ތިމަންމެންވެސް އެ ތަން ދެކެ ލޯބިވާ ފަރުބަދައެކެވެ." މިފަދައިންނެވެ.

ﷲ އަށާއި ކައުނުގެ ޠަބީޢަތަށް މުއުމިނު އިންސާނާ ކުރާ ލޯބީގެ ދަށުން އުފެދިގެން އާލާވާ އަނެއް ލޯތްބަކީ ދިރިހުރުމާއި މަރު ދެކެ ލޯބިވުމެވެ. މުއުމިނު އިންސާނާ ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގެ ހަޔާތަށް ލޯބިކުރުމަކީ ފާފައެއް ނުވަތަ އައިބެއް ނޫނެވެ. ދިރިއުޅުމަކީ އެތަނުން ފިލަން ދުވަންޖެހޭ ޖަލެއް ނޫނެވެ. ނަމަވެސް އެއީ މުހިންމު ރިސާލަތެއް ފުރިހަމަ ކުރުމަށްޓަކައި ޝުކުރުވެރިކަމާ އެކު އެތަނުގައި ދުވަސްތައް ވޭތުކުރަން ޖެހޭ ތަނެކެވެ. ދުނިޔެ އިމާރާތްކުރުމަށް ކޮންމެ މީހަކަށްވެސް ކުޅަދާނަވީ އެންމެ މަތީ ދަރަޖައަކުން މަސައްކަތް ކުރަންޖެހޭ ތަނެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ މީސްތަކުން ކުރެ އެންމެ ހެޔޮ މީހަކީ އެ މީހެއްގެ އުމުރު ދިގުވެ އަމަލުތައް ހެޔޮވެގެންވީ މީހާ އެވެ. އަދިވެސް ހަދީސް ކުރައްވަނީ އެ މީހެއްގެ ގާތަށް މަރު ނާންނަނީސް އެކަކުވެސް މަރަށް އުންމީދު ނުކުރުމަށެވެ. އެހެންވެ މުއުމިނު އިންސާނާ ދިރިއުޅުން ދެކެ ލޯބިވެ އެވެ. ނަމަވެސް މި ލޯތްބަކީ ދުނިޔޭގައިވާ ފަނާވަނިވި ވަގުތީ އުފާތަކަށްޓަކައި އޭގެ ޒާތުގައިވާ ލޯތްބެއް ނޫނެވެ. އެކަމަކު އެއަށް ވުރެ މުހިންމު ދިރިއުޅުމަކަށް އެކަންކަން މަގުފަހިކޮށްދޭތީ ވާ ލޯތްބެކެވެ. އެހެންވެ މިލޯތްބާ އެކު މުއުމިނު އިންސާނާ މަރު ދެކެ ވެސް ލޯބިވެ އެވެ. މަރުދެކެ ލޯބިވަނީ ދުނިޔޭގައި ކުރިމަތިލާންޖެހޭ އުނދަގޫތަކުން ސަލާމަތްވާކަށް ނޫނެވެ. ނަމަވެސް ﷲ އާ އެކަލާނގެ ދެއްވާ ނިޢުމަތްތަކާ ބައްދަލުކުރެވޭތީ އެކަމުގެ އުފާ ލިބިގަތުމަށްޓަކަ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ﷲއާ ބައްދަލު ކުރުމަށް ލޯބިވާ މީހަކާ ﷲ ވެސް ބައްދަލުވުމަށް ލޯބިވެވޮޑިގަންނަވަ އެވެ.

މިހެންވެ ކީރިތި ރަސޫލާ ﷺ ވެސް މަތިވެރިވެގެންވާ ﷲ ގެ ރަފީޤަކަށް ވުމަށް ލޯބިކުރެއްވި އެވެ. އިބްނު މުލްޖަމްގެ ހަމަލާ ޢަލީގެފާނަށް ލިބުނު ވަގުތު އެކަލޭގެފާނު ވެސް ވިދާޅުވީ "ކަޢުބާގެ ވެރި ރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިމަންނާ އަށް ކާމިޔާބު ލިބިއްޖެއޭ" އެވެ. ބިލާލުގެފާނު ވެސް މަރަށް ޙާޟިރުވީ ހިނދު އަނބިކަނބަލުން "އޭ ހުރި މުސީބާތެއްގެ ބޮޑުކަމާއޭ!" ވިދާޅުވުމުން ވިދާޅުވީ "ނޫނެކެވެ. އޭ ހުރި ނިއުމަތެއްގެ ބޮޑުކަމާ އެވެ! މާދަމާ ތިމަންނާ އަށް ލޯބިވާ ނަބިއްޔާ އާއި އެކަލޭގެފާނުގެ އަޞްޙާބުންނާ ބައްދަލުކުރެވޭނެއޭ" މިފަދައިންނެވެ. މުއުމިނުން މަރުދެކެ ލޯބިވާކަން ހާމަކޮށްދޭ މިފަދަ އެތައް މިސާލެއް ވެ އެވެ.

މުއުމިނުންގެ ހިތްތަކުގައި މިފަދަ ލޯތްބެއް އާޚިރަތާއި ދިރިހުރުމާއި ކައުނުގެ ޠަބީޢަތާއި މާތް ﷲ އާ މެދު އުފެދި ވަރުގަދަވުމުގެ ސަބަބަކީ ޝައްކެއް ނެތް ގޮތުގައި އެބައިމީހުންގެ އީމާންތެރިކަމެވެ. މި އިޝާރާތްކުރި ކަންކަމުގެ އިތުރުން އިންސާނުންނާ އެހެން މަޚްލޫގުން ދެކެ ވެސް ލޯބި ވަރުގަދަވެގެން ދެ އެވެ. ކޮންމެއަކަސް މިފަދައިން އިންސާނާގެ ކިބައިގައި ތަރައްގީވެގެން މިދާ ލޯބި މިއީ އިންސާނާގެ ދިރިއުޅުމަށް ނުހަނު ބޭނުންތެރި އިހުސާސެކެވެ. އެހެނީ މިލޯބީގެ ސަބަބުން އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭތީ އެވެ. އަދި މިލޯބި ވަރުގަދަވާ މިންވަރަކުން ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމުގައި ކާމިޔާބު އިތުރު ވެގެންދާތީ އެވެ.