05 ޖޫން 2016 - 08:53

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
"މި ރޭ ގެއަށް އަންނަންވާނެ މެޗުބަލަން." ސައިކަލަށް އެރުމުގެ ކުރިން އުމޭރަށް ފޮނުވި މެސެޖުގައި އަހަރެން ލިޔުނީމެވެ.
"އޯކޭ!" ލަހެއް ނުވެ އުމޭރުގެ ޖަވާބު އައެވެ.
އަހަރެންގެ ގޮތް އުމޭރަށް އެނގޭނެއެވެ. އުމޭރު ކުރިން އުޅެފައިވަނީ ބަޖެޓު ޑިޕާޓްމަންޓުގައި ކަމުގައި ވިޔަސް، އަހަރުމެން ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އަހަރުމެން ސަޕޯޓުކުރަނީ މެންޗެސްޓާއަށެވެ. އެކުވެރިކަން އެންމެ ބޮޑަށް ބަދަހިވި ސަބަބަކީ އެއީއެވެ. މަދުމަދުން އަހަރެންގެ ގެއަށް އުމޭރު އާދެއެވެ. މެޗު ބަލަން، ބައެއް ފަހަރު އުމޭރުގެ އެޕާޓްމަންޓަށް އަހަރެން ވެސް ދަމެވެ. އެ ތަނަކީ ގަނޑުވަރެކެވެ. ދިރިއުޅެނީ އުމޭރުގެ ދެމަފިރިންނާއި ދެ ދަރިންނެވެ. ތިން ކޮޓަރީގެ އިތުރަށް، ކަސްރަތު ކުރާ ތަނަކާއި، ކުޑަވަރެއްގެ ސިނަމާއެއް ވެސް ހުރެއެވެ. އެއީ ގެއެއްގެ ނުވަވަނަ ފަންގިފިލައެވެ. ދިހަވަނަ ފަންގިފިލައަކީ ހާމަފެންޑާއެވެ. އެ ތަނުގައި ފަތާފެންގަނޑަކާއި، ބާބަކިއު ހަދާ ބައެއް ވެސް އޮވެއެވެ.
ކުރަން މި އުޅެވެނީ ރަނގަޅު ކަމެއްބާއޭ، އެތައް ފަހަރަކު އަހަރެންގެ ހިތަށްއެރިއެވެ. އަހަންނަކީ މާ މާތް މީހެއް ނޫނެވެ. ދަތް ހުރި ދުވަހު އަހަރެން ވެސް ކާށި ކޭމެވެ. އެ އަށް ފަހު ކައިވެންޏެއް ކުރީމެވެ. ދިރިއުޅުމަށް ބަދަލުތަކެއް ގެނައީމެވެ. އަހަރެންގެ އަނބިމީހާއަކީ ފަޒީލާއެވެ. އަހަންނަކީ، އަށް އަހަރުގެ ފިރިހެން ދަރިއެއްގެ ބައްޕައެވެ. ދަރިފުޅާއި އަނބިމީހާއަކީ އަހަރެން އެންމެ ލޯބިވާ ދެ މީހުންނެވެ. ކައިވެންޏަށް ފަހުގައި ވެސް އަހަރުމެންގެ ދިރިއުޅުން ދިޔައީ ވަރަށް އޮމާންކޮށެވެ. ދަރިއަކު ލިބެންދެނެވެ. އޭގެ ފަހުން ނުކުމެވުނީ ހަލަބޮލި ކަނޑަކަށެވެ. ހަޔާތުގެ ބައްތެލި ބަންޑުންޖަހައިލަފާނެ އެތައް ދަނޑިވަޅުތަކެއް އައެވެ. ފަޒީލާ މާ ބޮޑަށް ކަންނެތްވީއެވެ. ދަރިފުޅުގެ ކަންކަން ކޮށްފައި ދެން އޭނައަށް އެހެން ކަމެއް ކުރެވޭކަމަކަށް ނުހެދިއެވެ. ނަތީޖާއަކަށްވީ އަންބެއްގެ ހައިސިއްޔަތުން ފަޒީލާ ކޮށްދޭންޖެހޭ ކަންކަން ބޮއްސުންލައިގެންދިއުމެވެ. އަހަރެންގެ އަންނައުނު އިސްތިރިކުރުމަކީ އަހަރެން ކުރަންޖެހޭ ކަމަކަށް ވިއެވެ. ހަފުތާއަކު ތިން ދުވަހު ވެސް ހެނދުނު ސަޔެއް ނުހެދެއެވެ. އަހަންނާ އެކުގައި ބޭރަށް ނުކުމެލާކަށް ފަޒީލާއަކަށް ވަގުތެއް ނުވިއެވެ. އަހަރުމެންގެ ދެމެދުގައި ކުނިޖެހިގެން އުޅޭކަމެއް އެހެން އެކަކަށް ވެސް ނޭނގޭނެއެވެ. އެކަމަކު، ކުނި ގިނަވިއެވެ. ކައިވެނީގެ މަޤްޞަދު ކިލަނބުވިއެވެ. ކައިވެނި ރޫޅާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފިކުރުކުރަން ސޯފާގައި އިންދާ އުމޭރު އައެވެ. ޓީވީ ހުޅުވައިލީމެވެ. މެޗު ފަށައިފިއެވެ.
"ކީއްވެ ޓީވީ ނުހުޅުވާ ތި އިންނަނީ؟" އިށީންނަމުން އުމޭރު އެހިއެވެ.
"ދެން ހަމަ އިނދެވުނީ،" އަހަރެން ބުނީމެވެ. "މަ ހީކުރީ ގަޑިއަށް އަންނާނެކަމަށް."
"އަންނާށޭ އުޅުނީ. ގެއިން ނުކުތްއިރު ނުވަގަޑިބައެއް ނުވާނެ،" ގަޑި ބަލައިލަމުން އުމޭރު ބުންޏެވެ. "ފަނަރަ މިނެއްޓުން މި އާދެވުނީ. މާލޭގެ އެންމެން އެއްފަހަރާތަ ގެއިން ނުކުމެގެން އެ އުޅެނީ؟ ނުވެސް ކައި މި އައީ."
އަހަރެން އުންމީދުކުރީ އެ ފަދަ ދަނޑިވަޅަކަށެވެ. އުމޭރު އެހެން ނުބުނި ނަމަ، އަހަންނަށް މަގު ތަންކޮޅެއް ދިގުވީހެވެ.
"ހިނގާ ޕިއްޒާއެއް ކާލަމާ،" އަހަރެން ތެދުވަމުން ބުނީމެވެ. "ގުޅައިގެން މީންއިރަކުން ވެސް ނާންނާނެ. އަންނާނަން ހިފައިގެން."
ދޮރުން ބޭރަށް ނުކުމެފައި އަހަރެން މަޑުކޮށްލީމެވެ. ކުއްލިއަކަށް އެއްޗެއް ވިސްނުނުކަމަށް ހެދުނީމެވެ.
"އޭ! މަގޭ ސައިކު ސްޓާޓެއް ނުވޭ!" އަހަރެން ބުނީމެވެ.
އުމޭރު ސައިކަލުގެ ތަޅުދަނޑި އެއްލިއެވެ. ކަންތައް ވަމުންދިޔައީ ހީކުރި ގޮތަށެވެ. އެކަމަކު، ހީކުރި ވަރަށް ވުރެ ހަލުވިކޮށެވެ. ސިޑިން ތިރިއަށް ފޭބުމަށް ފަހު ތަޅުދަނޑިފައްޗަށް އަހަރެން ބަލައިލީމެވެ. ސައިކަލުގެ ތަޅުދަނޑި ފިޔަވައި އިތުރު ދެ ތަޅުދަނޑި އޮތެވެ. އަހަރެން ފުރަތަމަ މިސްރާބު ޖެހީ ތަޅުދަނޑި ހަދާ ތަނަކަށެވެ. ރޭގަނޑުގެ ވަގުތުކަމުން ގިނަ ތަންތަން ހުރީ ބަންދުކޮށްފައެވެ. ކާމިޔާބުވީ ކިރިޔާއެވެ. އުމޭރުގެ ދެ ތަޅުދަނޑީގެ ކޮޕީ ހެދީމެވެ. އަދި ޕިއްޒާ ގަނެގެން ގެއަށް އައީމެވެ. މެޗުބަލަން އިންއިރު ވެސް އަހަރެންގެ ކަމަކީ ވައިބާއިން ރޯސްއާ ވާހަކަދެއްކުމެވެ. އުމޭރު ބަލައިލައިފިއްޔާ އަހަރެން ހަދަނީ އޮފީހުގެ ކޮންމެވެސް ކަމަކާ މީހަކާ ވާހަކަދައްކަނީ ކަމަށެވެ. އެ ކަމާ ގުޅުވައިފައި ކޮންމެވެސް އެއްޗެކޭ ބުނަމެވެ. ފުޓްބޯޅަމެޗު ނިމިގެން އަހަންނަށް ނިދަންއޮށޯވެވުނުއިރު ދަންވަރު އެކެއްޖަހަނީއެވެ.
"ދެން ކޮންއިރަކުން މީޓްވާނީ؟" ރޯސް އެހިއެވެ.
އެނދުގައި އޮވެގެން ވެސް ރޯސްގެ ސުވާލުތަކަށް ޖަވާބުދިނީމެވެ. ފަޒީލާ އޮތީ ގުގުރީގައެވެ.
"ވަރަށް އަވަހަށް،" އަހަރެން ބުނީމެވެ. "ސަޕްރައިޒަކާ އެއްކޮށް."
"އަހަރެން ބޭނުން އިރުއަރަންދެން ވާހަކަދައްކަން ތިބެން،" ކެތްތެރިކަން ކުޑަ ރާގެއްގައި ރޯސް ބުންޏެވެ. "ބޭނުން ހުރިހާ ކަމެއް ނުވެސް ވާނެތާދޯ! ނިދަނީ ދެން. ގުޑްނައިޓް!"
އަހަރެން "ގުޑްނައިޓެއް" ނުކިޔަމެވެ. ވަކިވާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ރޯސް ނިދީއެވެ. އަހަރެންގެ އެއްވެސް ސުވާލަކަށް ދެނެއް ޖަވާބެއް ނައެވެ. ރޯސް ދެން ބައްދަލުކުރީ ހުވަފެނުންނެވެ. ލޯބީގެ ހުވަފެނެއް ނޫނެވެ. ހެއްވާ ހުވަފެނެކެވެ. އަހަރެން އޮތީ ފިނިފެންމަލުގެ ދާނެއްގައެވެ. އެ ތަނަށް އާދެވުނު ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެހެން އޮއްވައި އަހަރެންގެ ގައިމައްޗަށް ވެއްޓުނީ ދާގަނޑެކެވެ. އަހަރެން ފުންމައިގެން ތެދުވިތަނާ ދާގަނޑުގައި އަހަރެން ހައްޔަރުވިއެވެ. ރޯސް އެ ތަނަށް އައިއިރު އަހަރެންގެ އަތެއްފަޔެއް ގުޑުވައެއް ނުލެވެއެވެ. އަހަރެން ސަލާމަތް ކުރާކަށް ރޯސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެކަމަކު، ކުރި އެއްވެސް ކަމެއް އަހަރެންގެ ހިތަކުން ފިލުވައެއް ނުލެވުނެވެ. ނިދިން ހޭލައި އެތައް އިރަކު އަހަރެން ވިސްނަން އޮތީމެވެ. ކުރެވުނީ އެންމެ ޝަކުވާއެކެވެ. ހޭނުލެވުނު ނަމައެވެ.
މަތިންދާބޯޓަށް އަރަމުން އުމޭރު މެސެޖެއް ފޮނުވިއެވެ.
"އެޕާޓުމަންޓުގެ ތަޅުދަނޑި ދެވުނު ނަމަ ކިހާ ސަޅިވީސް،" އުމޭރުގެ މެސެޖުގައި އޮތެވެ. "އޭރުން މަ އަންނަންވާއިރަށް ކެމެރާތައް ރަނގަޅުކޮށްލެވުނީހެއްނު. ދެން ކުރާނެކަމެއް ނެތް. މި އަރަނީ ފްލައިޓަށް. މި ފަހަރު ވެސް ހާޑް ޑިސްކެއްތަ ގެންނަންވީ."
"ރަނގަޅުވާނެ." އަހަރެން ޖަވާބުގައި ލިޔުނީމެވެ.
ގަޑިއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރޯސްގެ ފޮޓޯއެއް އަހަންނަށް ލިބެމުންދިޔައެވެ. އަބަދުވެސް އަހަރެން ހުންނަނީ ދެން ފޮނުވާނެ ފޮޓޯއެއްގެ އިންތިޒާރުގައެވެ. ފިރިހެނެއްގެ ސަމާލުކަން އިތުރުވާނީ ފޮޓޯ ކިހިނެއް ނެގީމައިކަން ރޯސްއަށް އެނގެއެވެ. އޭނައަކީ ކެރޭ، ކުޅަދާނަ ކުއްޖެކެވެ. ކުޅަދާނަ ފަންނާނަކު ގިޓާގެ ނަރުތަކާ ކުޅޭ ފަދައިން އަހަރެންގެ ހިތުގެ ނާރުތަކާ ރޯސް ކުޅެމުންގެންދިޔައެވެ. ބޭނުން ގޮތަކަށް މިޔުޒިކުގެ ތަރުތީބު ބަދަލުކުރަމުންގެންދިޔައެވެ.
"މި ރޭ ފްރީތަ؟" އަހަރެން މެސެޖުގައި ލިޔުނީމެވެ.
އަހަރެންގެ އަތުގެ އިނގިލިތައް ނެށީ ރޯސް ކުޅުނު މިޔުޒިކަށެވެ. އެ ކަމުގައި އަހަރެންގެ އެއްވެސް އިޚްތިޔާރެއް ނެތެވެ. މެސެޖުން ޖަވާބު ލިޔުމުގެ ބަދަލުގައި ދެން އައީ ރޯސްގެ ކޯލެކެވެ.
"ކިހިނެއްވީ؟" ރޯސްގެ އަޑުން އަހަރެންގެ އެސްފިޔަތައް ލޮޑުކުރުވިއެވެ.
"ގުޅާނަން ޓެންގަ،" އެއީ އަހަރެން ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. ނުބުނެ ނުހުރެވުނު އެއްޗެކެވެ. "ރެޑީވެގެން ހުންނާތި!"
ދުރާލައި އަހަރެން ތައްޔާރުވީމެވެ. ހޯދި ސާމާނުތައް އެޅީ ލެޕްޓޮޕް ދަބަހަށެވެ. ލެޕްޓޮޕް ބެހެއްޓީ އޮފީހުގައެވެ. ރޭގަނޑު އަށެއްޖެހިއިރު އަހަރެން ހުރީ އަހަރެންގެ ކޮޓަރީގެ ލޯގަނޑު ކައިރީގައެވެ. ނުވައެއްޖެހިއިރު ވެސް ތައްޔާރުވެއެއް ނުނިމުނެވެ. އަހަންނަކީ އެ ވަރަށް ފަރިބަލާ މީހެއް ނޫނެވެ. ފަޒީލާއަށް ޝައްކުވިހެން އަހަންނަށް ހީވިއެވެ. ނުވަތަ އަހަންނަށް ޝައްކުބަލިޖެހުނީބާއޭ ހިތަށްއެރިއެވެ. ދެމަފިރިން ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވީތީ ފަޒީލާ އެއްވެސް ސުވާލެއް ނުކުރިއެވެ. އިތުރު ތަފުސީލު ދޭން އަހަރެން ބޭނުންވީ އެހެންވެއެވެ.
"މާދަމާ ހެނދުނު ކަންނޭނގެ ގެއަށް އާދެވެނީ،" ފަޒީލާ ސުވާލު ނުކުރަނީސް އަހަރެން ބުނީމެވެ. "ހާދަ ކަމެއް އެބައޮތޭ."
ފަޒީލާ ޖަވާބެއް ނުދެއެވެ. އަހަންނާ ދިމާއަށް ފާޑަކަށް ބަލައިލިއެވެ. އޭނަގެ ހިތުގައި އޮތް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، އަހަރެން ދެއްކި ވާހަކަ ފަޒީލާ ގަބޫލުކުރިހެނެއް އަހަންނަކަށް ހިއެއްނުވެއެވެ. ގެއިން ނުކުމެގެން އަހަރެން ދިޔައީ އުމޭރުގެ ގެއަށެވެ. ސައިކަލު ބެހެއްޓީ އެހެން ގެއެއް ކައިރީގައެވެ. ދަބަސް ރަނގަޅަށް ކޮނޑުގައި އަޅުވައިލުމަށް ފަހު، އިސްޖަހައިގެން ހިނގައިގަތީމެވެ. އެގާރަޖަހަންދެން އެ ގޭގެ ދޮރު ހުންނަނީ ތަޅުނުލައެވެ. އެ ގޭގެ ގިނަ ބައިތަކުގައި އުޅޭނީ ކުއްޔަށް އުޅޭ މީހުންނެވެ. އުމޭރުގެ ދެ ބޭބެ ގިނައިން އުޅޭނީ ރާއްޖެއިން ބޭރުގައެވެ. އެ ހުރިހައި ކަމެއް އަހަންނަށް އެނގެއެވެ. މީހަކަށް ފެނިދާނެތީ އަހަރެން ބިރުގަންނާކަށް ނުޖެހެއެވެ. ޖެހިލުންވީ އެންމެ ކަމަކާއެވެ. ފަހަރެއްގައި ވެސް ތަޅުދަނޑި ދިމާނުވެދާނެތީއެވެ. އަހަންނަށް ނޭނގި ވެސް ކެމެރާއެއް ހުރެދާނެކަމަށް ވިސްނީއެވެ. ވީ ވަރަކުން ބޮނދީމެވެ. މޫނު ނިވާކުރުމުގައި ބޭނުންކުރީ ނިތްގަނޑު ދިގު ތޮތްޕެކެވެ.
އުމޭރުގެ އެޕާޓުމަންޓުގެ ދޮރަށް ފުރަތަމަ ޖަހައިލި ތަޅުދަނޑިން ދޮރު ހުޅުވުނެވެ. އަވަހަށް އެތެރެއަށް ވަނުމަށް ފަހު ދޮރު ތަޅުލީމެވެ. ދިއްލައިފައި ހުރީ ފަނޑު އައްޔެކެވެ. ދޮރުފޮތި ބޯކަމުން އެ އަލި ބޭރަކަށް ނުފެނެއެވެ. އިތުރު ބޮތްކެއް އަހަރެން ނުދިއްލަމެވެ. ސިޓިންރޫމްގެ އޭސީ އާއި އުމޭރުގެ ކޮޓަރީގެ އޭސީ ޖައްސައިލީމެވެ. އަހަރެންގެ ގެނައި އުއްބައްތިތައް އެކި ތަންތަނުގައި އަތުރައިލީމެވެ. ލެވެންޑާ ވަހުން އެއްވަސް ކޮށްލީމެވެ. ބަރާބަރު ދިހައެއް ޖެހި ވަގުތު ރޯސްއަށް ގުޅައިލީމެވެ. އަންނަންވީ ގެ އާއި ގެ ހުންނަ ތަން ކިޔައިދިނީމެވެ. އެ އަށް ފަހު، ތަނަށް ނަޒަރުހިންގައިލީމެވެ. އެއީ އެ ފަދަ ބައްދަލުވުމަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ މާޙައުލެކެވެ. މަދީ އެންމެ ކަމެކެވެ. މިޔުޒިކެވެ. އަހަރެންގެ ފޯނުގައި ޚާއްޞަ ލަވަތަކެއް ހުއްޓެވެ. ފުރަތަމަ ލަވައަށް "ޕްލޭ" ކޮށްލަމުން ސޯފާގައި އޮށޯވެލީމެވެ. ލޯމަރައިލީމެވެ. އެ ވަގުތު ގުގުރައިލި އަޑު ދުރުދުރުން އިވުނުހެން ހީވިއެވެ. ވާރޭ ވެހެން އަހަރެން ބޭނުމެވެ. ކުޑަކޮށް ތެމިގެން ރޯސް އައުމަކީ އަހަރެންގެ އެދުމެކެވެ. ދޮރުގައި މަޑުމަޑުން ޓަކިދިން އަޑު އަހަންނަށް އިވުނީ، ވާރޭވެހެން ފެށިތާ ދެތިން މިނެއްޓު ފަހުންނެވެ. ވަރަށް ފޮނި އުންމީދަކާ އެކުގައި އަހަރެން ތެދުވީމެވެ. ދޮރުމަތީގައި ހުރީ ކާކުތޯ ބަލަން ދޮރުކަޅީގައި ލޯ ޖަހައިލީމެވެ. އެ މީހަކު ހުރީ ދޮރުކަޅީގައި އަތް އަޅައިގެންނެވެ. އެއީ ރޯސްކަން ކަށަވަރު ކޮށްފައި އަހަރެން ދޮރު ހުޅުވައިލީމެވެ. އެއާއެކު އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. (ނުނިމޭ)