ހެލިކޮޕްޓަރެއް ވެއްޓި އެމެރިކާގެ 5 ސިފައިން މަރުވެއްޖެ
ހެލިކޮޕްޓަރެއް ވެއްޓި އެމެރިކާގެ 5 ސިފައިން މަރުވެއްޖެ

އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕެސިފިކް ލަޝްކަރުގައި ހިމެނޭ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އެއިން ދަތުރުކުރި ސިފައިންގެ ފަސް މީހަކު މަރުވެއްޖެ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އެމެރިކާގެ ޕެސިފިކް ލަޝްކަރުން ބުނި ގޮތުގައި ސިފައިންގެ ހެލިކޮޕްޓަރު ވެއްޓުނީ ކެލިފޯނިއާގެ ސެން ޑިއޭގޯ އައްސޭރިފަށުން ކަނޑުގެ ތެރެއަށެވެ. އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން، ހެލިކޮޕްޓަރުން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ހުއްޓާލައިފަ އެވެ. އޭގެ ތެރެއިން މީހަކު ދިރިހުންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ބަލައި، މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެއިން ދަތުރުކުރި މީހެއްގެ ހަށިގަނޑު ފެނޭތޯ އެވެ.

ޕެސިފިކް ލަޝްކަރުން ބުނި ގޮތުގައި ޕެސިފިކް ކަނޑަށް ވެއްޓުނީ އެމްއެޗް-60އެސް މަރުކާގެ ހެލިކޮޕްޓަރެކެވެ. އެ ހެލިކޮޕްޓަރު ކަނޑަށް ވެއްޓުނީ، އެމެރިކާ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަން އިން ފުރައިގެން، އާދައިގެ ދަތުރެއްގެ މަތީގައި އުޅެނިކޮށް، ސެން ޑިއޭގޯގެ އައްސޭރިފަށުން 60 ނޮޓިކަލް މޭލު ދުރަށެވެ.

ވެއްޓުނު ހެލިކޮޕްޓަރު މަނަވަރުން އުދުއްސައިލި ވަގުތު، މަނަވަރުގެ ތައްޓުމަތީގައި ތިބި ސިފައިންގެ ތެރެއިން ފަސް މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ. އެ އެންމެންނަށް ވެސް މިހާރު އަންނަނީ ޔޫއެސްއެސް އެބްރަހަމް ލިންކަންގައި ފަރުވާ ދެމުން ކަމަށް، ޕެސިފިކް ލަޝްކަރުގެ ތަރުޖަމާނު ލެފްޓިނެންޓް ސެމުއެލް އާރް ބޮއެލް ބުންޏެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ދެނެގަތުމަށްޓަކައި މިހާރު އަންނަނީ އިތުރު ތަހުގީގުތައް ކުރަމުންނެވެ. ނަމަވެސް، ހެލިކޮޕްޓަރު އުދުއްސައިލި އިރު، މަނަވަރުގެ ތައްޓު މަތީގައި ތިބި ބަޔަކު ޒަހަމްވެފައިވާތީ، ހެލިކޮޕްޓަރު އުދުއްސައިލި ވަގުތު، އޭގެ ކޮންމެވެސް ބައެއް، މަނަވަރުގައި ޖެހިފައިވާ ކަމަށް ބެލެވެ އެވެ.