01 ޑިސެމްބަރ 2016 - 06:27

ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި އުޅޭ ދެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް އަކީ އެއް އިރެއްގައި ވެސް އެކުވެރިންނެއް ނޫނެވެ. ދެ މީހުންގެ މެދުގައި 2009 އިން ފެށިގެން އަބަދުވެސް ހަނގުރާމަ އޮވެ އެވެ. ބުނެވޭ ގޮތުގައި އެ ހަނގުރާމަ ފެށުނީ ދީޕިކާއާ ރަންބީރު ކަޕޫރު ރައްޓެހިވެގެން އުޅެފައި ކެޓުރީނާ ފެނިގެން ދީޕިކާ ދޫކޮށްލި ހިސާބުންނެވެ.
އޭގެ ފަހުން ރަންބީރު އާއި ކެޓުރީނާ ހައެއްކަ އަހަރު ވަންދެން ރައްޓެހިވެގެން އުޅުނެވެ. އަދި ދެ މީހުން ރުޅިވާން މެދުވެރިވީ ރަންބީރާއި ދީޕިކާ އެކުގައި ކުޅުނު "ތަމާޝާ" ގެ ޝޫޓިން އޮތް ދުވަސްވަރާއި ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ކުރިއިރު ދެ މީހުންގެ ގުޅުން ބޮޑުވުމުން ކެޓުރީނާގެ ހިތްހަމަނުޖެހުންތަކާ އެކު އުފެދުނު މައްސަލަތަކެވެ. އޭގެ ފަހުން ކެޓުރީނާ އާއި ދީޕިކާ ވެސް މަސައްކަތްކުރީ އެކަކު އަނެކަކާ ދިމާނުވެ އުޅެވޭތޯ އެވެ. އެކަން އެންމެ ބޮޑަށް ފެނުނީ ދާދި ފަހުން ބޭއްވި ލަކްސް ގޯލްޑަން ރޯސް އެވޯޑްސްގަ އެވެ.
މިދިޔަ ހަފުތާގައި އޮތް ކްރިސް މާޓިންގެ "ކޯލްޑްޕްލޭ" ކޮންސެޓްގައި ކެޓުރީނާ އަށް އެއްވެސް މީހެއްގެ ސަމާލުކަން ނުލިބޭނެ ގޮތަށް ދީޕިކާ އަމަލްތައް ބެހެއްޓި އެވެ. އެ އިވެންޓުގައި ދީޕިކާ ވަނީ ކްރިސް މާޓިން އާއި ޝާހްރުކް ޚާނާއި ސަލްމާން ޚާން އަދި ފަރްހާން އަޚްތަރާ އެކު ވަރަށް މަޖާ ނަގާފަ އެވެ.
އެ ހުރިހާ ތަރިންނާ އެކު މަޖާކުރަން ކެޓުރީނާ ވެސް ބޭނުންވި އެވެ. ނަމަވެސް ދީޕިކާ ކައިރި އަށް ނުދާންވެގެން ދުރުގައި އެކަނި ހަމަ ހުރީ އެވެ.
މި އިވެންޓުގައި ބައިވެރިވި މީހަކު ބުނި ގޮތުގައި ކެޓުރީނާ ގިނަ ވަގުތު ހޭދަކުރީ ރިތިކް ރޯޝަން އާއި ޒައިދު ޚާނާ އެކުގަ އެވެ. ކްރިސް މާޓިންއާ ބައްދަލުކޮށްލާނެ ފުރުސަތެއް ކެޓުރީނާއަކަށް ނުލިބުނެވެ.
މި ހާދިސާއަށް ފަހު ދެ ބަތަލާއިންގެ ވާދަވެރިކަން ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.