އަދިވެސް 1،200 ފްލެޓްގެ އެއްބަސްވުން ނުހެދި އެބަ އޮތް
އަދިވެސް 1،200 ފްލެޓްގެ އެއްބަސްވުން ނުހެދި އެބަ އޮތް

ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން 85 ޕަސެންޓް މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި މިހާރު ސޮއިނުކުރެވި އޮތީ 1،201 މީހެއްގެ ފްލެޓް އެއްބަސްވުމުގައި ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓް ލިބުނު 6،720 މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ ޖުލައި 14 ގަ އެވެ. އޭގެ ފަހުން އެކި ދުވަސްތަކަށް ބަހާލައިގެން މިހާތަނަށް 5،519 މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް އެންމެ މަދު ބަޔަކު ސޮއިކުރީ ޓަވަރު އެޗް13 އިންނެވެ. އެތަނުން 370 މީހަކަށް ފްލެޓް ލިބުނުއިރު މިހާތަނަށް ސޮއިކުރީ އޭގެ ތެރެއިން 72 ޕަސެންޓް މީހުންނެވެ. އެހެން ޓަވަރުތަކުން ސޮއިކުރި މީހުންގެ އަދަދު އުޅެނީ 83 ޕަސެންޓުން މަތީގަ އެވެ.

އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފްލެޓް ލިބުނު 5،665 މީހެއްގެ ނަން ޝެޑިއުލްކޮށްފަ އެވެ. އެކަމަކު ޝެޑިއުލާ އެއްގޮތަށް ބައެއް މީހުން ސޮއިކުރާކަށް ނުދެ އެވެ. ގާތްގަނޑަކަށް 200 ވަރަކަށް މީހުން މިގޮތަށް ސޮއި ނުކޮށް އެބަ އޮތް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި 400 މީހަކު ވަނީ އެމީހުންނަށް ގުރުއަތުން ލިބުނު ފްލެޓް ބަދަލުކުރުމަށް އެދިފަ އެވެ. އެކަމަކު ފްލެޓް ލިބުނު އެކަކު އަނެކަކަށް ފްލެޓް ބަދަލުކުރާ ނަމަ، އެމީހުންގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހު އެޗްޑީސީން އޮތީ ފަސްކޮށްފަ އެވެ.

ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން 250 އެއްހާ މީހުން ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަން ނޯޓުކޮށްފައިވެ އެވެ. ވިނަރެސް ފްލެޓް އެމީހުންނަށް ހަމަޖެހުމާ އެކު ހިޔާގެ އެއްބަސްވުމުގައި އެމީހުން ވެސް ސޮއިނުކުރާނެ އެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެއްބަސްވުމުގައި ސޮއިކުރުމަށް ވަކި މުއްދަތެއް ވެސް ކަނޑައަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެކަމަކު މިހާތަނަށް އެގޮތަށް ވަކި މުއްދަތެއް ކަނޑައެއް ނާޅަ އެވެ.

ފްލެޓް ލިބުނު ބައެއް މީހުން މިހާރު އެތަންތަނުގައި ދިރިއުޅެމުން ވެސް ވަނީ ފަށައިފަ އެވެ. މަހު ކުއްޔަށް 7،500 އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާ ގޮތަށް އެއްބަސްވުން ހަދަމުން އަންނައިރު ކުލި ކުޑަކުރުމަށް ފްލެޓް ލިބުނު މީހުން ދަނީ އާދޭސްކުރަމުންނެވެ.