10 ސެޕްޓެމްބަރ 2021 - 17:10

މަސް ގަނެ ރައްކާކޮށް އަދި ޕްރޮސެސްކުރާ ޅ. ފެލިވަރުގައި އިތުުރު މަސް ފެކްޓްރީއަކާއި ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޕްރީ-ކޮލިފިކޭޝަނަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކެޓްގެ ދަށުން 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ކެޕޭސިޓީގެ ފެކްޓްރީއެއް ހަދާނެ ކަމަށެވެ. މިތަނުގައި ބްރައިން ފީޒިން ފެސިލިޓީއަކާއި ރެފްރިޖަރޭޓަޑް ސީ ލޯޒާ ފެސިލިޓީއެއްގެ އިތުރުން ފިޝްމީލް ޕްލާންޓަކާއި އައިސް ޕްލާންޓެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއުގެ ދަށުން ފެލިވަރުގެ އިތުރުން ގއ. ގެމަނަފުށީގައި 50 ޓަނުގެ އައިސް ޕްލާންޓެއް ހަދާނެ އެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 18 މިލިއަން ޑޮލަރުގެ ލޯނަކުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ.
މަސް ގަނެ ރައްކާކުރުމާއި ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދަށްވުމުގެ ސަބަބުން، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ގަތުން ކޮންޓްރޯލްކުރާތީ މަސްވެރިންގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
ތަފާތު އެކި ޕްރޮޖެކްޓްތައް ހިންގަން އިންޑިއާ އިން ރައްޖެ އަށް 800 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ފަސް އަހަރުގެ މޮރިޓޯރިއަމް މުއްދަތަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި އެހީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅައި އިންޑިއާ ސަރުކާރުން އެޕްރޫވް ކުރާ ޕްރޮޖެކްޓުތަކެވެ.