05 ޖޫން 2016 - 12:28

ލަންޑަން (ޖޫން 5) - ވިޔަރެއާލަށް ކުޅޭ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބެއިލީ ހޯދަން ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.
އިސްކޮޅުން ހަ ފޫޓް ދެ އިންޗް ހުންނަ ބެއިލީ ހޯދަން ޕީއެސްޖީ، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވިޔަރެއާލުން ބެއިލީ ވިއްކަން ކިޔާ އަގަކީ 45 މިލިއަން ޕައުންޑެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ ބެއިލީ އަށް 40 މިިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އަދި ޔުނައިޓެޑުން ވަނީ ބެއިލީ ހޯދަން ވިޔަރެއާލާ އެކު މަޝްވަރާތައް ފަށައިފަ އެވެ.
އުމުރުން 22 އަހަރުގެ ބެއިލީ ވަނީ މިދިޔަ ސީޒަނު ސްޕެނިޝް ލީގުގައި ވިޔަރެއާލަށް 25 މެޗު ކުޅެދީފަ އެވެ. އަދި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުއިރު ބެއިލީ ވަނީ އެ ޓީމުގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ވިޔަރެއާލުން ބެއިލީ ގެނައީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އެއީ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލް ޕޯލިސްޓާ އާސެނަލަށް ބަދަލުވުމުންނެވެ. ވިޔަރެއާލަށް ބަދަލުވުމަށް ފަހު ބެއިލީ ވަނީ އައިވަރީ ކޯސްޓު ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. އެނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެދީފަ އެވެ.