ވާދަވެރިކަން ބޮޑުވިޔަސް، އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑަކަށް ވާނެ: ހަސަން ލަތީފް
ވާދަވެރިކަން ބޮޑުވިޔަސް، އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑަކަށް ވާނެ: ހަސަން ލަތީފް

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވިޔަސް ގައުމީ މަޖިލީހުގެ އިންތިހާބަކަށް ފަހު ޕާޓީ އަލުން އެކަތިގަނޑަކަށް ވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ފުރިހަމަ އަދި ނަތީޖާ އެންމެ ރަނގަޅު އިންތިހާބެއް ބޭއްވޭނީ ވާދަވެރިކަަން ބޮޑުވި ވަރަކަށް ކަމަށާއި އެމްޑީޕީން މީގެ ކުރިން ވެސް ބާއްވާފައިވާ ގިނަ އިންތިހާބުތަކަކީ ވަދަވެރިކަން ބޮޑު އިންތިހާބުތަކެއް ކަމަށެވެ.

ނަމަވެސް އިންތިހާބު ނިމުމާ އެކީ އަނެއްކާވެސް އެމްޑީޕީ އެއް ޕާޓީއެއް ގޮތުގައި ތިބޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"މި ނޫން ދަނޑިވަޅެއް އެމްޑީޕީއަކަށް ނާންނާނެ. އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުން ހުންނާނެ. އެއީ އެމްޑީޕީ އެހާ ވަރުގަދަކޮށް އޮންނަ ސަބަބަކީ،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ މިދިޔަ 16 އަހަރުގެ ތެރޭގައި ވަރުގަދަވެފައި ވަނީ ތަފާތު ހިޔާލުތަކުގެ ބޭފުޅުންނާއި ކަންކަން ނިންމުމުގައި އެ ބޭފުޅުން ބައިވެރިވެ އިންތިހާބުތައް ކާމިޔާބުކޮށް އަދި ބައެއް ފަހަރު އެ އިންތިހާބުތަކުން ބަލިވެގެން ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެ ވާދަވެރިކަމުގެ ތެރޭގައި ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އެމްޑީޕީ ތެރޭގެ ހިޔާލު ތަފާތުވުން] އޮތީމަ ވަރަށް ރަނގަޅު އިންތިހާބަކަށް ވާނެ،" ހަސަން ވިދާޅުވި އެވެ.

އަންނަ ހަފްތާ ހޮނިހިރު ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވާއިރު އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެމެދު ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ގުޅިގެން މަސައްކަތް ކުރުން ހުއްޓާލައިފަ އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނިޒާމުގެ މައްސަލަގައި ރައީސް ސީދާ އެއްޗެއް ވިދާޅު ނުވި ނަމަވެސް އެމަނިކުފާނުގެ ފެކްޝަންގައި ހިމެނޭ މެންބަރުން ވަނީ ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމަށް ދެކޮޅު ހަދައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަ ކުރެ އެވެ.