ގައުމީ ޓީމާ ޕޮޕޯފް ހަވާލުވީ ކީއްވެ؟
ގައުމީ ޓީމާ ޕޮޕޯފް ހަވާލުވީ ކީއްވެ؟

ގައުމީ ޓީމެއްގެ ކޯޗުކަން ކުރުމަކީ ދުވަހަކު ވެސް ކުރަން ބޭނުންވި ކަމެއް ނޫން ކަމަށާއި އެކަމަކު ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެކަމަށް ވަރަށް ބޮޑަށް އެދުމުން ކަމަށް ކުރީގެ ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

ގައުމީ ޓީމާ ޕޮޕޯފް ހަވާލުވީ ކީއްވެ؟
ގައުމީ ޓީމާ ޕޮޕޯފް ހަވާލުވީ ކީއްވެ؟

ގޯލް ޑޮޓް ކޮމް އަށް ދިން އިންޓަވިއުއެއްގައި ޕޮޕޯފް ވަނީ އޭނާ އަށް ފުޓްބޯޅައިގެ ދުނިޔެއިން ހަގީގީ ފުރުސަތު ލިބުނީ ދިވެހި ފުޓްބޯޅައިގެ ސަބަބުންކަން ކަމަށް ބުނެފަ އެވެ.

ނިއު ރޭޑިއަންޓުގެ ކޯޗުގެ ގޮތުގައި 2013 ވަނަ އަހަރު ރާއްޖެ އައި ޕޮޕޯފް ވަނީ އެ އަހަރު އެ ކްލަބް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީ އެފްއޭ ކަޕާއި ދިވެހި ލީގުގެ ޗެމްޕިއަންކަން ހުރިހާ މެޗަކުން މޮޅުވެ ހޯދައިދީފަ އެވެ. އޭގެ ފަހުން އޮމާން އަދި ތައިލެންޑުގެ ކްލަބްތަކަށް ކޯޗުކޮށްދިނުމަށް ފަހު އެނބުރި ރާއްޖެ އައީ މިދިޔަ އަހަރު ގައުމީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ. އެކަމަކު ނަތީޖާ ނުނެރެވޭތީ އާއި އަހުލާގީ މައްސަލަތަކެއް ހުރި ކަމަށް އެފްއޭއެމުން ވަނީ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ވަކިކޮށްފަ އެވެ.

ޕޮޕޯފް، 40، ބުނީ ރަނގަޅު ހާލަތެއްގައި އޮތް ރަނގަޅު ޓީމެއްގެ ވަޒީފާ ޒުވާން އުމުރެއްގައި ޔޫރަޕުން ހޯދުމަކީ އުނދަގޫކަމެއް ކަމަށާއި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން ލިބުނު ފުރުސަތު ގަބޫލުކުރީ އޭޝިއާގެ ފުޓްބޯޅައިގެ ތެރެއަށް ނުކުތުމަށް ކަމަށެވެ. އަދި ނިއުއާ އެކު، އޭއެފްސީ ކަޕުން ފުރުސަތު ލިބި ސަރަހައްދީ ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބުނުކަން އޭނާ ފާހަގަކުރި އެވެ.

"އޭއެފްސީ ކަޕުގައި އެ ފަހަރު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނިން. ގްރޫޕުގެ އެއް ވަނަ ހޯދީ އެންމެ ރަނގަޅު އެޓޭކިން ރެކޯޑާ އެކު. (މެލޭޝިއާގެ) ސެލަންގޯ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދިން އެކަމަކު ކުވޭތު ޓީމު އަތުން ބަލިވީ. ކުވޭތު ޓީމަކީ މުޅިން އެހެން ލެވެލެއްގެ ޓީމެއް،" ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް ބުނީ އެ ފަހަރުގެ އޭއެފްސީ ކަޕަކީ އޭނާ އަށް ވަރަށް މުހިއްމު މުބާރާތެއް ކަމަށާއި އަދި އެ ފަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއް 100 ޕަސެންޓް ރެކޯޑަކާ އެކު ކާމިޔާބުކުރުމަކީ ވެސް ކެރިއަރުގެ ބޮޑު ހާސިލްވުމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

"ފަހަރުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އަރާވަރުގެ ކަމެއް،" ސަމާސާ ރާގެއްގައި ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް ބުނީ އޭނާ އަށް އޮމާނާއި ތައިލެންޑް އަދި މެލޭޝިއާ އިން ދޮރު ހުޅުވީ އެ ފަހަރުގެ ކާމިޔާބީގެ ސަބަބުން ކަމަށާއި އޭޝިއާ އަށް ބަދަލުވެ ރިސްކް ނެގުނީތީ އުފާކުރާ ކަމަށެވެ. އަދި އޭނާ އަބަދުވެސް ބަލަމުން އައީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެޅުމަށް ކަމަށާއި ރާއްޖެ ދޫކޮށް އޮމާނަށް ބަދަލުވުމަކީ ކުރިއަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

"އޮމާނަށް ފަހު ތައިލެންޑަށް ދިއުމަކީ ކުރިއަށް އެޅި ފިޔަވަޅެއް. އެއަށް ފަހު އެނބުރި ރާއްޖެ ދިއުމަކީ ވެސް ކުރިއެރުމެއް. ސަބަބަކީ އެއީ ގައުމީ ޓީމު ކަމަށްވާތީ،" ޕޮޕޯފް ބުންޏެވެ. "އެހާ ޒުވާން އުމުރެއްގައި ގައުމީ ކޯޗުކަން ކުރުމަކީ ބޮޑު ކަމެއް. އެއީ އަހަންނަށް ލިބުނު ބޮޑު ފުުރުސަތެއް."

އެކަމަކު ޕޮޕޯފް ބުނީ ރާއްޖޭން ލިބުނު ފުރުސަތު ގަބޫލުކުރީ ސިކުނޑިން ވިސްނާފައި ނޫން ކަމަށާއި އެ ފުރުސަތު ގަބޫލުކުރީ ރާއްޖޭގައި ތިބި އެކުވެރިން އެގޮތަށް އެދުމުންނާއި ރާއްޖޭގައި މަސައްކަތްކުރަން ބޭނުންވާތީ ކަމަށް އޭނާ އިޝާރާތްކުރި އެވެ. އެކަމަކު ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅުން ގޯސްވެ ބޭނުންވާ ގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުމުން ވަކިވާން ނިންމީ ކަމަށް އޭނާ ބުންޏެވެ.

ޕޮޕޯފް ބުނީ ގައުމީ ޓީމެއްގެ ވަޒީފާއަކީ އޭނާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ކޮންމެ ދުވަހަކު މަސައްކަތްކުރެވޭ، ކޮންމެ ދުވަހަކު ދަނޑުމަތީގައި ހަރަކާތްތެރިވެވޭ ވަޒީފާއެއް ކަމަށް ވެސް ބުންޏެވެ.

"އަހަންނަށް ހެދުނު ގޯހެއް އެއީ (ރާއްޖޭގެ ފުރުސަތު ގަބޫލުކުރުމަކީ). އަހަރެން ސިކުނޑިން ވިސްނާފައި ނިންމި ނިންމުނެއް ނޫން އެއީ. ރާއްޖޭގެ ވަޒީފާ އަހަރެން ގަބޫލުކުރީ ހިތް އެދުނީ ގޮތަށް ކަމަށްވާތީ. އަހަރެންގެ ހިތް އެގޮތް ބޭނުންވީ. އަޝްފާގާއި އިމްރާން ފަދަ ކުޅުންތެރިންނާ ހެދި. އެ ކުޅުންތެރިން ކޮންމެ ދުވަހަކު އަހަރެން ގާތު އާދޭސް ކުރި އަންނާށޭ، އަންނާށޭ، އަންނާށޭ ކިޔާފައި. އަނެއްކޮޅުން ސަޕޯޓަރުން ވެސް އެދުނު،" ޕޮޕޯފް ބުންޏެވެ.

ގައުމީ ޓީމުގެ ހުށަހެޅުން ގަބޫލުކުރި އަނެއް ސަބަބަކީ، ޕޮޕޯފް ބުނި ގޮތުގައި ގައުމީ ޓީމެއްގެ ކޯޗުގެ މަގާމުގެ ހައިބަތު ބޮޑުވުމުން ކަމަށެވެ. އެކަމަކު ދެން ދުވަހަކު ވެސް ގައުމީ ޓީމެއްގައި މަސައްކަތްނުކުރާނެތީވެ، އެ ތަޖުރިބާ ވެސް ކުރެވިފައިވާތީ އުފާކުރާ ކަމަށް ބުންޏެވެ.

"ރާއްޖެ އާއި އަހަންނާ ހާއްސަ ގުޅުމެއް އޮވޭ. އެއީ އަހަރެން ދެ ވަނަ ގައުމު ފަދަ ތަނެއް. އެހެންވީމާ ރާއްޖެ އަށް ނޫނެކޭ ނުބުނެވޭނެ. އެކަމަކު އަހަންނަށް ކްލަބާއި ގައުމީ ޓީމުގެ ތެރެއިން ތަނެއް އިހުތިޔާރުކުރަން ޖެހިއްޖެއްޔާ ނަގަނީ ކްލަބް،" ޕޮޕޯފް ބުންޏެވެ.

ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި އިންތިހާ އަށް ހޯދި ޕޮޕޯފް ވަނީ ރާއްޖެ އާއި މިހާރު އޭނާ މަސައްކަތްކުރާ މެލޭޝިއާގެ ސަޕޯޓަރުންނަށް ތައުރީފުކޮށްފަ އެވެ. އަދި ދެ ގައުމުގެ ރައްޔިތުން ވެސް ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރާކަން ފާހަގަވި ކަމަށް ޕޮޕޯފް ބުންޏެވެ.