ކްލާސްރޫމަށް ވާރޭވެހޭ މައްސަލަ ހައްލުނުކުރެވުމުން ހިރިލަންދޫ ބެލެނިވެރިން ސްކޫލު ބަންދުކޮށްްފި
ކްލާސްރޫމަށް ވާރޭވެހޭ މައްސަލަ ހައްލުނުކުރެވުމުން ހިރިލަންދޫ ބެލެނިވެރިން ސްކޫލު ބަންދުކޮށްްފި

ތ. ހިރިލަންދޫ ސްކޫލުގެ ބާ އިމާރާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނައިރު ކްލާސްރޫމްތަކަށް ވާރޭވެހި އެކުދިންނަށް ކިޔަވަން އުނދަގޫ ހާލަތަށް ގޮސްފައިވާ ކަމަށް ބުނެ ބެލެނިވެރިން މިއަދު ސްކޫލު ބަންދުކޮށްފި އެވެ.

ކްލާސްރޫމަށް ވާރޭވެހޭ މައްސަލަ ހައްލުނުކުރެވުމުން ހިރިލަންދޫ ބެލެނިވެރިން ސްކޫލު ބަންދުކޮށްްފި
ކްލާސްރޫމަށް ވާރޭވެހޭ މައްސަލަ ހައްލުނުކުރެވުމުން ހިރިލަންދޫ ބެލެނިވެރިން ސްކޫލު ބަންދުކޮށްްފި

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް "މިހާރު" އަށް ވިދާޅުވީ ވިއްސާރަވެއްޖެ ނަމަ، ބާއިމާރާތުގެ ކްލާސްރޫމްތަކުގައި ފެންބޮޑުވެ ކިޔަވަން ގެންގުޅޭ ފޮތްތައް ވެސް ތެމޭ ކަމަށެވެ. މައްސަލަތައް ދިމާވާތީ އެކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޓަވަލް ކުރިން މިއަދު ދަރިވަރުން ސްކޫލަށް ފޮނުވި ނަމަވެސް ސްކޫލު ބަންދުކުރީ އިންޓަލް ގަޑިއަށް ދަރިވަރުން ގެއަށް ދިޔަ ވަގުތާ ދިމާކޮށެވެ.

ކްލާސްރޫމަށް ވާރޭވެހޭ މައްސަލަ ހައްލުނުކުރެވުމުން ހިރިލަންދޫ ބެލެނިވެރިން ސްކޫލު ބަންދުކޮށްްފި
ކްލާސްރޫމަށް ވާރޭވެހޭ މައްސަލަ ހައްލުނުކުރެވުމުން ހިރިލަންދޫ ބެލެނިވެރިން ސްކޫލު ބަންދުކޮށްްފި

"އެތައް ދުވަހެއް ވެއްޖެ މިކަމުގެ ޝަކުވާ ކުރާތާ. މިއަދު ވެސް ހެނދުނު ވިއްސާރަ ވެހިގެން ކްލާސްރޫމަށް ފެންވަދެ މި މައްސަލަތައް ދިމާވީމަ ކުދިން ގެއަށް ދިޔަ ވަގުތު ބެލެނިވެރިން އައިސް ބަންދުކުރީ ސްކޫލު. ޓީޗަރުން އިންޓަވަލް ގަޑި ނިމުނީމަ އެބަތިބި އައިސް. އެކަމަކު އޭރު ބެލެނިވެރިން ގޭޓް ބަންދުކޮށް އެ ސަރަހައްދުގައި ތިބީ،" ޖަލާލް ވިދާޅުވި އެވެ.

ޖަލާލް ވިިދާޅުވި ގޮތުގައި ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ދަނޑިވަޅުގައި ވެސް ހިރިލަންދޫ ސްކޫލަށް ވުރެ މާ ހާލަތު ރަނގަޅަށް ހުރި ސްކޫލުތަކުގައި އާ އިމާރާތް އެޅުމަށް މިނިސްޓްރީން ހަވާލުކުރަމުންދިޔުމެވެ. އެކަމަކު އެރަށު ސްކޫލުގައި އާ އިމާރާތެއް އެޅުމަށް މިދިޔަ އަހަރާއި މިއަހަރު ވެސް ބަޖެޓްގައި ހިމެނި ނަމަވެސް އިމާރާތް އެޅުމަށް އިއުލާނުނުކޮށް ގިނަ ދުވަސްތަކެއްވާތީ އެ ކަންބޮޑުވުންތައް ބެލެނިވެެރިން ދަނީ ފާޅުކުރަމުންނެވެ.

ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާ އެކު ސްކޫލުގެ 70 ޕަސެންޓް ބެލެނިވެރިން އެއްވެ ނުރުހުން ފާޅުކުރި ކަމަށް ކައުންސިލުން ބުންޏެވެ.

ހިރިލަންދޫ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ. އެ ސްކޫލުގައި ގާތްގަނޑަކަށް 250 އެއްހާ ދަރިވަރުން ކިޔަވަ އެވެ.

ޖަލާލް ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓްރީއަށް އެތައް ފަހަރަކު ހުށަހަޅާފައިވާ ކަމަށެވެ.

"ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރީމާ އެތައް ފަހަރަކު އެބަހުރި ތާރީހުތައް ދީފައި. އެކަމަކު އެ ތާރީހުތަކަށް ވެސް ހައްލު ނުވީމާ ބެލެނިވެރިން ނިކުމެ ސްކޫލު ބަންދުކުރީ،" އޭނާ ވިދާޅުވި އެވެ.

ހިރިލަންދޫ ސްކޫލުގެ ބާ އިމާރާތަކީ 1990 ވަނަ އަހަރު ހަދާފައި ހުރި ތަނެކެވެ. އެތަނަކީ ރަށުގެ ރައްޔިތުން ބައްދަލުކުރުމަށާއި އިމްތިހާނުތައް ބާއްވަމުން އަންނަ ހޯލެވެ. އެކަމަކު އެ ސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެތަނުގައި ޕާޓިޝަން ޖަހައިގެން ހަތަރު ކްލާސްރޫމް ހުރީ ހަދައިފަ އެވެ.

"އެއްވެސް ކުޑަ ދޮރެއް އެއްޗެއް ހުރި ތަނެއް ނޫން މިއީ. ހަމަ ހާމަޔަށް ހުރީ. ދެން ވިއްސާރަ ވެއްޖެއްޔާ އެބަ ފޮތްތައް ދެމޭ ގޮތް ވެސް ދިމާވޭ،" ސްކޫލު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ސްކޫލުގެ ލީޑިން ޓީޗަރު އަހުމަދު ހުސެއިން މަނިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެސް ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ އެތަނުގައި ކިޔަވައިދޭން ދަތިވެ އެވެ. އާންމުކޮށް ވިއްސާރަވެހޭ ނަމަ، ބާއިމާރާތުގައި ކިޔަވާ ކުދިންގެ ސެޝަން ކުރުކޮށްލުމަށް ފަހު އެކުދިން ފޮނުވާލަނީ ގެއަށް ކަމަށް އަހުމަދު ވިދާޅުވި އެވެ. އެކަމަކު އެޑިއުކޭޝަނުން ސްކޫލަށް އަންގާފައި އޮތީ ކިރިޔާ ވެސް ކިޔަވައިދެވޭ ނަމަ އެގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށްވާތީ މިއަދު ވާރޭވެހުނު ވަގުތު ވެސް ކިޔަވައިދިނުން ކުރިއަށް ގެންދިޔައީ އެވެ.

"މިއީ ވަރަށް ކުރީގެ އިމާރާތެއްވީމާ ވަަރަށް ބޮޑަށް ފުރާޅު ވެސް ހަލާކުވެފައި އޮތީ. ދޭތެރެއަކުން ޕެޗު އަޅަން ޖެހޭނެ އެތަނުގައި."

މިއަދު އިންޓަވަލް ގަޑިއަށް ކުދިން ދިޔަ ގޮތަށް ސްކޫލަށް އެކުދިން ނުފޮނުވި ނަމަވެސް ޓީޗަރުން ތިބީ ސްކޫލަށް ގޮހެވެ.