20 ސެޕްޓެމްބަރ 2021 - 13:00

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދައި ބޭނުންކުރަމުން އަންނަ ވެކްސިން، ދުނިޔޭގެ އެކި ގައުމުތަކަށް ބެހުމުގައި އެއްވެސް ހަމަހަމަކަމެއް ނެތްކަމުގެ ތުހުމަތުތަކުގެ ތެރޭގައި، ދުނިޔޭގެ ކުދި އަދި ބޮޑެތި ގައުމުތަކުގެ ވެރިން، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ އާންމު ބަހުސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ، ނިއު ޔޯކް ގަޑިން މާދަމާ ހެނދުނު 9 ޖަހާއިރު އެވެ. އެއީ ރާއްޖެ ގަޑިން މާދަމާ ހަވީރު 6 ޖަހާއިރެވެ.
މާދަމާ އޮންނަ އާންމު ބަހުސްގެ ހެނދުނު ދަންފަޅީގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާނީ ކްރޮއޭޝިޔާގެ ރައީސް އެވެ. އެއަށް ފަހު ދެ ވަނަ އަށް ވާހަކަ ދައްކަވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ. އަދި ތިން ވަނަ އަށް ވާހަކަ ދައްކަވާނީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
މިފަހަރުގެ އާންމު ބަހުސްގައި ގިނަ ގައުމުތަކުން އެންމެ ބޮޑަށް ފާހަގަކުރާނެ ކަމަށް ބެލެވެނީ، ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ކުރިއަރާފައިވާ ގައުމުތަކުން ގެންގުޅޭ ބޭއިންސާފު ކަމަށެވެ. ދުނިޔޭގެ ފަގީރު އަދި ކުދި ގައުމުތަކަށް އެކަށީގެންވާ ވަރަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުލިބިގެން އާދޭސް ކުރާއިރު، ވިލާތުގެ ބައެއް ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ތިން ވަނަ ޑޯޒެއް ވެސް ޖެހުމަށެވެ.
އދ.ގެ އާންމު ބައްދަލުވުން ތާވަލު ކުރުމާ އެކު އެމެރިކާ އިން މަޝްވަރާ ދީފައިވަނީ، ގައުމުތަކުގެ ވެރިންނާއި އެބޭފުޅުންގެ ވަފްދުތައް އެމެރިކާ އަށް ވަޑައިނުގެން، އޮންލައިންކޮށް އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށެވެ. ނަމަވެސް ގައުމުތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ބޮޑުވަޒީރުން އަދި ހާރިޖީ ވަޒީރުންގެ ގިނަ ބަޔަކު ނިންމީ، އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާށެވެ.
އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ވެރިންނަކީ، އެ ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިންގެ އެއް ޑޯޒް ވެސް ލިބިފައިނުވާ ގައުމުތަކުގެ ވެރިންނެވެ. އެހެންކަމުން އެފަދަ ބޭފުޅުންނަކީ ކޮވިޑްގެ ނުރައްކާ އޮތް ބައެއް ކަމަށް ވުމުގެ ފުރުސަތު އެބަ އޮތެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިދިޔަ ހަފުތާގައި ބުނި ގޮތުގައި، މުޅި ދުނިޔޭގައި މިހާތަނަށް 5.7 ބިލިއަން ވެކްސިން ޑޯޒް ޖަހައިފި އެވެ. ނަމަވެސް އޭގެ ތެރެއިން 73 ޕަސެންޓް ޑޯޒްގެ ވެކްސިން ޖަހާފައިވަނީ އެންމެ 10 ގައުމުގެ މީހުންނަށެވެ. އެއީ ވިލާތުގެ ގައުމުތަކާއި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ މީހުންނަށެވެ. މިއަދަދުތަކުން އެނގެނީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ކޮވިޑް ވެކްސިން ބޭނުންކުރުމުގައި އެހެން ގައުމުތަކަށް އެއްވެސް ވަރަކަށް ނުބަލާ ކަމެވެ.
އެހެންކަމުން، ކުރިއަށް އޮތް ދެ ހަފުތާގައި، އދ.ގެ އާންމު މަޖިލީހުގައި ގައުމުތަކުގެ ވެރިން ކުރައްވާ ތަގުރީރުތަކުގައި، ވިލާތުގެ ގައުމުތަކަށާއި ކުރިއަރާފައިވާ ގައުމުތަކަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރާނެ ކަމަށް ބެލެވެ އެވެ.