20 ސެޕްޓެމްބަރ 2021 - 21:47
އަންހެނުންނާއި ޒުވާނުންނަށް އިންޓަނެޓްގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅަށް ލިބިދިނުމަށް ދުނިޔެ އިން ކުރާ މަސައްކަތް ދެގުނަކުރަން ޖެހޭ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫއެން ބްރޯޑްބޭންޑް ކޮމިޝަނުގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޓަނެޓްގެ ހިދުމަތް އެންމެނަށް ލިބޭ މިންވަރު ރަނގަޅުކުރަން މިހާރަށް ވުރެ ރަނގަޅަށް ގައުމުތަކަށް މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަށް ޓަކައި ކުރަން ޖެހޭ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތަކާއި ވިޔަފާރިތައް ގުޅިގެން އެ ދާއިރާއިން ކުރާ މަސައްކަތް މިހާރަށް ވުރެ ވަރުގަދަ ކުރުމެވެ.
"އަދި އަންހެނުންނާއި ޒުވާނުންނަށް މިހާރަށް ވުރެ ރަނގަޅަށް އޮންލައިން އެކްސެސް ކަށަވަރުކޮށްދިނުމަށް ޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް ދެގުނަ ކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
އިންޓަނެޓްގެ ހިދުމަތް ލިބުމުގައި މިހާރު އޮތް ނަހަމަކަން ކުޑަކުރުމަކީ، މަސައްކަތް ކޮށްފި ނަމަ ކުޑަކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކޮށްފި ނަމަ އެ އެހީތެރިވެވެނީ އެތައް ބިލިޔަން މީހުންނަކަށް އެ މީހުންގެ އަސާސީ ހައްގުތަކަށް ވާސިލުވާން އެހީތެރިވުން އެކަންޏެއް ނޫނެވެ. އެއީ އިގުތިސާދީ ބޮޑުކުރިއެރުމަކަށް ވެދޭ އެހީތެރި ކަމަކަށް ވެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ވިޔަފާރިވެރިން އުފައްދައި، ވިޔަފާރިކުރުން ފަސޭހަކުރުމަށް މަގުފަހިކޮށްދޭނެ ވެސް ކަމެއް،" ޝާހިދު ވިދާޅުވި އެވެ.
އިންޓަނެޓްގެ ހިދުމަތުގެ ހާލަތު މިހާރު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީ އަށް ވާސިލުނުވެވި ދުނިޔޭގެ އެތައް ބިލިޔަން މީހުންނެއް މިހާރު ވެސް އެބަތިބި ކަމަށެވެ. ސިއްހީ ހިދުމަތާއި ތައުލީމާއި އިގުތިސާދީ ކުރިއެރުމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދުނިޔޭގެ އާބާދީގެ މެދުގައި ނަހަމަކަން އޮތް އިރު، އެ ތަފާތު އެންމެ ބޮޑަށް ކުރިމަތިވެފައި އޮތީ ޝާހިދު ވިދާޅުވި ގޮތުގައި އަންހެނުންނާއި އަންހެން ކުދިންނަށެވެ.