21 ސެޕްޓެމްބަރ 2021 - 11:39

އުގެއިލް ފައުންޑޭޝަނާއި "މަމްސް" އެންޖީއޯ އާ ގުޅިގެން، އިނގިރޭސި ބަހުން ލިޔަން ކިޔަން ދަސްކޮށްދޭ ކޯސްތަކެއް އަންހެންނުންނަށް ހާއްސަކޮށްގެން ފަށާކަމަށް އެ ފައުންޑޭޝަނުން މިއަދު ބުނެފި އެވެ.
ބޮޑެތި މީހުން އިނގިރޭސި ބަހަށް އަހުލުވެލި ކުރުމުގެ ގޮތުން މަމްސް އިން އިސްނަގައިގެން އުގައިލް ފައުންޑޭޝަނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ. ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކޯހަށް އެޕްލައި ކުރެވޭނެ ކަމަށާއި އެޕްލިކޭޝަން ރެޖިސްޓްރޭޝަންގެ ގޮތުގައި 100ރ. ނަގާނެ ކަމަށް އުގައިލް ފައުންޑޭޝަނުން ބުންޏެވެ. އަދި ކޯސް ފީގެ ގޮތުގައި މީހެއްގެ އަތުން 200ރ. ނަގާނެ އެވެ.
މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަމަހުގެ މުއްދަތަކަށެވެ. ކޯހުގައި ކިޔަވައިދޭނީ އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ޓީޗަރުންނެވެ. އަދި މުޅި ކޯސް ކުރިއަށް ގެންދާނީ އިނގިރޭސި ބަހުންނެވެ. ތިން ލެވެލްއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައިދޭނީ ހަފުތާ އަކު އެއްދުވަހު އެވެ. ކޯސް ބަހާލާފައި ވަނީ އެއްވެސް ވަރަކަށް އިނގިރޭސިން ލިޔަންކިޔަން ނޭނގޭ މީހުންނާއި ކޮންމެވެސް ވަރަކަށް އެނގޭ މީހުން އަދި ކުޑަ މިންވަރަކަށް ވާހަކަ ދެއްކުމާއި ލިޔުމުގެ ހަމަތައް އެނގޭ މީހުންނަށެވެ.
ކޯސް ކުރިއަށް ދާނީ ކޮންމެ ހަފުތާ އަކު ވެސް މަސައްކަތެއް ހަވާލުކުރާ ގޮތަށް އަދި މަސައްކަތް ނިންމާ އަޕްލޯޑް ކުރަމުންދާ ވަރަކަށް މާކު ކުރެވި ރަނގަޅު ކުރަންޖެހޭ ކަންކަން ބައިވެރިންނަށް ބުނެދީ އިތުރަށް ރަނގަޅުކުރެވޭ ގޮތަށެވެ. ކޮންމެ ހަފްތާއެއްގައި ވެސް ދޭ މަސައްކަތް ގަވާއިދުން ނިންމާ މީހުންނަށް ޕްރޮގްރާމް ނިމިގެން ދާއިރު ސެޓްފިކެޓެއް ދޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު ވެސް ކްލާސްތައް ނަގައިދޭނީ ޒޫމް އެޕް މެދުވެރިކޮށެވެ.
މި ޕްރޮގްރާމުގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ފަސްނުޖެހި އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމާއި ވާހަކަ ދެއްކުމުގެ ހަމަތައް ދަސްކޮށްދިނުމުގެ އިތުރުން އެހެންމީހުންނާއި ވާހަކަ ދައްކާއިރު ކޮންވަޒޭޝަން ކުރިއަށް ގެންދާނެ ގޮތް ދަސްކޮށްދެވޭނެ ކަމަށް އުގައިލް ފައުންޑޭޝަނުން ބުންޏެވެ.
ކޯހުގައި ބައިވެރިވުމަށް ޒޫމް އޮންލައިން މެދުވެރިކޮށް ފޯމް ހުށަހެޅުމުން ކޯހުގައި ބައިވެރި ވެވިއްޖެ ކަމަށް މެސެޖެއް ލިބޭނެ އެވެ. އަދި އޭގެ ފަހުން ކޯހަށް ފައިސާ ބަލައިގަންނާނެ ގޮތުގެ ތަފްސީލު ވައިބާ މެސެޖެއް މެދުވެރިކޮށް އެ މީހަކަށް ލިބޭނެ އެވެ.