ޖޭއެސްސީ ބަދަލުކުރަން ޖެހޭ، އެތާ އަޅުގަނޑު އިންނާކަށް ނުޖެހޭ: ނަޝީދު
ޖޭއެސްސީ ބަދަލުކުރަން ޖެހޭ، އެތާ އަޅުގަނޑު އިންނާކަށް ނުޖެހޭ: ނަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި އެ ކޮމިޝަންގައި އެމަނިކުފާނު އިންނަވަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އެމްޑީޕީން ވައުދުވި ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސެޕް ގްރޫޕުގައި އެ ޕާޓީގެ މަޖިލިސް މެންބަރަކު ވިދާޅުވުމުންނެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ޖޭއެސްސީ ބަދަލުކުރަން މާދަމާ ވެސް އިސްލާހެއް ލާންވީ ކަމަށާއި ނަމަވެސް އެ އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް ކަމަށެވެ. މެނިފެސްޓޯގައި ބުނަނީ އެކުލެވޭ ގޮތް ބަދަލު ކުރުން އެކަނި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ވައުދަކީ ސިޔާސީ ނުފޫޒު ނޯންނަ ގޮތަށް ޖޭއެސްސީ ބަދަލުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ ވެސް އެމްޑީޕީއަށް ކަމަށް ވާތީ ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ސަރުކާރަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. ސަރުކާރަށް އެކަމުގައި ބާރު އޮތް އިރު، ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުނުކުރާތީ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ފާޑުކިޔައިފަ އެވެ.

ޖޭއެސްސީގެ މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އެގޮތުން ރައީސް އައްޔަންކުރައްވާ މެމްބަރަކާއި އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ އިތުރު މެންބަރައް ވެސް އެ ކޮމިޝަނުގައި ހިމެނެ އެވެ.

ސަރުކާރުން ބުނެފައި ވަނީ އެމްޑީޕީގެ ރިޔާސީ ވައުދާ އެއްގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ގެނައުމަށް ލަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ އެއްވެސް ސިޔާސީ މީހަކު ނުހުންނަ ގޮތަށް ޖޭއެސްސީ ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. މީގެ ކުރިން ވެސް އޭނާ އެ ބިލު ހުށަހެޅުމުން ވަނީ ބޭރުކޮށްލައިފަ އެވެ.