27 ސެޕްޓެމްބަރ 2021 - 14:58

މާލެ އަލިކިލޭގެފާނު މަގުން ދުއްވާފައި ދިޔަ މުދާ އުފުލާ ވޭނެއް ކޮންޓްރޯލުން ނެއްޓި ކެފޭއެއްގެ ތެރެއަށް ވަދެ، އެ ކެފޭގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ އެވެ.

މިއަދު މެންދުރު ފަހު ހިނގި މި އެކްސިޑެންޓުގައި ވޭނެއް ވަދެފައި ވަނީ އަލިކިލޭގެފާނު މަގުގައި ހުންނަ މިސްޓާ ސަބް ކެފޭގެ ތެރެއަށެވެ. އެ ކެފޭގެ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.

ފުލުހުން ބުނީ އެ ކެފޭގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ވަގުތު އެތަނުގެ އެތެރޭގައި ތިބި ދެ މީހަކަށް ކުދިކުދި އަނިޔާވެފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިކިލޭގެފާނު މަގާއި ލިލީ މަގުގެ ކަންމައްޗަށްވާ ގޮތަށް ހުންނަ އެ ކެފޭގެ ބޭރުގައި، މަގުގައި ހަރުކޮށްފައި ހުރި މަގުމަތީ ދެ ނިޝާން ބޯޑެއް ވެސް ވަނީ ވެއްޓިފަ އެވެ. އެ ބޯޑު ވެއްޓިފައި އޮތީ ކެފޭގެ ތެރެއަށެވެ.
މި އެކްސިޑެންޓުގައި އެ ކެފޭގެ ބޭރުގައި ހުރި ޕޮލިސް ބެރިކޭޑުތަކެއް ވެސް ވަނީ ފުނޑުފުނޑު ވެފަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.