އެލަވަންސްތައް އަލުން ދޭންފަށާއިރު އުނިވި ބައެއް ނުލިބޭނެ: އަމީރު
އެލަވަންސްތައް އަލުން ދޭންފަށާއިރު އުނިވި ބައެއް ނުލިބޭނެ: އަމީރު

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާާއްޖޭގެ އިގުތިސާދަށް ލިބުނު ގެއްލުމުގައި، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ކަނޑައިލި އެލަވަންސްތައް އަލުން ދޭން ފަަށާ އިރު، އުނިކުރި ފައިސާ ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެލަވަންސްތައް އަލުން ދޭންފަށާއިރު އުނިވި ބައެއް ނުލިބޭނެ: އަމީރު
އެލަވަންސްތައް އަލުން ދޭންފަށާއިރު އުނިވި ބައެއް ނުލިބޭނެ: އަމީރު

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައި އަމީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިނުން ހުއްޓައިލި އެލަވަންސްތަކުގެ ތެރެއިން ސެޓްފިކެޓް އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށެވެ. އެކަމަކު ޕާފޯމެންސް އެލަވަންސް ދޭން ފެށޭނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގެން ދިއުމުން ކަމަށް ވިދާޅުވި އެވެ.

"ކޮވިޑް 19 އާ ގުޅިގެން ގެއްލިގެން ދިޔަ އާމްދަނީ އަކީ މުސްތަގުބަލުގައި ވެސް ދައުލަތަށް ލިބޭނެ އާމްދަނީއެއް ނޫން ކަމުން، ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދާއި އާމްދަނީ ބެހެއްޓުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ހުއްޓައިލެވުނު އެލަވަންސެއް އަލުން ދޭން ފަށާއިރު އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމުގައި ދަންނަވަމެވެ،" މަޖިލީހަށް ފޮނުއްވި ސިޓީގައި އަމީރު ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަމީރާ ކުރެއްވި އެއް ސުވާލަކީ ކޮވިޑްގައި ހުއްޓައިލި ސެޓްފިކެޓް އެލަވަންސާއި ޕާފޯމެންސް އެލަވަންސް އަލުން ދޭން ފަށާނީ ކޮންއިރަކުންތޯ އާއި އަލުން ދޭން ފަށާއިރު، ކުރީގެ ދުވަސްތަކަށް އެލަވަންސް ލިބޭނެ ތޯ އެވެ.

އަމީރު ވިދާޅުވީ ކޮވިޑްގައި ރާއްޖޭގެ އިގުތިސާދުގެ ތިންބައިކުޅަ އެެއްބައި ފުހެވިގެން ދިޔަ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލުނު އިރު، ސިވިލް ސާވިސް މުވައްޒަފުން މަދުނުކޮށް އަދި މުސާރައިން އުނި ނުކޮށް ހިފެއްހެޓިފައި ވުމަކީ ކާމިޔާބީއެއް ކަމަށެވެ.

އެކަމަކު ކޮވިޑުގައި އިގުތިސާދަށް ލިބުނު ގެއްލުންތަކާ އެކުގަައި ވެސް ހަރަދުތައް ކުރަން ޖެހުމުން ދައުލަތުގެ ފިސްކަލް ޑެފިސިޓާއި ދަރަނި މިދިޔަ އަހަރު ބޮޑުވެފައިވާ ކަަމަށާއި އެގޮތުން އިތުރުވި ޑެފިސިޓާއި ދަރަނި، ދެމެހެއްޓެނިވި މިންގަނޑަަކަށް އަނބުރާ ގެންދަން އަދިވެސް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކި ދާއިރާތަކުން ހަރަދު އިތުރުވާ ނިސްބަތް، އާމްދަނީ އިތުރުވާ ނިސްބަަތާއި އެއް ހަަމައެއްގައި ނުވަތަ އެއަށް ވުރެ ދަށުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އަދި އާ ކަންކަމަށް ހަރަދުކުރަން ނިންމާއިރު ކަންކަން ޕްރަޔޮރަޓައިޒްކޮށް، ހަރަދުތައް ބަހާލައިގެން ކުރިއަށް ގެންދަން ޖެހެ އެވެ،" ސިޓީގައި އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހަދަރުދުކުޑަކޮށް، އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުން އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާ ކަމަށެވެ.