28 ސެޕްޓެމްބަރ 2021 - 17:24

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން އެއްވެސް ގޮތަކަށް އެއްބަސްވުމެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިިވާ މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ އެސްއޯއެފަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށާއި އެއީ މައްސަލައިގެ ތަހުގީގަށް އެ މީހުންގެ އެއްބާރުލުން ބޭނުންވާތީ ނިންމި ގޮތެއް ކަމަށް ބުނެފަ އެވެ. އެހެންވެ އެކަމަށް ވަނީ އާންމުންގެ ފާޑުުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ޕީޖީ ޝަމީމް "މިހާރު" އަށް ވިދާޅުވީ ޖިނާއީ ދައުވާ ނުކުރުމަށް އެއްބަސްވުމެއް އޮތީ އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާއާ ބައިވެރިވި އެހެން ބައެއް މީހުންނާ އެކީގައި ކަމަށެވެ.
"އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރުމަށް އެއްބަސްވުމެއް، ކުރީގެ ޕީޖީ [އައިޝަތު ބިޝާމް] އެބަ އޮތް ހައްދަވާފައި. މިހާރުގެ ޕީޖީގެ ވިސްނުމަކީ ދައުލަތުން ކަމަކަށް އެއްބަސްވެފައި އޮތީވިއްޔާ އެކަމަކަށް އޮނާކުރުން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްއޯއެފަށް ދައުވާ ނުކުރަން ނިންމުމެއް އަދި އެއްބަސްވުމެއް ވެސް ނެތުމުން، ކުންފުނީގެ މައްޗަށް ދައުވާކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.
ޕީޖީ ވިދާޅުވީ އިއްޔެ ކޯޓުގައި ވާހަކަ ދެކެވުނީ މައްސަލައާ ބެހޭ ގޮތުން ޖުމްކޮށް ނޫން ކަމަށާއި އެއީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ގޮތުން އެ މައުޟޫގައި ދެއްކި ވާހަކައެއް ކަމަށެވެ. ދައުލަތުުގެ ވަކީލުން ވިދާޅުވީ ޔާމީނަށް ދައުވާކުރި މައްސަލާގައި އެސްއޯއެފްގެ މައްޗަށް ދައުވާއެއް ކޮށްފައި ނޯންނާނެ ވާހަކަ ކަމަށާއި އެއީ އެސްއޯއެފަށް އެއްވެސް ދައުވާއެއް ނުކޮށް "އިމިއުނިޓީ" ދޭ ވާހަކައެއް ނޫން ކަމަށެވެ.
"އެސްއޯއެފަށް ދައުވާކުރަންޖެހޭ ގޮތަށް ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ފޮނުވައިފިއްޔާ ދައުވާކުރުމުގެ ފުރުސަތު ވެސް އެބަ އޮތް،" ޝަމީމް ވިދާޅުވި އެވެ.
"އެފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވުނީ އާންމު މަސްލަހަތު އޮތީ އެ ފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެފަރާތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ގެއްލިފައިވާ ފައިސާ ހޯދުން ކަމަށް ވާތީ."
ޝަމީމް ވިދާޅުވީ ކޯޓުގައި ކުރިއަށްދަނީ ވައްކަންކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކުވާ ހާލަތެއް އޮއްވައި ފައިސާ އަނބުރާ ނުދީ އެއިން މަންފާ ހޯދުމުން ކުރި މަނީ ލޯންޑަރިންގެ ދައުވާއެއް ކަމަށާއި އެއީ ސީދާ އެސްއޯއެފްގެ މައްސަލައެއް ނޫން ކަމަށެވެ.
ދައުލަތުން އިއްޔެ ކޯޓުގައި ބުނީ އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމީ ފައިސާ ދިޔަ ގޮތް ނުވަތަ މަނީ ޓްރެއިލް އެނގެން ހުރީ ހަމައެކަނި ޗެކްތަކުން ފައިސާ ދިޔަ ތަންތަން ކަމަށް ވެފައި ނަގުދު ފައިސާ ގެންދިޔަ ތަންތަން ހޯދޭނީ އެކަން ކުރި މީހުންގެ އެއްބާރުލުން ލިބިގެން ކަމަށް ވާތީ ކަމަށެވެ.