29 ސެޕްޓެމްބަރ 2021 - 07:10

އާދިއްތަ ދުވަހާ ގުޅޭ
ނަޖާތުގެ މަރަކީ، ސިޔާސީކުރަން މުންސިރު މަސައްކަތްކުރި ލޯބީގެ ކެހިވެރި ކުޅިގަނޑެއް ހެއްޔެވެ؟ ސިޔާސީ މުޑުދާރު ރޭވުމެއް ހެއްޔެވެ؟ ނުވަތަ ތިނެސްކަން ލޯބީގެ ވާހަކައެއް ހެއްޔެވެ؟ މައްސަލަ ތަހުގީގުކުރި ފުލުހުން ހުރިހައި ދިމާއަކަށް ވެސް ވިސްނުން ބެހެއްޓިއެވެ. މުންސިރުގެ ޕާސްޕޯޓު ހިފާއްޓަން ވެސް ވާހަކަދެކެވުނެވެ. އެކަމަކު މުންސިރުގެ ނުފޫޒުގަދަކަމުން އެ ކަމާ އުޅޭކަށް ނުކެރުނެވެ. ކުރެވުނުހާ ވެސް ކަމަކީ، ދުރުދުރުން މުންސިރަށް ފާރަލުމެވެ.
ނަޖާތު އެއްފަރާތްވުމުން އޭގެ ފައިދާ ދެ ޕާޓީއަށް ވެސް ކުރިއެވެ. ރަސްމީ ގޮތުން ހިތާމަފާޅުކުރިޔަސް، ސިއްރު ބައްދަލުވުންތަކުގައި އުފާ ފާޅުކުރިއެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ފާރަވެރިވިއެވެ. ޖާސޫސްކުރިއެވެ. އެކަމަކު އެއް ބަޔަކަށް ވެސް ބޭނުންވާ ވަރުގެ ހެއްކެތް އަތަކުނުޖެހުނެވެ.
ކަންތައް ވަމުންދިޔައީ ފުލުހުން ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. މުންސިރު ފިލާކަށް ނޫޅެއެވެ. ފުރާކަށް ވެސް ނޫޅެއެވެ. ނަޖާތު މަރުވި ފަހުން މުންސިރު މީހުން ތެރެއަށް ނުކުތުން، އެތައް ގުނައެއް އިތުރުކުރިއެވެ. ދޭތެރެއަކުން ކޮންމެވެސް ނޫހަކަށް ނޫނީ ޗެނަލަކަށް އިންޓަވިއުއެއް ދެއެވެ. ނަޖާތަށް އިންސާފު ހޯދައިދިނުމަށް އެދި އާދޭސްކުރެއެވެ. ބޭނުމަކީ، މުންސިރާ ދޭތެރޭ އެކަކު ވެސް ޝައްކުކުރިޔަ ނުދިނުން ހެއްޔެވެ؟ މުންސިރަށް މީހުންގެ ހަމުދަރުދީ ހޯދުން ހެއްޔެވެ؟ ތަހުގީގު މުޅީން ނުނިމެނީސް އެ ގޮތަށް އިންޓަވިއުދިނުމަކީ ތަހުގީގަށް ހުރަސްއެޅޭ ކަމެކެވެ. އެކަމަކު، މުންސިރަކީ ވެރިކަންކުރާ ޕާޓީގެ ނުފޫޒުގަދަ މީހެކެވެ. އޭނަ ހުއްޓުވާނެ ނުވަތަ ހުއްޓުވޭނެ މީހަކު ނެތެވެ.
ފުލުހުންގެ ތަހުގީގު ޓީމުން ބައްދަލުވުމެއް ބޭއްވި ދުވަހެކެވެ. ބައްދަލުވުމުގައި ބައިވެރިވީ، އެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތިން ފުލުހުންނެވެ. ބަހުސު ހޫނުގަދަކަމުން ތަނުގައި ހުރި އޭސީއަށް ވެސް ކެތްވާ ވަރު ނުވާ ކަހަލައެވެ.
"ރައީސަށް ދަންނަވައިގެން ނަމަވެސް މުންސިރު ހުއްޓުވަން އެބަ ޖެހޭ!" ސާޖަންޓު އާސިފު ބުންޏެވެ. "އަޅުގަނޑުމެން ރައީސަށް ހުށައަޅާ ހުރިހާ އަޕްޑޭޓެއް މުންސިރަށް އެބަ އެނގޭ. އޭނައަކަށް ނުހުރެވޭނެ ދޫ މައިތިރިކޮށްގެނެއް. ކުރީ ދުވަހަކު ވެސް އިންޓަވިއުއެއްގަ ބުނެފި، ހުރިހާ ވެސް މައްސަލައަކީ ކަޅު ތިއްކެކޭ. ނަޖާތުގެ ބޮޑީން ފެނުނު ނީޑްލް ޕަންޗަރ ވޫންޑްގެ ވާހަކަ އެ ދައްކަނީ. މީ ސިއްރެކޭ އިނގޭތޯ! އެހެން ހަމަ ބޭނުންހާ ތާކު އޭނައަކަށް އެ ވާހަކައެއް ނުދެއްކޭނެ. އޭނަ ހުއްޓުވާ!"
"ކޮންމެ މީހަކު ވެސް ބޭނުންވަނީ މޮޅު އެއްޗެއް ބުނެލައިގެން ހެޑްލައިނެއް ހަދަން،" ސާޖަންޓު ނިމާލް ހިތްހަމަނުޖެހިފައި ބުންޏެވެ. "ހަގީގަތުގަ މުންސިރަކީ ވެސް ސަސްޕެކްޓެއް ނޫންތޯ!"
ރިޔާސަތުގައި އިނީ، ސީރިއަސް އެންޑް އޯގަަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ސީނިއަރ ސާޖަންޓު ތޮލާލެވެ. އޭނަގެ ހިޔާލު އެހެން ފުލުހުންނާ ތަފާތެވެ.
"އަޅުގަނޑަށް ފެންނަނީ، ކިޔާނެ އެއްޗެއް ކިޔަން އޭނަ ދޫކޮށްލާފަ ބަހައްޓަން،" ކުޑަކޮށް ހިނިއައިސްފައި ތޮލާލު ބުންޏެވެ. "އޭނަ ދައްކާ ހުރިހާ ވާހަކައެއް ހުންނާނީ ރެކޯޑުކުރެވިފަ. އެހެން އަނގަ މައިތިރި ނުވެގެން އުޅޭ މީހުންނަށް ނިކަން ފަސޭހައިން ކުށް ކިޔޭނެ. ފަޅާއަރާނެ. އެއީ އަޅުގަނޑުގެ ތަޖުރިބާ!"
ވާހަކަ އަޑުއަހަން ތިބި އާސިފުއާއި ނިމާލަކަށް އެ ޖަވާބު ކަމަކުނުދިޔައެވެ. ގަބޫލުކުރާކަށް ވެސް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް ތޮލާލުގެ ވާހަކަ ހަގީގަތަކަށް ބަދަލުވާން މާ ގިނަ ދުވަހެއް ނުނެގިއެވެ. ހެއްޔަންބޯ ޕުރޮގުރާމުގައި ލިބުނު ފުރުސަތެއްގައި މުންސިރު ހިތުން މޮޅު ވާހަކައެއް ދައްކައިފިއެވެ.
"ކޮބައިތޯ ކައިވެނީގެ އެންމެ ފޮނި ހަނދާނަކީ؟" ޕުރޮގުރާމު ހުށައެޅި ވަސީމު ސުވާލުކުރިއެވެ. "ބެލުންތެރިންނާ ހިއްސާކޮށްލެވިދާނެތޯ؟"
މުންސިރު ވިސްނައިލިއެވެ. ކަރުނަ ހިފަހައްޓަން މަސައްކަތްކޮށްކޮށް ހުއްޓައި، ދެލޯ މަޑުމަޑުން ތެމެން ފެށިއެވެ.
"އެންމެ ހަނދާނެއް ނަމަ ނޫންތޯ ހިއްސާކުރެވޭނީ،" ކުރެހިފައިވާ އަޑަކުން މުންސިރު ބުންޏެވެ. "އަޅުގަނޑުމެންގެ ކައިވެނީގެ އުފާވެރިކަން ދުލުން ބަޔާންކުރަން، ޔަގީނުން ވެސް އަޅުގަނޑެއް ނުކުޅެދޭ! ދުވަހަކު ވެސް އަޅުގަނޑުމެން އަރާރުންވެ، ޒުވާބުކޮށެއް ނަހަދަން. މިއަދު ނަޖާތު ދުނިޔޭގަ ހުރި ނަމަ މި ކަމަށް ހެކިވީސް. ނަޖާތަކީ ވަރަށް ކިޔަމަންތެރި، ވަފާތެރި، އޯގާތެރި އަންބެއް. އަޅުގަނޑަށް ސުވަރުގެ މިންވަރުކުރައްވައިފިއްޔާ، އެ ތަނުގަ ވެސް އަޅުގަނޑު ހުންނަން ބޭނުންވަނީ ނަޖާތު ކައިރީގަ."
މުންސިރު އެހެން ބުނި ނަމަވެސް، މުންސިރު މަސައްކަތްކުރާ ހޮސްޕިޓަލުގެ ބައެއް ޑަކުޓަރުންނާއި ނަރުހުން އެ ކަމަށް އެއްބަހެއް ނޫނެވެ. އެ ވާހަކަތައް ހުރީ ރިކޯޑުކުރެވިފައެވެ. ފުލުހުން ކުރި ސުވާލުތަކުން އެނގުނު ގޮތުގައި، ނަޖާތާ ބެހޭ ގޮތުން މުންސިރު ވަރަށް ބޭއަދަބީ ވާހަކަތައް ދައްކައިފައި އެބަހުއްޓެވެ. ބުނަން ނުވާ ކަހަލަ އެއްޗެހި ވެސް ބުނެފައި އެބަ ހުއްޓެވެ. ނަޖާތު މަރުވުމުގެ ކުރިން ވެއަތުވި ދެތިން މަސް ތެރޭގައި މުންސިރު ގިނައިން ފެނިފައިވަނީ ފިކުރަކަށް ގެއްލިފައި އިންދައެވެ. އެކަނިމާއެކަނި ވިސްނަން އިންދައެވެ. އެކުވެރިޔަކު ސުވާލުކޮށްފި ނަމަ މުންސިރު އާންމުކޮށް ދެނީ އެއް ޖަވާބެކެވެ.
"އަހަރެންގެ އަންހެނުން ވަގަށްނަގައިދީބަލަ!" މުންސިރު ބުނާކަމަށްވެއެވެ. "އޭނަގެ ކިބައިން އަހަރެން ސަލާމަތްކޮށްދީބަލަ! ހެޔޮނުވާނެ!"
އެއީ މުންސިރާ އެކުގައި މަސައްކަތްކުރާ އެންމެ މީހަކު ބުނި އެއްޗެއް ނޫނެވެ. އެތައް ބަޔަކު އެ ކަމަށް ހެކިވެއެވެ. ވީ އިރު ޓީވީއަށް އަރައި މުންސިރު އެހާ ބޮޑު ދޮގެއްހެދީ ކީއްވެގެން ހެއްޔެވެ؟ މުންސިރު ފޮރުވަން އުޅެނީ ކޯޗެއް ހެއްޔެވެ؟ ފުލުހުންގެ މުޅި ތަހުގީގު މުންސިރާ ދިމާއަށް އަނބުރައިލީ އެ ހިސާބުންނެވެ.
ފުލުހުން ދެކޭ ގޮތުގައި، ރައީސަކަށް ނަޖާތު ހޮވިއްޖެ ނަމަ އެންމެ ފަހުރުވެރިވާނެ މީހަކީ މުންސިރެވެ. މުންސިރަކީ ނަޖާތުގެ ދެ ދަރީންގެ ބައްޕައެވެ. ނަޖާތު މަރާލައިގެން މުންސިރަށް ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކޮންމެވެސް އެހެން ބަޔަކު މުންސިރު ހައްލައިލީ ހެއްޔެވެ؟ މުންސިރު ބުލެކުމޭލު ކޮށްފައި އޭގެ ބަދަލެއްގެ ގޮތުން ނަޖާތު މަރައިލަން އެދުނީ ހެއްޔެވެ؟ ހުރިހައި ދިމާއަކަށް ފުލުހުން ވިސްނުން ބެހެއްޓިއެވެ. ފުލުހުން ތިބީ، ކޮންމެ ދިމާއަކަށް ވެސް ތަހުގީގު އެނބުރިގެން ހިނގައިދާނެކަމަށް ތައްޔާރުވެގެންނެވެ.
ސަރުކާރަށް މުހިންމުވީ މުންސިރެއް ނޫނެވެ. ނަޖާތެވެ. އޭނަ މަރުވި ގޮތް ހޯދުމެވެ. ނަޖާތު އެންމެ ފަހުން ޓީވީން ވާހަކަދެއްކި ރޭ، އެ ޕުރޮގުރާމު ނިންމައިފައި ކޮފީއެއް ބުއެވެ. ބިސްކޯދެއްގެ އެއް ފަޅި ކެއެވެ. ޓީވީ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނުގައި އެ ވާހަކަ ނެތީ، ބަޔާން ލިޔުނު މީހާގެ ސަމާލުކަމަށް އެ ކަން، އޭރު އައިސްފައި ނެތީމައެވެ. އެ ބިސްކޯދުގައި އެއްވެސް މައްސަލައެއް ހުރީމައެއް ނޫނެވެ. ފުލުހުންގެ ފޮރެންސިކުން ފަހުން ބެލިބެލިމުން ވެސް ބިސްކޯދުގައި އެއްވެސް މައްސަލައެއް ނެތްކަން ސާބިތުވިއެވެ. އެހެނަސް، ނޫސްބަޔާނުގައި އެ ވާހަކަ ޖެހިފައި ނެތުމުން ސަރުކާރުން ފަހުން އެ ވާހަކަ ނުދެއްކީއެވެ.
މުންސިރާ މެދު ފުލުހުންނަށް ޝައްކުވުމުން، ސަރުކާރުން ތަންމިނަށް އެ ދޮރު ހުޅުވައިދިނެވެ. ވީހާ ވެސް މިނިވަންކަމާއި، ދެ ފުށް ފެންނަ ގޮތަކަށް ތަހުގީގު ކުރިޔަށް ގެންދިޔުމަށް އެދުނެވެ. ލިބުނު ބާރާ އެކުގައި، ފުރަތަމަ ވެސް ފުލުހުން ބަލަން ބޭނުންވީ މުންސިރުގެ ލެޕްޓޮޕެވެ. އެއަށް ފަހު ފޯނެވެ. ޗެޓުލޮގާއި އީމެއިލުތަކެވެ. ލިޔުނު ސިޓީތަކާއި ފުހެލި ސިޓީތަކެވެ. އެހެންނަމަވެސް، މުންސިރާއި ސަރުކާރާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން، ރީތިކޮށް އެ ކަން ގެންދަން ސަރުކާރުން ނަސޭހަތްތެރިވިއެވެ. ފުލުހުން އެ ކަން ކުރީ ނޫސްވެރިންނަށް ސިއްރުންނެވެ.
މަޑުމަޑުން މަންޒަރު ސާފުވާން ފެށިއެވެ. ލީޒާއާއި މުންސިރާ ދެމެދު ލޯބީގެ ގުޅުންތަކެއް ވަނީ ހިނގައިފައެވެ. ލީޒާއަކީ، މުންސިރު ވަޒީފާއަދާކުރާ ހޮސްޕިޓަލުގެ ޑަކުޓަރެކެވެ. ނަޖާތަށް ވުރެ މާ ޒުވާން، މާ ރީތި ކުއްޖެކެވެ. ޗެޓުގައި މުންސިރު ބުނެފައިވާ ގޮތުގައި، ނަޖާތަކީ އަމިއްލަ އެދުން ބޮޑު މީހެކެވެ. ނަޖާތު އަބަދުވެސް ބޭނުންވަނީ އަނބި ދަށުކޮށްގެން މުންސިރު ގެންގުޅޭށެވެ. ހުރިހައި ކަމެއް ކޮންޓުރޯލުކުރާށެވެ. އޭނަ މަތިން މުންސިރު ފޫހިވެއްޖެއެވެ. ލީޒާގެ ލޯބީގައި މުންސިރު ހައްޔަރުވެއްޖެއެވެ. ނަޖާތު ކައިރިން ސަލާމަތްވެގެން ލީޒާޔާ އިންނަން މުންސިރު ބޭނުމެވެ. އެ ދުވަސް ދެން މާ ދުރެއް ނޫނެވެ. އެ ހަގީގަތް ފުލުހުންނަށް އެނގުމުން، ފުލުހުން މުޅި ހާދިސާ ފަހަތަށް އޮޅައިލިއެވެ. ނަޖާތު މަރުވި ވަގުތާ ހަމައަށެވެ.
ނަޖާތު ހޮސްޕިޓަލަށް ގެންދަންވެގެން އެންބިއުލާންސަށް ގުޅީ މުންސިރެވެ. އެއީ ރިކޯޑުކުރެވޭ ކޯލެކެވެ. ފުލުހުން އަލުން އެ ކޯލު އަޑުއެހިއެވެ. މުންސިރަށް ޝައްކުކޮށްގެން އެ ކޯލު އަލުން އަޑުއެހުމުން ޝައްކު އިތުރަށް ފުޅާވިއެވެ. އެންމެ ބޮޑު މައްސަލައަކީ، މުންސިރު ވާހަކަދެއްކި ރާގެވެ. އެ ރާގުގައި އެއްވެސް ހާސްކަމެއް ނެތެވެ. ކަންބޮޑުވުމެއް ނެތެވެ. މުންސިރު ހުރީ ވަރަށް ހަމަޖެހިފައެވެ. އެއީ، ފަހުނޭވާލަމުންދާ އަންބެއްގެ ފިރިޔެއްގެ އަޑު ހުރެގެންވާނެ ގޮތެއް ނޫނެވެ.
ފުލުހުން ދެން ބޭނުންވީ، އެ ދުވަހު އެންބިއުލާންސުގައި ތިބި މީހުންނާ ބައްދަލުކުރާށެވެ. އެންބިލާއުންސުން އައި ޑަކުޓަރާއި، ނަރުހާއި، އެހީތެރިންގެ ފަރާތުން ވެސް ފުލުހުންނަށް ލިބުނީ ޝައްކު އިތުރުވާ ކަހަލަ މައުލޫމާތުތަކެކެވެ. އެ މީހުން ބުނި ގޮތުގައި، އިމަޖެންސީއަޅައިފައި ހޮސްޕިޓަލަށް ދިޔަ އިރު ވެސް ނަޖާތު ސަލާމަތްކުރެވެން ހުރި ހުރިހާ ކަމެއް އެންބިލާންސު ތެރޭގައި ދިޔައީ ކުރެވެމުންނެވެ. މުންސިރަކީ ވެސް ޑަކުޓަރެކެވެ. ނަޖާތުގެ ފިރިމީހާއެވެ. އެ ފަދަ ދަނޑިވަޅެއްގައި މުންސިރަށް ކޮށްދެވޭނެ އެތައް ކަމެއް ހުންނާނެއެވެ. އެކަމަކު މުންސިރު ހަމަޖެހިލައިގެން ފޯނާކުޅެން އިނީއެވެ. އެއީ އަނބިމީހާ ދެކެ ކިހާ ވަރަކަށް ލޯބިވާ ފިރިއެއް ހެއްޔެވެ؟ ކޮން ކަހަލަ ހިތެއްގެ ވެރިޔެއް ހެއްޔެވެ؟ އެންމެންގެ ލޮލުގައި ވެސް އެ ކަން އަޅައިގަތެވެ. ކިތަންމެ ހިތްވަރުގަދަ މީހަކަސް، ވެގެންއުޅޭ ގޮތް ނޭނގޭ، ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތް، މަރާ ހަނގުރާމަކުރަމުންދާ އަނބިމީހާ ގޮވައިގެންދާ އިރު ފިރިމީހާއަށް ފޯނާކުޅޭކަށް ނީނދެވޭނެއެވެ. ފޯނަށް ސަމާލުކަމެއް ވެސް ނުދެވޭނެއެވެ. އެކަމަކު މަސްލަހަތަށް ބަލައިފައި އެކަކު ވެސް އޭރު އެ ވާހަކަ ނުދެއްކީއެވެ.
ނަޖާތުގެ އެކުވެރިންނާ ވެސް ސުވާލުކުރެވުނެވެ. އެކަކު ބުނި ގޮތުގައި، ޓީވީ ޕުރޮގުރާމު ނިންމައިފައި ގެއަށް ދިޔުމުގެ ކުރިން އޭނައަށް ނަޖާތު ގުޅިއެވެ.
"އަހަރެން ބޭނުމެއް ނޫން މުންސިރާ އިނދެގެން އުޅޭކަށް،" ނަޖާތު ބުނިކަމަށް ވެއެވެ. "މާދަން ކޯޓަށް ފޯމުލާނަން."
ނުނިމޭ