29 ސެޕްޓެމްބަރ 2021 - 11:20

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ކަމުން، ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކެޕްޓަން ޔާމިން އިބްރާހިމް (ޔާމްބެ) ދުރުކޮށް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ މެނޭޖަރުކަށް، ކްލަބު ވެލެންސިއާގެ ކުރީގެ ޖެނަރަލް ސެކްރެޓްރީ އަބްދުﷲ ޝިބާއު ހަމަޖައްސައިފި އެެވެ.
ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމުގެ ސްޓާފުންގެ ގޮތުގައި ނަންތައް އިއުލާން ކުރި އިރު ޔާމްބެގެ ނަމެއް ނެތެވެ. އަދި ގައުމީ ޓީމުގެ ޕްރެކްޓިސްތައް މާލޭގައި ފެށިއިރު ވެސް އަދި ޓްރޭނިން ކޭމްޕްގައި ގަތަރަށް ދަތުރު ކުރި އިިރު ވެސް ޓީމާއެކު ޔާމްބެ ނުދެ އެވެ.
ޓީސީ ސްޕޯޓްސްގެ ކްލަބުގެ ރައީސްކަން ވެސް ކުރިން އަދާކުރި ޔާމްބެ ވަނީ، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އިސްކޮށް ހުންނަވައިގެން އުފައްދަވާ، މޯލްޑިވްސް ނެޝަނަލް ޕާޓީ އަށް ސޮއިކޮށްފަ އެވެ. އެ ޕާޓީ އަށް ޔާމްބެ ސޮއިކުރި އިރު އޭނާ ހުރީ ގައުމީ ޓީމުގެ މެނޭޖަރުކަމުގެ މަގާމުގަ އެވެ.
ނަމަވެސް ގައުމީ ޓީމުގެ އެކި މަގާމުތަކަށް މީހުން ހަމަޖެއްސިކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރެއްވި އިރު މެނޭޖަރުގެ މަގާމު އިއުލާން ކޮށްފައެއް ނުވެ އެވެ.
ޝިބާ މެނޭޖަރު ކަމަށް ހަމަޖެއްސީ އެފްއޭއެމްގައި މިހާރު ވެސް މަސައްކަތް ކުރައްވާ ބޭފުޅަކާ ގައުމީ ފުޓުބޯޅަ ޓީމުގެ އިދާރީ މަސައްކަތްތައް ހަވާލު ކުރުމުގެ ގޮތުންނެވެ. ގައުމީ ޓީމުގެ މެނޭޖަރަކަށް ހުންނަވާ ބޭފުޅަކު އެފްއޭއެމް އަށް ނިސްބަތް ނުވުމަކީ އިދާރީ ގޮތުން މަސައްކަތް ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި މީގެ ކުރިން ވެސް ފާހަގަ ކުރެވިފައިވެ އެވެ. ޝިބާ އަށް މެނޭޖަރުގެ މަގާމު ހަވާލު ކުރީ އެޑްމިނިސްޓްރޭޓާއެއްގެ ހައިސިއްޔަތުންނެވެ. ޝިބާ އަކީ ފުޓްބޯޅަ އެޑްމިނިސްޓްރޭޝަންގައި ކާމިޔާބު އަދި މިހާރު ވެސް އެފްއޭއެމްގެ ކްލަބް ލައިސަންސިން ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ކުރިން މިހާރު އަށް ދެއްވި އިންޓަވިުގައި ބައްސާމް ވިދާޅުވީ، އެފްއޭއެމްގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓިވް ލެވަލްގެ ބޭފުޅަކު ގައުމީ ޓީމުގެ މެނޭޖަރު ކަމަށް ހަމަޖައްސާނެ ކަމަށާއި، އެ މަގާމުގެ ޕޯޓްފޯލިއޯގެ ހައިސިއްޔަތުން މެނޭޖަރު ކުރައްވާނީ ހަމައެކަނި ޓީމާ ގުޅޭ އިދާރީ މަސައްކަތްތައް އެކަނި ކަމަށެވެ.
ޝިބާ އަކީ، ބައްސާމް ކުރިން ކުޅުއްވައި، އެ ކްލަބެއްގެ ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރެއްވި ކްލަބު ވެލެންސިއާގެ ކުރީގެ މެނޭޖަރެވެ. އަދި އޭނާ އަކީ ބައްސާމް އާއި އާއިލީ ގޮތުން ވެސް ގާތް ބޭފުޅެކެވެ. ބައްސާމް ވެލެންސިއާގައި މަސައްކަތް ކުރެއްވި އިރު ވެސް ޝިބާ ކްލަބުގެ މަސައްކަތްތަކުގައި އުޅުއްވި އެވެ.
އޭއެފްސީ ކްލަބު ލައިސަންސް ރާއްޖޭގެ ކްލަބުތަކަށް 2019 ގައި ނުލިބުމުން، އެ މަސައްކަތް ހަރުދަނާ ކުރުމަށް އެފްއޭއެމުުން ހަމަޖެއްސީ ޝިބާ އެވެ. މިދިޔަ ދެ އަހަރު ކްލަބު ލައިސަންސް ދިވެހި ކްލަބުތަކަށް ހޯދައި ދިނުމުގައި ޝިބާ ކުރެއްވި މަސައްކަތް ކްލަބުތަކުން ފާހަގަ ކުރެ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.
- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ
- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް
- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ
- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ
ފަސް ޓީމު ވާދަކުރާ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ.