29 ސެޕްޓެމްބަރ 2021 - 11:16

ގޭގެ އާއި އުޅަނދުތަކުގައި ހިނގާ ކަންކަން ފުލުހުންނަށް ސިއްރުން ބެލޭ ގޮތަށް އެކުލަވާލާފައިވާ، ތަހުގީގު ކުރުމުގައި ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު މުރާޖައާ ކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

އެެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 22 މެންބަރަކު ވޯޓު ދެއްވި އިރު ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރެކެވެ.
އެ މައްސަލަ ހުށަހަހަޅުއްވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދުން، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަމާ ތައާރަޒުވާ ކަމަށެވެ.
"މި ގަވާއިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭތީ އާއި ފަރުދުންގެ އަމިއްލަ ހުރިހާ ހަރަކާތްތައް ބަލައި ޗެކުކޮށް ފާރަލުމާއި، ކެމެރާ އާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި އަދި އާޓިފިޝަލަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދައި އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތު ލިބޭ ފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމުގައި ދެކެން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގެއް ގާނޫނަކުން ވިޔަސް ގަވާއިދަކުން ވިޔަސް ނިގުޅައި ނުގަނެވޭނެ ކަމަށާއި ހައްގާއި މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގާނޫނުއަސާސީ މާނަ ވެސް ނުކުރެވޭނެ ކަމަށެވެ.
އެހެންވެ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ސައީދު ގޮވައިލެއްވި އެވެ.
މިދިޔަ މަހު އެކުލަވާލި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު ބުނާގޮތުން ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމާއި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެކި ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިންގް އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް އޮންނާނެ އެވެ.
މީގެ އިތުރުން ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. ނަމަވެސް އެ ބާރުތައް ފުލުހުންނަށް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވަސީލަތްތައް ހަރުކުރުމާއި މުއާސަލާތީ ވަސީލަތްތައް އަޑުއެހުމާއި ބެލުން ފަދަ ކަންކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު މޮނީޓާ ކުރުމާއި އޮޅުވާލައިގެން މުއާމަލާތު ކުރުމާއި ސްޓިންގް އޮޕަރޭޝަން ހިންގުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެން އެކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.