30 ސެޕްޓެމްބަރ 2021 - 16:22

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަަލަކުން އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑު އަނިޔާއެއް ނުވެ މީހަކު ސަލާމަތްވެއްޖެ އެވެ.
މި މަހުގެ 19 ވަނަ ދުވަހު މާފަންނު ހަނދުވަރީ ހިނގުމާއި މުނިޔާމަގު ގުޅޭ ކަންމަތީގައި ހިނގި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެއިން ފެންނަނީ މަޑުމަޑުން ދުއްވާފައި އަންނަ ސައިކަލެއްގައި، ވަރަށް ބާރަށް އައި ސައިކަލަކުން ޖެހޭ ތަނެވެ.
ބާރަށް ދުއްވާފައި ދާ، ދެ ފިރިހެނަކު އިން ސައިކަލުން ޖެހެނީ އަންހެނަކު އެކަނި ދުއްވާފައި އަންނަ ސައިކަލެއްގަ އެވެ. މުނިޔާމަގުން ވަރަށް ބާރަށް އައި ސައިކަލުން ޖެހުނީ އަންހެން މީހާގެ ސައިކަލުގެ ކުރީ ފުރޮޅާ ދިމާލުގަ އެވެ. ޖެހުމާ އެކު އެ ސައިކަލާ އެކު އަންހެން މީހާ ވެއްޓެ އެވެ. އެކަމަކު ބާރަށް ދުއްވި ސައިކަލް އެ ދާ ގޮތަށް ދަނީ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މަރިޔަމް ނާއިފާ އިބްރާހިމް "މިހާރު" އަށް ބުނީ ހަނދުވަރީ ހިނގުމުން އޭނާ ސައިކަލު ދުއްވާފައި ގޮސް، މުނިޔާމަގުގެ ކަންމައްޗާ ގާތްވިއިރު ވެސް އެ މަގުން ބާރު ސްޕީޑުގައި ސައިކަލު އަންނަ ތަން ނުފެންނަ ކަމަށާއި އެ ސައިކަލު އައީ ކުއްލިއަކަށް ކަމަށެވެ.
މި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖު ރޭ އާންމުކުރީ ނާއިފާގެ އާއިލާއިންނެވެ.
"އެތަނުގައި މަގުން ބޭރަށް ކަންމައްޗަށްވާ ގޮތަށް އޮތް ކާރެއް ޕާކުކޮށްފައި. އެ ކާރު އޮތީމަ އަނެއް މަގުން އަންނަ ވެހިކަލްތައް ނުވެސް ފެނޭ،" ނާއިފާ ބުންޏެވެ.
"އެ ސައިކަލު އައިސް ޖެހުނީމަ، ޖެހުނު ގޮތަށް މަޑު ވެސް ނުކޮށް އެމީހުން ހަމަ ދިޔައީ،" އެކަމަކު އޭނާ ބުނީ މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.
ނާއިފާ ވެއްޓުނު ވަގުތު މޫނާއި މޭމަތި ބިންމަތީގައި ވަރަށް ބާރަށް ޖެހި މޫނާއި އަރިކައްޓަށް ވަނީ އަނިޔާވެފަ އެވެ.
އެކްސިޑެންޓުގައި ސައިކަލްގެ ކުރީ ފުރޮޅާއި ބުރަކި ވެސް ވަނީ ހަލާކުވެފަ އެވެ.
ނާއިފާ ބުނީ އެކްސިޑެންޓަށް ފަހު ޑޮކްޓަރަށް ދެއްކުމުން އެކްސްރޭ ނަގައިގެން ބެލުމަށް ފަހު އަނިޔާއެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ، އެކަމަކު އަދިވެސް ގައިން ތަދު ނުކެނޑޭ ކަމަށް އޭނާ ބުންޏެވެ.