01 އޮކްޓޯބަރ 2021 - 10:59

ދެކުނު އޭޝިއާގެ ގައުމުތަކުގައި ފުޓްބޯޅައިގެ ތަރުތީބެއް ނެތް ކަމަށާއި ނިއު ރޭޑިއަންޓްގައި ކުރު މުއްދަތެއްގައި މަސައްކަތް ކުރުމަށް ފަހު ރާއްޖެ ދޫކޮށްލީ ވެސް އެހެންވެ ކަމަށް ސްރީ ލަންކާގެ ގައުމީ ޓީމުގެ ކޯޗު އާމިރް އަލަގިޗް ބުނެފި އެވެ.

ބޮސްނިއާ އަށް ނިސްބަތްވާ ކޯޗު ވަނީ 2015 ގައި ރާއްޖޭގެ ނިއު ރޭޑިއަންޓްގައި މަސައްކަތްކޮށްފަ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހު ރާއްޖޭގައި މަސައްކަތް ކުރުމަށް ފަހު އޭނާ ރާއްޖެ ދޫކޮށްލީ ދިވެހި ކުޅުންތެރިން ދެވަނަ ވަޒީފާއެއްގެ ގޮތުގައި ފުޓްބޯޅަ ދެކޭތީ ހުރި އުނދަގޫތައް ފާހަގަކޮށްފަ އެވެ. އޭރު އޭނާ ބުނެފައި ވަނީ އެހެން ވަޒީފާ އަކަށް ދަމުން ފުޓްބޯޅަ ކުޅުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ދަމަހައްޓަން އުނދަގޫވާނެ ސަބަބެއް ކަމަށެވެ.
ރާއްޖޭގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މެޗުގައި، ލަންކާ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަލަގިޗް ބުނީ ލަންކާގެ ފުޓްބޯޅަ ވެސް އޮތީ އެގޮތަށް ކަމަށެވެ. އޭނާ ލަންކާގައި މަސައްކަތް ކުރަނީ ގައުމީ ޓީމުގެ ކޯޗުގެ އިތުރުން ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގެ ހައިސިއްޔަތާ ވެސް އެކުގަ އެވެ. އޭނާ ބުނީ ލަންކާ އަކީ ޕްރޮފެޝަނަލް ލެވަލްގައި ފުޓްބޯޅަ ކުޅޭ ގައުމަކަށް ހެދުމަށްޓަކައި ގިނަ ކަންކަން ފުރިހަމަކޮށް ތަރުތީބު ވާން ޖެހޭ ކަމަށާއި ގައުމީ ޓީމު ވެސް ހަރުދަނާ ވާނީ އޭރުން ކަމަށެވެ.
އޭނާ ފާހަގަކުރި އެންމެ ފުރަތަމަ ކަމަކީ، ލަންކާގެ ސުޕަ ލީގުގައި ވާދަކުރާ ކްލަބުތައް ރަނގަޅު ސިސްޓަމަކަށް ހިންގަން ފެށުމެވެ. އަދި ލީގުގެ ވާދަވެރިކަން އިތުރުކޮށް ކުޅުންތެރިންނަކީ ފުލް ޓައިމްކޮށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނަށް ވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ނިއު ރޭޑިއަންޓްގައި މަސައްކަތްކުރި އިރު އޮތް ފުޓްބޯޅައިގެ ހާލަތު ބަދަލު ކުރުމަށް އޭނާ މަސަކަތް ކުރިކަން އިއްޔެ ބޭއްވި ޕްރެސްގައި އޭނާ ބުންޏެވެ.
"އަހަންކަށް ދެ މަސް ދުވަހުގެ ތެރޭ [ނިއު ރޭޑިއަންޓްގެ] މެނޭޖުމެންޓަށް ކޮންވިސްކޮށް ނުދެވުނު، އެމީހުން ކޮންމެހެން ހައްލު ކުރަން ޖެހޭ ކަންކަން ހައްލު ކުރާކަށް. އެކަން ނުކުރެވުނީމަ އެއްބަސްވުން އުވާލީ،" އަލގިޗް ބުންޏެވެ.
އޭނާ ބުނީ ލަންކާގެ ކުޅުންތެރިންނަކީ ވެސް ވަޒީފާ އަދާކުރަމުން ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ކަމަށެވެ. އަދި އިންޑިއާގައި ވެސް ކުޅުންތެރިން އުފެދެނީ ޑޮވްލޮޕްމެންޓްގެ މަރުހަލާތައް ފުރިހަމަނުކޮށް ކަމަށެވެ. އެހެންވެ ފުޓްވޯޅައާ މެދު އެހެން ހިސާބުތަކުގައި ވިސްނާ ގޮތަށް މި ސަރަހައްދުގައި ކުޅުންތެރިންނާއި ކްލަބުތައް ނުވިސްނާ ކަމަށް އިންޑިއާގެ އީސްޓް ބެންގާލްގައި ވެސް މަސައްކަތް ކުރި ކޯޗް ބުންޏެވެ.
"އަހަރެން ނުބުނަން ކުޅުންތެރިންގެ ހުނަރު އެމެޗުއާ އެކޭ. ހުނަރު އެބައޮތް. އަހަރެން މި ބުނަނީ ފުޓްބޯޅައިގެ ސްޓެޓަސް އެމެޗުއާ ވާހަކަ،" އަލަގިޗް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް ލަންކާ އައީ އެކަށީގެންވާ ޓްރޭނިންތަކެއް ނެތިކަން އޭނާ ފާހަގަ ކުރި އެވެ. ފްރެންޑްލީ މެޗެއް ކުޅެން ނުލިބުމުން އެކަމުގެ ކަންބޮޑުވުންތައް އޭނާ ފާހަގަ ކުރި އެވެ.
"އަހަންނަށް ހެޔޮ މި މުބާރާތުން ކޮންމެ ނަތީޖާއެއް ނެރުނަސް. މިއަށްވުރެ އަހަރެން ވިސްނަން ދެން އަންނަން އޮތް އޭޝިއަން ކަޕް ކޮލިފިކޭޝަނަށް އަދި އެއަށް ފަހު އޮންނަ 2026 ގެ ވޯލްޑް ކަޕަށް. އަހަރެން ބަލާނަން މިހާރު މިތިބަ ސީނިއާ ކުޅުންތެރިން ރިޕްލޭސް ކުރާނީ ކޮން ކުޅުންތެރިނެއްތޯ."
ކުރިން ރާއްޖޭގެ ކްލަބު އީގަލްސް އަށް ކުޅުނު ލަންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސުޖަން ޕެރޭރާ ބުނީ ރާއްޖެ އަކީ އޭނާގެ ދެ ވަނަ ގައުމު ކަމަށެވެ. ގަލޮޅު ދަނޑުގައި ކުޅުމަކީ އަބަދުވެސް އޭނާ އަށް އުފާވެރި އިހްސާސްތަކެއް ގެނެސްދޭ ކަމެއް ކަމަށް އީގަލްސް އަށް ހަ އަހަރު ވަންދެން ކުޅުނު ސުޖަން ބުންޏެވެ.