01 އޮކްޓޯބަރ 2021 - 23:10

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ސްރީ ލަންކާ އާއި ބަންގްލަދެޝްގެ މެޗަށް ނުކުތް ރެފްރީ އަކީ މިވަރުގެ މުބާރާތަށް އެކަށޭނެ ފެންވަރުގެ ރެފްރީއެއް ނޫން ކަމަށް، ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗަށް އިންސާފް ކުރަން ނުކުތީ، ސީރިއާގެ ރެފްރީ ފެރާސް ތަވީލް އެވެ. އޭނާގެ ނިންމުންތަކާ މެދު ސްރީ ލާންކާގެ ކެޕްޓަން ސުޖަން ޕެރާރާ ވެސް މެޗުގައި ހިތްހަމަ ނުޖެހުނެވެ.
ލަންކާ މިއަދުގެ މެޗުގައި ބަލިވީ ބަންގްލަދޭޝް އަށް ދިން ޕެނަލްޓީގައި ޓޮޕް ބަރްމަން ކާމިޔާބު ކުރި ޕެނަލްޓީގަ އެވެ. އަދި ރެފްރީ ތަވީލް ވަނީ ބޯޅައިގައިގައި އަތުން ޖެހުނު ލަންކާގެ ޑިފެންޑަރު ޑަކްސަން އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅައިގައި ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަ ނުވާ ކަމަށް ވާހަކަ ދެއްކި އަލގިޗް މިއަދު ޕޯސްޓް މެޗު ޕްރެސްގައި ބުނީ ދެކުނު އޭޝިއާއިން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޮޑު އިންވެސްޓްމެންޓެއް ކުރަމުންދާއިިރު މިވަރުގެ ރެފްރީންނަކީ މުބާރާތަށް އެކަށޭނެ ލެވަލްއެއް ނޫން ކަމަށެވެ.
"އަހަރެން ކަހަލަ މީހަކު ކޮންމެ މެޗެއް ނިމިގެން އެކި މީހުންނަށް ބްލޭމް ކުރާ މީހަކު އެކަމަކު އަހަންނަކީ އެކަހަލަ މީހެއް ނޫން. އަހަންނަކީ ލަންކާގެ ޓްކްނިކަލް ޑައިރެކްޓަރު ވެސްމެ. އެކަމަކު ތެދުތެދަށް އެއްޗެއް ބުނާނަމަ މިކޮލަގޮތަކަށް ޕެނަލްޓީއެއް ލިބި ބަލިވެގެން ދިއުމަކީ ވަރަށް ހިތި ކަމެއް،" އަލަގިޗް މެޗަށް ފަހު ބުންޏެވެ.
"އޭއެފްސީން ވެސް ޖެހޭނެ މިކަހަލަ ކަންކަމާ ވިސްނަން. ރެފްރީ އަކީ މި ލެވަލް އަށް އެކަށޭނެ ރެފްރީއެއް ނޫން. އަހަރެން އެއްވެސް މީހެއްގެ ބޮލަށް ކަމެއް ކަނޑާލަނީކީ ނޫން. މި ލެވަލް އަށް މި މުބާރާތަށް އެކަށޭނެއެއް ނޫން. ދެކުނު އޭޝިއާއިން ވެސް އެބަ މަސައްކަތް ކުރޭ ފުޓްބޯޅައިގައި ކުރިއަށް ދެވޭތޯ. މި ސަރަހައްދުން ވެސް ފުޓްބޯޅަ އަށް ވަރަށް ގިނަ ފައިސާތަކެއް އެބަ ހޭދަ ކުރޭ. އަހަމެން [ސްރީ ލަންކާއިން] ވެސް ވަރަށް ގިނަ ފައިސާތަކެއް އެބަ ހޭދަ ކުރަން. އެކަމަކު މިހާވަރަށް ބުރަކޮށް މަސައްކަތް ކުރި މެޗެއްގައި އެއް ކުޅުންތެރިޔަކު މެދުވެ ޕެނަލްޓީއެއް ލިބިގެން ބަލިވުމަކީ އުނދަގޫ ކަމަކަށް ވާނެ."
ލަންކާގެ ޓީމުގެ މިޑްފީލްޑްގައި އެންމެ އެކިއުރޭޓް ނުވުމުން އޭނާ ގޭމް ރޭވީ އެކަންކަން ފޫބެދޭނެ ގޮތަށް ކަމަށް އަލަގިޗް ބުންޏެވެ. އެގޮތުގައި ލަންކާއިން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް މައްސަލަ ކުރިމަތިވީ ރަތް ކާޑު ދެއްކި ހިސާބުންކަން އޭނާ ފާހަގަ ކުރި އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން ފެނުނު ގިނަ ޕޮޒިޓިވް ކަންކަމުން ބަލައިގެން މެޗަށް ތައްޔާރުވާނެ ކަމަށް ބުނި ކޯޗް ބުނީ އެއް ކުޅުންތެރިޔަކު މަދުވުމާ ހަމައަށް ލަންކާގެ ކުޅެމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ޓީމުގެ ފަރާތުން ފެނުނު ކުރި އެރުމާމެދު އޭނާ ހިތްހަމަ ޖެހެ އެވެ.
"ޑަކްސަން އަކީ އަހަރެމެންގެ އެންމެ މުހިންމު ކުޅުންތެރިޔާ. އެއް ކުޅުންތެރިޔަކު މަދުވީމަ އެތަން ކަވަރުކުރަން އުނދަގޫ ވާނެ،" އަލަގިޗް ބުންޏެވެ.
އަންނަ ހޯމަ ދުވަހު ލަންކާ އަށް އޮތީ ނޭޕާލް މެޗެވެ. ބޮސްނިއާ އަށް ނިސްބަތްވާ ކޯޗް ބުނީ މިއަދުގެ މެޗުގައި ފެނުނު ކަންކަން އެނަލައިޒް ކުރުމަށް ފަހު، ނޭޕާލް މެޗުގައި ޑަކްސަންގެ މަގާމު ފޫބެއްދޭނެ ގޮތަކަށް އޭނާގެ ގޭމް ރާވާނެ ކަމަށެވެ.