އުމުރުން 14 އަހަރުގެ ނިބާލް ތަފާތު ދައްކައިފި!
އުމުރުން 14 އަހަރުގެ ނިބާލް ތަފާތު ދައްކައިފި!

ގައުމީ ބެޑްމިންޓަން މުބާރާތުގައި އެންމެންގެ ލޯ އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިޔަކީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން އެންމެ 14 އަހަރުގެ ނިބާލް އަހުމަދު އެވެ. ބެޑްމިންޓަން ޖޫނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ އިމާދުއްދީން ސްކޫލުގެ ދަރިވަރު ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި ވާދަކޮށް ދެއްކި މޮޅު ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ.

އުމުރުން 14 އަހަރުގެ ނިބާލް ތަފާތު ދައްކައިފި!
އުމުރުން 14 އަހަރުގެ ނިބާލް ތަފާތު ދައްކައިފި!

ނިބާލް ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގެ ޓީމް އިވެންޓާއި ފިރިހެން ޑަބަލްސް އިވެންޓާއި ފިރިހެން ސިންގަލްސް އިވެންޓުގެ އިތުރުން ޓީމް އިވެންޓުގައި ވާދަކޮށްފަ އެވެ. ޑަބަލްސް އިވެންޓުގައި ނިބާލް އާއި މުހައްމަދު އަރްސަލާން އަލީގެ ޕެއާ ބަލިވީ ފުރަތަމަ މެޗުންނެވެ. ޑަބަލްސް އިން ފުރަތަމަ މެޗުން ބަލިވި ނަމަވެސް ނިބާލްގެ މޮޅު ކުޅުން ފެނުނީ ސިންގަލްސް އިވެންޓުންނެވެ. އޭނާ ވަނީ ފުރަތަމަ ފަހަރަށް ވާދަކޮށް ދެ ވަނަ ޑިވިޝަންގެ ސިންގަލްސް ފައިނަލަށް ދަތުރުކޮށްފަ އެވެ.

އުމުރުން 14 އަހަރުގެ ނިބާލް ތަފާތު ދައްކައިފި!
އުމުރުން 14 އަހަރުގެ ނިބާލް ތަފާތު ދައްކައިފި!

"ފުރަތަމަ މުބާރާތުގައި މި ހިސާބަށް އާދެވުމުން ވަރަށް އުފާވޭ. މިއީ އުއްމީދުކުރި ކާމިޔާބީއެއް ނޫން. ފުރަތަމަ ގައުމީ މުބާރާތަށް ވުމުން ބެލީ ދެވެން އޮތް އެންމެ ދުރަކަށްދާން. މެޗަކަށް ފަހު މެޗެއް ނެގީ. ކޮންމެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް އެންމެ ބޮޑަށް ބެލީ އަމިއްލަ ގޭމް ރަނގަޅު ކުރަން،" މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު "މިހާރަ" ށް ނިބާލް ބުންޏެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ބެޑްމިންޓަން ކުޅެން ފެށި ނިބާލް އަކީ ކެރަމް އަށް ވެސް މޮޅު ކުޅުންތެރިޔެކެވެ. ގައުމީ ލެވެލްގެ އެކި މުބާރާތްތަކުގައި ކެރަމް ކުޅުނު ނަމަވެސް ނިބާލް މިހާރު ހުސްވެގެން ހުރީ ބެޑްމިންޓަނަށެވެ.

"ސްކޫލުގައި ކޮންމެވެސް ދެ ކުޅިވަރެއްގައި ކުރިއަށް ދެވޭ. (އެހެންވެ) ކުރިން ކެރަމް ކުޅުނިން. އެކަމަކު ފަހުން ވަގުތުދޭން އުނދަގޫވާތީ ހަމައެކަނި ބެޑްމިންޓަން އިން ކުރިއަށްދާން ބޭނުންވީ،" ނިބާލް ބުންޏެވެ.

ސިންގަލްސް ފައިނަލުން ނިބާލް ޖާގަ ހޯދީ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ސީޑުގައި އޮތް އަހުމަދު ހާލިދު އާއި ތިން ވަނަ ސީޑުގައި އޮތް ނާތިޖު އަލީ ބަލިކުރުމަށް ފަހު އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ތަޖުރިބާގެ ގޮތުން ބަލާއިރު ނިބާލަށް ވުރެ މާ ކުރީގައި އުޅޭ ދެ ކުޅުންތެރިންނެވެ. އެހެން ނަމަވެސް މި ދެ ކުޅުންތެރިންގެ މައްޗަށް ނިބާލް ކުރި ހޯދީ ހުނަރާއި ޑިސިޕްލިންގެ ބޭނުން ހިފައިގެންނެވެ.

ފައިނަލުގައި ނިބާލް ނުކުތީ ފާއިތުވި އަހަރުތަކުގައި އަތޮޅު ލީގާއި ޓީމު އިވެންޓު އަދި އިންޑިވިޖުއަލް އިވެންޓުތަކުގައި ރަނގަޅު ވަނަތަކެއް ހޯދާފައިވާ ބ. އޭދަފުށީގެ ހުސެއިން މުހައްމަދުއާ ދެކޮޅަށެވެ. ފައިނަލުގެ ފުރަތަމަ ސެޓު ގެންދިޔައީ 22-15 އިން ނިބާލް އެވެ. އެހެން ނަަމަވެސް ތަޖުރިބާގެ ބޭނުންހިފައި ހުސެއިން ވަނީ ދެން ކުޅުނު ދެ ސެޓު ގެންގޮސްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު އޭނާ އެ ދެ ސެޓު ގެންދިޔައީ 22-20 އާއި 21-17 އިންނެވެ.

"ފައިނަލުގައި ފުރަތަމަ ފަހަރަށް ވީމަ ފިނިވެފައި ހުރީ. އެކަމަކު ބެލިން ރަނގަޅަށް ކުޅެވޭތޯ. ފުރަތަމަ ސެޓު ލިބިފައި ދެ ވަނަ ސެޓު ވަރަށް ވާދަވެރިކޮށް ގޮސްފައި ބަލިވުމުން ހިތްވަރު އެލުނީ. އަނެއްކާ ޕްރެޝަރު ވެސް ހޭންޑްލް ނުވީ،" ފައިނަލް މެޗާ ބެހޭގޮތުން ނިބާލް ބުންޏެވެ.

މި މުބާރާތުގައި ވާދަކުރި ގިނަ ކުޅުންތެރިންނާއި ޓެކްނިކަލް އޮފިޝަލުން ވެސް ވަނީ ނިބާލް އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އޭނާ އަކީ ބެޑްމިންޓަންގައި މުސްތަގުބަލު އުޖާލާ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެން ފާހަގަކުރެ އެވެ.

"ނިބާލަކީ މި މުބާރާތުގެ ސަޕްރައިޒް. އޭނާ ސާބިތުކޮށްދީފި ވަރަށް ގިނަ ކަންތައްތަކެއް. ހިތްވަރާ އެކު ކޮންމެ ކުޅުންތެރިޔަކަށް ވެސް ކުރިއަށް ދެވިދާނެކަން ނިބާލް ސާބިތުކޮށްދިން. މިއީ އޭނާ އަށް އަދި ފެށުމެއް،" ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ އަދި ނިބާލަށް މިދިޔަ އަހަރު ކޯޗުކޮށްދިން އަލީ ނަސީރު އަބްދުﷲ (ސަޓޯ) ބުންޏެވެ.

"ޒުވާން އެހެން ކުޅުންތެރިންނާއި ނިބާލްގެ ތަފާތަކީ މޮޅުވާން އެ ކުރާ މަސައްކަތް. މެޗަށް އެދޭ ކޮންސަންޓްރޭޝަނާއި މިކަމަށް އޭނާ ހުންނަ ކޮމިޓްމަންޓް. ފަހު ވަގުތާ ޖެހެންދެން ވެސް އޭނާ އެ ކުރާ ހިތްވަރު. އަދި ފާހަގަކޮށްލަން ނިބާލްގެ އާއިލާއިން އެދޭ ސަޕޯޓް. އެއީ ޒުވާން ކުޅުންތެރިޔަކު ކުރިއަރައިގެން އަންނައިރު އާއިލާގެ ސަޕޯޓް ވަރަށް މުހިއްމުވާނެ." އޭނާ ބުންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ޒުވާން ކުޅުންތެރިންނަށް ހާއްސަ ކޮށްގެން އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ ޓްރެއިނިންތަކުގެ ފައިދާ ކުރަމުން އަންނަ ކަމަށާއި މި މުބާރާތުގައި ނިބާލް އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.