04 ޑިސެމްބަރ 2016 - 10:52

ކެލިފޯނިއާ (ޑިސެމްބަރު 4) - އެމެރިކާގެ ކެލިފޯނިއާގައި ނެށުމުގެ ޕާޓީއެއް ބާއްވަމުން ދަނިކޮށް އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

އޮފިޝަލުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރާނެ އެވެ. އޮކްލޭންޑް ފަޔާ ޑިޕާޓްމަންޓުން ބުނި ގޮތުގައި ވެއާހައުސްއެއް ގޮތަށް ހުރި ތަނުގައި ބޭއްވި ޕާޓީގައި 50 އާއި 100 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވެ އެވެ.
އަލިފާން ރޯވި އިމާރާތުގައި އަލިފާން ނިއްވާ ނިޒާމެއް ވެސް ގާއިމްކޮށްފައެއް ނުވެ އެވެ. އަދި އަލިފާން ނިއްވާ މީހުން ދިޔަ އިރު އެ ތަނުން އަލިފާނުގެ އެލާމުގެ އަޑު ވެސް އިވިފައެއް ނުވެ އެވެ. އޮފިޝަލުން ބުނީ އެއީ ގަވާއިދާ އެއްގޮތަށް ހަދާފައިވާ އިމާރާތެއް ވެސް ނޫން ކަމަށާއި އެ ތަނުގެ ތެރޭގައި އެއްޗެހި ގިނަވުމުގެ ސަބަބުން އަލިފާން ނިއްވާ ޓީމަށް އިމާރާތަށް ވަންނަން ވެސް ދަތިވި ކަމަށެވެ. އެހެންވެ އަލިފާން ނިއްވުމުގައި ވަނީ ސްޕެޝަލް ރެސްކިއު ޓީމުތަކުގެ އެހީ ހޯދަން ޖެހިފަ އެވެ.
މިއީ 1989 ވަނަ އަހަރުގެ ފަހުން ކެލިފޯނިއާގެ އޮކްލެންޑުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ އެވެ. އެމެރިކާގެ ތާރީޚުގައި އެންމެ ހިތާމަވެރި ނައިޓް ކްލަބު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ 2003 ވަނަ އަހަރު އެވެ. ރޯޑް އައިލެންޑުގައި އެ ފަހަރު ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 100 މީހުން މަރުވެފަ އެވެ.